މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ ވައުދު ފުއްދޭނީ 2023ގައި: މިނިސްޓަރު

Loading

Facebook
Twitter
WhatsApp

 

މި ސަރުކާރުން ވެފައިވާ މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދޭނީ 2023ވަނަ އަހަރުގައި ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވަނީ ސަރުކާރުގެ ވައުދެއް ކަމަށްވާ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ވައުދު ފުއްދައިދެވޭނީ ކޮން އިރަކުތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ލިބޭނީ ޅ. ފެލިވަރުގައި މިހާރު ހިންގަމުން އަންނަ މަޝްރޫއު ނިމުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެލިވަރު ތަރައްގީ ކުރުމަށް ބިޔަ މަޝްރޫއެއް ފެށިފައިވާ ކަމަށާ އެ މަޝްރޫއަކީ އިންޑިއަން އެކްޒިމް ބޭންކުން ލޯން ނަގައިގެން މި ސަރުކާރުން ފެލިވަރުގައި ހިންގާ މަޝްރޫއެއްކަމަށެވެ. އަދި މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު ނުވަތަ އެ އަހަރުގެ މެދު ތެރޭގައި މި މަޝްރޫއު ފުރިހަމަ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 35 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓާއެކު ފެލިވަރުގައި 280 ޓަނު ރޯމަސް ގަނެ، ގަނޑުކުރުމުގެ ގާބިލްކަން ލިބިގެން ދާނެ ކަމަށެވެ. އަދި އިތުރު 4000 ޓަނުގެ ފިނިކުރާ ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

”އެ ރަށުގައި ކޭނަރީ މިހާރު ހުރީ 30 ޓަނު ޕްރޮސެސްކުރެވޭ ކޭނަރީއެއް. މި ސަރުކާރުން މި ދަނީ އެތަން 100 ޓަނު ދުވާލަކުު ގަނެ ޕްރޮސެސްކުރެވޭ ގޮތަށް ބަދަލުކުރަމުން. މިއީ މިއިން ޒަމާނަކު ވެސް ރާއްޖޭގައި ނުކުރާ ފަދަ އިންވެސްޓްމެންޓެއް,“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ  މި ޕްރޮޖެކްޓުގެ ދަށުން އަޅާ އައިސް ޕްލާންޓާއި ބަޖެޓުން ހަރަދުކޮށްގެން އަޅަމުން ގެންދާ އައިސް ޕްލާންޓާއެކު 175 ޓަނުގެ އައިސް ފެލިވަރުގައި އުފެއްދޭނެ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. ނަމަވެސް މަސްވެރިންނަށް ހަމަ އަގު ނުލިބި ގިނަ ދުވަސްތަކެއް ވާތީ މަސްވެރިންގެ ގިނަ ޝަކުވާތަކއް މި ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

Loading

One Response

  1. ސާބަހޭ މިނިސްޓަރު. ތެދެއް ދެން 2023 ގައި ހޮވައިދިނީމާ 2018 ގައި ވެރިކަން ހޯދަން ކުރި ވަޢުދު ފުއްދޭނީ. ބަރާބަރު!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް