ފުލުހުންނާއި ސިފައިންނަށް ފިޔަވަޅުއެޅަން އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހު ދައުލަތުގެ ޓީވީ ސްޓޭޝަން ޓީވީއެމް ހިންގާ އިމާރާތަށް ފުލުހުންނާއި ސިފައިން ވަދެ އެތަނުގެ ކޮންޓްރޯލް ނެގި މައްސަލައިގައި ފިޔަވަޅު އެޅުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން އެ އޮފީހުން ނިންމައިފިއެވެ.

އޮމްބަޑްސްޕސަން އޮފީހުން ބުނީ ސަލާމަތީ ބާރުތަކުން ޓީވީއެމަށް ވަދެގަތް މައްސަލައަކީ އާންމު މަސްލަހަތާ ވެސް ގުޅުންހުރި މައްސަލައެއްކަމަށާ މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކާ ގުޅޭ ކަންކަމުގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ހޯދުމަށްފަހު ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިސްކޮށް ހުންނަވާ އަދި އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ރަޝީދު މޫސާ (ގެވަޅު ބްރޯ) އެކުގައި އިންތިގާލީ އޮފީހަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ބުނެފައި ވަނީ ފެބްރުއަރީ 7، 2012 ގައި ޓީވީއެމްގެ ”ގޭޓަށް ބަޑިޖަހައި“ ތަނުގެ ކޮންޓްރޯލް ނަގާފައި ވަނީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި ”ޓެރަރިސްޓުން“ ކަމަށާ އެ މައްސަލައިގައި ސަލާމަތީ ބާރުތަކަށް އަމުރު ކުރި ފާރާތެއް ހޯދައި ފިޔަވަޅު އެޅުމަށެވެ.

”ޓެރަރިސްޓުންގެ ގޮތުގައި ބަޔާންކުރެވިފައިވާ ފަރާތްތަކުން ހަމަ ޔަގީނުން ވެސް އެ އަނިޔާވެރި އުދުވާނީ ހަމަލާގެ އަމަލު ހިންގާނީ ކޮންމެވެސް ފަރާތަކުން ކޮމާންޑުކޮށްގެންކަމީ ޔަގީން ކަށަވަރު ކަމެއް،“ އެ މައްސަލައިގައި ވެއެވެ.

ސަލާމަތީ ބާރުތަކުން ޓީވީއެމްގޭޓް ފަޅާލައި އެއިމާރާތުގެ ތެރެއަށް ވަދެ ޓީވީން އެވަގުތު ދައްކަމުންދިޔަ ޕްރޮގްރާމް ހުއްޓުވާލައި އެމީހުންގެ ކޮންޓްރޯލް ދަށަށް ޓީވީއެމް އެދުވަހު ގެންދިޔައެވެ. އަދި ޓީވީއެމް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައިރު އެގަޑީގައި މަސައްކަތް ކުރަމުންދިޔަ ބައެއް މުއައްޒަފުންނަށް އިންޒާރުދީ ބިރުދައްކާ ހަދާފައިވާ ކަމަށް ވެސް އޭރު ބައެއް ނޫސްވެރިން ބުނެފައިވެއެވެ.

މެންބަރު ބޮންޑޭއަކީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ހިގައިދިޔަ އެހާދިސާ އާއި ގުޅިގެން އެހާދިސާގެ އެއްދުވަސް ފަހުން ފެބްރުއަރީ 8، ގައި ގިނަ އަދަދެއްގެ ރައްޔިތުން ގޮވައިގެން ޖުމްހޫރީ މައިދާނަށް އެއްވާން ރައީސް ނަޝީދު މާލޭގެ މަގުތަކަށް ނިކުމެވަޑައިގަތުމުން، އެ މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުން އެންމެ ބޮޑަށް އަނިޔާ ލިބުނު އެކަކެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ އިންތިގާލީ އިންސާފުގެ ގާނޫނު ދަށުން އުފެއްދައްދާފައިވާ އޮފީހެކެވެ. މި  އޮފީސް އުފެއްދީ މިދިޔައަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެ އޮފީހަށް 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ މައްސަލަތައް ލެވޭނެއެވެ.

އިންތިގާލީ އިންސާފްގެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދައިދިނުން ހިމެނެއެވެ.

އަދި  ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުމަކީ ވެސް މިގާނޫނުގެ އެއް މަގްސަދެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާ މައްސަލައެއް މަދުވެގެން ދެ އަހަރުގެ ތެރޭގައި ތަހުގީގުކޮށް ނިންމަންޖެހޭނެ އެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް