ހުޅުމާލޭ ދެވަނަ ފިޔަވމަަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަށް ދާން ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމަ އަށް ލިޓަސް އިން ސައިކަލެއް ހަދިޔާކޮށްފި އެވެ.
ލިޓަސް އިން ބުނީ ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމަ ކަމުގައިވާ ވަސީމާ މުހައްމަދަށް އެ ކުންފުނީގެ ފަރާތުން ސައިކަލެއް ހަދިޔާކޮށްފައިވާ ކަމަށާއި އެ ސައިކަލަށް ދެ އަހަރުދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން ދެ އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ހަރަދުވެސް ދޭނެ ކަމަށެވެ. ލިޓަސް އިން ވަސީމާއަށް ހަދިޔާކުރީ ޔަމަހާ ފްރީގޯ ސައިކަލެކެވެ.
މިދިޔަ ހަފްތާގައި ވަސީމާ އޭނާގެ ދަރިފުޅު ކޮނޑަށް ލައިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާ ހިސާބަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މި ވީޑިއޯ އާއްމުވުމާއެކު އެ އަންހެން މީހާއާ ބެހޭ މައުލޫމާތު ހޯދަން ލިޓަސް އިން ސޯޝަލް މީޑިއާގައި އާއްމުންގެ އެހީއަށް އެދުނެވެ.
އެ ވީޑީއޯ އާންމު ވުން ވެގެން ދިޔައީ ގިނަ ފާޑުކިއުތަކެއް ސަރުކާރަށް އަމާޒުވި ކަމެއްކަމަށެވެ. މި ހާދިސާއަށްފަހު އިއްޔެ ސަރުކާރުން ވަނީ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދޭން ފަށާފަ އެވެ.