ޓެލެގްރާމްގައި އާއި ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އާންމު ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ، މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސައީދުގެ، 36، މައްޗަށެވެ.
އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދިނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ޓެލެގްރާމްގައި މީހުންގެ ޒާތީ މައުލޫމާތާއި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާއްމުކުރުމުގެ މައްސަލައިގައި ހައްޔަރުކުރި މަސާއިދުގެ މަށްޗަށް 11 ދައުވާއެއް ވަނީ އުފުލާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަސާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ:
- އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާ
- އޮރިޔާން ކާޑު ފެތުރުމުގެ ތިން ދައުވާ
- އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ
- އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
- އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
- އެހެން މީހެއްގެ މުދަލެއްްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
- އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22ވަނަ ދުވަހެވެ.
އޭނާ ބަންދު ކޮށްފައިވަނީ މީހެއްގެ ފޯނެއް ހެކްކޮށް އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލްމީޑިއާއަށް ލީކްކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
އޭނާގެ ބަންދު އަމުރުގައި ވަނީ، އޭނާގެ އޮފީހުގައި އޮތް ދެ ޓީބީގެ ހާޑް ޑްރައިވަކުން މިލިއަނެއްހާ ފޮޓޯ އާއި ޕާސަނަލް ފައިލް ފެނިފައިވާ ކަމަށެވެ.
ފުލުހުން ވަނީ އޭނާ ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އޭނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާޑް ޑްރައިވް ތަހުލީލުކުރުމުން 1 މިލިއަނަށްވުރެއް ގިނަ ފޮޓޯއާއި ފާސަނަލް ފައިލްސް ފެނިފައިވާކަމަށާއި, އޭނާގެ އޮފީހުގެ ވަތްގަނޑުގެ ތެރެއިން އިތުރު 2 ހާޑް ޑްރައިވް އަދި އޭނާގެ ގެއިން 7 ހާޑްޑްރައިވް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިން ބޭއްވި ބަންދު މަޖިލީހުގައި މަސާއިދުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ.
ނަމަވެސް ދައުލަތުން އެދުނު ގޮތަށް ކޯޓުން ނިންމީ އޭނާ ދޫކޮށް ނުލައި ބަންދުގެ މުއްދަތު އިތުރުކުރާށެވެ.