ބާއްޖަވެރިޔަކީ ﷲއަށް ތަގުވާވެރިވުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތާމީހާ ކަމަށާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ހެޔޮކޮށްނުހިތާމީހަކީ އަބާއްޖަވެރިއެއްކަމާމެދު އެއްވެސް ޝައްކެތްނެތްކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ މައިންބަފައިންނަށް އިޚްލާސްތެރިވެ ހެޔޮކޮށް ހިތުމުގެ މަށްޗަށެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މައިންބަފައިންނަށް ކަމޭހިތުމަކީ ސާލިހުންގެ ރިވެތި އާދައެއްކަމަށާއި އެއީ މުސިބާތްތަކުން ސަލާމަތްވެވޭ ބަރަކާތް ހާސިލްކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއްކަމަށެވެ. އަދި ކަންބޮޑުވުންތަކާއި ހާސްކަމުން މީހާ ދުރުކޮށް ހިތްހަމަޖެހުން ލިބި ދިރިއުޅުން ރަގަޅުވެގެންދާނެ ކަމެއްކަމަށެވެ.
ﷲ ތައާލާ ވަނީ ބާއްޖަވެރިކަމުގެ މަރުޖިއެއް ކަމުގައި މައިންބަފައިން ލައްވާފަކަމަށާއި، އެބައިމީހުންނީ އޯގާތެރިކަމާއި ކުލުނުގެ ބަގީޗާއެއްކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.
މައިންބަފައިންގެ ހައްގު ނުހަނު މަތިވެރިވެގެންވާއިރު، އެންމެހާ ރިވެތިކަމުގެ މަށްޗަށް އެދެމީހުން ކޮށްދީފައިވާ ހެޔޮކަން ގިނަގުނަ ކަން ފާހަކޮށް ޚުތުބާގައި ވަނީ އެބައިމީހުންނާމެދު އޯގާތެރިކަމާއި ލޯތްބާއި ކުލުނާއެކީ އަމަލުކުރުމަށް ނަސޭހަތްތެރިވެދީފައެވެ.
މިކަމުގެ މުހިންމުކަމެއްކަން މާތްﷲގެ ވަހީފުޅުތަކުންނާއި ރަސޫލާގެ ހަދީސުން އަންގަވާފައިވާ އެންގެވުންތައް ވެސް މިއަދުގެ ޚުތުބާގައި އަލިއަލުވައި ލެއްވިއެެވެ.
”މާތްﷲ ވަހީކުރެއްވިއެވެ. އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ތިމަންރަސްކަލާނގެ ވަސިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތި ކަމުގެ މަށްޗަށް ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުބުން ވީއްލުވަަންވީ ދެ އަހަރުގައެވެ. ތިމަންރަސްކަލާނގެއަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެެވެ. އެބުރި ރުޖޫއުވުން ވަނީ ތިމަންރަސްކަލާނގެ ހަޟުރަތަށެވެ. މިއާޔަތުގެ ތަފްސީރުގައި އިބްނު އައްބާސް ރަޟިއަﷲއަންހު ވިދާޅުވެފައިވެއެެވެ. މައިންބަފައިންނަށް ޝުކުރުވެރިކުވެއްޖެމީހާ މާތްﷲ ެަށް ވެސް ޝުކުރުވެރިއެއް ނުވެއެވެ. އެހެނީ މިއާޔަތުގައި މާތްﷲއަށ ޝުކުރުވެރިވުމަށްފަހުގައި އެއާއި ވިދިގެން އައިސްފައިވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށެވެ.“ ޚުތުބާގައި ބުންޏެވެ.
ﷲ ތައާލާގެ ހައްގު އަދާކުރުމަށްފަހު މައިންބަފައިންގެ ހައްގު އަދަކުރުމަކީ ވާޖިބެއްކަމަށާއި އެވާޖިބު ފުރިހަމައަށް އަދާކުރުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.
“ އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އަދ އެ އިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ.“ ޚުތުބާގައި ބުންޏެވެ.
”ﷲ ސުބުހާނހޫ ވަތައާލާ ވަނީ މައިންބަފައިންނަށް އިހުސާންތެރިވުމަށް ވަސިއްޔަތްކުރައްވާފަ، މައިންބަފައުންނަށް ހެޔޮކޮށްހިތައި އިހުސާންތެރިވެ އޯގާތެރިވުމަކީ ﷲ ތައާލާގެ ހަޟުރަތުގައި ލޮބުވެތިކަންބޮޑުވެގެންވާ އަމަލެއް ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް މަތިވެރި ވެގެންވާކަމެއް އެއީ ސުވަރުގެއަށް ވާސިލްކޮށްދޭ މަގު“ ޚުތުބާގައި ބުނެއެވެ.
މާތްﷲ ވަހީބަސްފުޅަށް ރިއާޔަތްކޮށް މިއަދުގެ ޚުތުބާގައި ބުނީ “ އެދމީހުންކުރެ އެކަކު ނުވަތަ އެމީހުން ތިބާގެ ގާތުގައިތިބެ މުސްކުޅިކަމާއި ހަމައަށް ފޯރިއްޖެނަމަ އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ. އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިއަސް ނުބުނާށެވެ. އަދި އެމީހުންނަށް އަޑުލައިނުހަދާށެވެ. އަދި މާތް ބަހަކުން އެ ދެ މީހުންނަށް ބަސް ބުނާށެވެ. އަދި އޯގާވެރިވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ. ކުޑަކުއްޖަކުކަމުގައި މިއަޅާވީދުވަހު އެދެމީހުން މިއަޅާ ބަލައި ބޮޑުކުރިފަދައިން އެ ދެމީހުންނަށް ރަހުމަތްލަތްފާދޭވެ.“
އެހެންކަމުން މައިންބަފައިންގެ ކިބައިން ނުރުހެވޭ ފަދަ ބައެއްކަންތައްތައް ފެނުނުކަމުގައިވިއަސް މައިންބަފައިނާ ދެކޮޅުހެދުމެއްނެތި އެމީހުންނަށް ކިޔަމަންތެރިވުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެފައިވއެވެ.