އިޒުރޭލާއި ފަލަސްތީނު މައްސަލާގައި އެ ދެ ގައުމުން ސުލުހައަށް މަސައްކަތް ކުރުމަށް ބާރުއަޅާ ބިލެއް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ސެނޭޓަށް ހުށައަޅައިފިއެވެ. މިބިލްގެ މައިގަނޑު އެއް މަގުސަދަކީ އެމެރިކާއިން އިޒުރޭލަށް އެހީގެ ގޮތުގައި ދޭ ފައިސާ އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަދަ ކަންކަމުގައި ބޭނުން ނުކުރާކަން ޔަގީން ކުރުމެވެ. އިޒުރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތައް ވަކިކޮށް ދެނެގަތުމަށް މަޖުބޫރު ކުރާ މި ބިލް ހުށައަޅާފައި ވަނީ އެންޑީ ލެވިންއެވެ.
ފަލަސްތީނާއި އިޒުރޭލުގެ ބިމުގެ ސަރަހައްދު ވަކި ކުރުމުގެ އިތުރުން މި ބިލުގައި ވާ ގޮތުން އެމެރިކާއިން ފަލަސްތީނާއި އެކު އޮންނަ ގުޅުން ބަދަހި ކުރަން މަޖުބޫރު ވާނެއެވެ. މި ގޮތުން ފަލަސްތީން ލިބަރައިޒޭޝަން އޯގަނައިޒޭޝަންގެ އޮފީސް ވޮޝިންގްޓަންގައި އަލުން ހުޅުވައި އެމެރިކާގެ ކޮންސުއުލޭޓެއް ފަލަސްތީނުގައި ހުޅުވަން މަޖުބޫރު ވާނެ އެވެ. މި ދެ ތަނަކީ ވެސް ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި ބަންދުކޮށްފައިވާ ދެ އޮފީހެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ފަލަސްތީނާއެކު އޮންނަ ގުޅުން ބަދަހި ކުރަން ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ވެރިކަމަށް 8 މަސް ފުރުނު އިރުވެސް އެމެރިކާގެ ކޮންސިއުލޭޓެއް ފަލަސްތީނުގައި ހުޅުވިފައެއްނެތެވެ. ”އިޒްރޭލަށް ދެމުން އަންނަ އެހީ ހުއްޓުވާކަށް މި ބިލަކު ނޯންނާނެ. އިސްރޭލަށް ކުރިމަތި ވަމުން އަންނަނީ ދިފާއު ކުރަންޖެހޭ ފަދަ ނުރައްކާތަކެއް. ދެމުން އަންނަ އެހީ އެއްވެސް ވަރަކަށް މަދު ކުރުމެއް ނެތި ކުރިއަށް ދާން ޖެހޭނެ.“ ބިލު ހުށައަޅުއްވަމުން ލެވިން ވިދާޅުވިއެވެ.
ލެވިން ވިދާޅުވި ގޮތުގައި އިޒުރޭލަށް ދޭ އެހީތައް ބޭނުން ކުރެވެން ވާނީ އެއްވެސް ފަރާތެއްގެ އިންސާނީ ހައްގުތަކަށް ގެންލުން ނުވާގޮތަކަށެވެ.
ލެވިންގެ ބިލަށް އެއްބާރުލުން ދޭ ފަރާތްތަކުގެ ތެރޭގައި ސެނެޓްގައި ހިމެނޭ ގިނަ އަދަދެއްގެ ޔަހޫދީ ސެނެޓަރުން ވެސް ހިމެނެއެވެ.