ރ. ކިނޮޅަހު ބަނދަރަށް ވެލިއަރައި ބަނދަރު ބައްދާލައިފައި އޮތްއޮތުމަށް ހައްލެއް ނުލިބޭތީ ރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށްފިއެވެ.
ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ފޮޓޯޓަކުން ފެންނަ ގޮތުގައި ބަނދަރުގެ ނެރުމައްޗާއިއެކު ވެލިތަށް އަރައި ބަނދަރުން ވަނީ ފިނޮޅެއް އުފެދިފައެވެ. ދޯނިފަހަރަށް ބަނދަރު ތެރެއަށް ވަދެވޭނެހާ ޖާގަވެސް ނެތެއެވެ.
ލަފާފުރުމަށް ބޮޑު ބުރައަކަށް ވުމުން ރަށުގެ ރައްޔިތުންވަނީ އިއްޔެ ހަވީރު އިހުތިޖާޖު ކޮށްފައެވެ. އެމީހުން އިހުތިޖާޖު ކޮށްފައިވަނީ ފިނޮޅެއްހެން އޮތް އެ ވެލިތަކުގެ މަތީގައެވެ.
އިހުތިޖާޖުގައި ބައިވެރިވި ކިނޮޅަހުގެ ޒުވާނަކު ބުނީ އެރަށަށް ލަފާފުރުން މިހާރުވަނީ ބޮޑު އުނދަގުލަކަށް ވެފައި ކަމަށާ ނަމަވެސް އެކަމާ ސަރުކާރުން އަޅައެއް ނުލިކަމަށެވެ.
“ މިތަނަށް އުޅަދަކަށް ނުއެއް ވަދެވޭ، ނުއެއް ނުކުމެވޭ، މިހެން އޮންނަތާ ކިތަންމެ ދުވަހެއް. ކައުންސިލަށްވެސް މިކަން ހައްލުކޮށް ނުދެވުނު. އެންމެ ފަހުން މިނޫންގޮތެއް ނެތިގެން މި ނުކުތީ“ އިހުތިޖާޖުގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.
އޭނާ ބުނީ އެއިހުތިޖާޖުގެ ބޭނުމަކީ ބަޔަކަށް ފެނި ކަމާ ބެހޭ އިދާރާތަކަށް އެމީހުންގެ އިހުސާސްތައް ފޮނުވުންކަމަށެވެ.
އެކި ޝިއާރުތައް ހިފައިގެން ތިބި ބޯޑުތައް ހިފައިގެން ތިބި އިހުތިޖާޖުގައި ބައިވެރިވި މީހުން ބުނަމުން ދިޔައީ އެމީހުންތިބީ ރަށު ބަންދުވެފައި ކަމަށާ އެކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށެވެ.
އެ ބޯޑުތަކުގައި ބަނދަރު ބަންދުވުމުގެ ސަބަބުން ދިމާވަމުންދާ ދަތިތައް ލިޔެފައި ވެއެވެ. އެގޮތުން މުދާ އުފުލާ ބޯޓް ފަހަރަށް ރަށާ ކައިރި ނުކުރެވޭ ކަމަށާ އަތޮޅު ފެރީއަށްވެސް ކައިރި ނުކުރެވޭ ކަމަށާ އަދި މީގެ އިތުރުން ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ތަކެތި ގެނެވޭނެ ގޮތެއްވެސް ނެތް ކަމަށް ވެސް އެ މީހުންގެ ޝުއޫތައް ހާމަކުރުމަށް ލިޔެފައިވާ ބޯޓުތަކުގައި ވެއެވެ.
ރަށުކައުންސިލުން ބުނީ ކިނޮޅަހު ބަނދަރަކީ 2010 ވަނަ އަހަރު ހަދާފައިވާ ބަނދަރެއް ކަމަށާ އެބަނދަރު ހަދާފައިވަނީ ވެސް އެސަރަހައްދުގައި ކުރިން އޮތް ބޮޑު ދޮންވެލިގަނޑުން ބައެއް ނެގުމަށް ފަހުކަމަށެވެ.
އަދި ބަނދަރާއި ދޮންވެލިގަނޑު ވަކިކުރަން އިންފާރެއްގެ ގޮތުގައި ހިލަ ޖެހި ކަމަށާ ނަމަވެސް އެތަން ހަލާކުވެ ބަނދަރަށް ވެލި ވަންނަން ފެށީކަމަށް ކަމަށް ކައުންސިލުން ބުނެއެވެ.
ކައުސިލުން ބުނީ 2012 ވަނަ އަހަރުން ފެށިގެން ވެސް މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކިފަހަރު މަތިން ކަމާބެހޭ އިދާރާތަކަށް މި މައްސަލަ ހުށަހަޅައިގެން ވެސް މި ކަން ހައްލެއް ނުލިބުނީ ކަމަށް ކައުންސިލުން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ ކިނޮޅަހު ކައުންސިލުން ހާމަކުރާ ގޮތުގައި ބަނދރުގެ މަސައްކަތް ހައްލުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން ދެ ފަހަރެއްގެ މަތިން އިއުލާން ކޮށްގެންވެސް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ނުވީއެވެ. އަދި މިހާރު އެ މިނިސްޓްރީގެ ވިސްނުންހުރީ އެމްޓީސީސީއާ މަސައްކަތް ހަވާލުކުރުން ކަމަށް ވެސް ކައުންސިލުން ބުނެއެވެ. ނަމަވެސް އެކަން ކުރެވޭނެ ދުވެހެއް އަދިވެސް ބުނަން ނޭގޭ ކަމަށް ކައުންސިލުން ބުނެއެވެ.