ޖާބިރަށް ހަމާލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

320

 

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އބްދުއްލާ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާ އަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމެއްގެ ދަށުން ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އޭނާ އަށް ދެކޮޅަށް އަޑުއުފުލާ ބަޔަކުވަނީ ނުރުހުންފާޅުކޮށްފައެވެ. އޭނާއާ ދެކޮޅަށް އަޑު އުފުލި މީހުންގެ ތެރެއިން ބަޔަކު އޭނާއަށް ހަމަލާ ދިންކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވާފައެވެ. އެހާދިސާ އަށްފަހު  ޖާބިރު އެރަށުގައި އުޅުއްވީ ފުލުހުންގެ ހިމާޔަތް ހޯއްދަވައިގެންނެވެ.

މަތިވެރީ ރައްޔިތުން ޖާބިރުއާ ދެކޮޅަށް ނުކުތީ އެރަށުގައި ހުންނަ ޖާބިރުގެ ގެސްޓްހައުސްގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވުމާއި ގެސްޓް ހައުސް ހިންގާ ބިމުގެ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާތީކަމަށްބުނެއެވެ.

ޖާބިރު މަތިވެރިއަށް އެރުއްވުމުން ހިންގި ހަމަނުޖެހުމަށްފަހު އިއްޔެ މަޖިލީހުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށް ތުހުމަތު ކުރައްވާ އެއްވެސް ދިވެއްސަކު މަތިވެރިއަށް ދިޔުމަކީ ރަނގަޅެއް ކަމެއް ނޫން ވިދާޅުވެފައެވެ.

ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަފުޅުތައް ކުއްވެރިކޮށް މަތިވެރީ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޖާބިރުގެ ބަހުރުވަ އާއި އިންޒާރު ދިވެހިންނަށް އާ ނޫން ކަމަށާއި، އެ އިންޒާރުތަކުގެ ސަބަބުން އެރަށު ރައްޔިތުންނާއި ކައުންސިލަށް ޖާބިރު ދަރާފައިވާ ދަރަންޏަށް ލުޔެއް ނުދޭނެކަމަށެވެ.

ރަށު ކައުންސިލުން ބުނަނީ ޓޫރިސްޓް ވިޔަފާރިއެއް ކުރުމަށްޓަކައި ޖާބިރު ކުއްޔަށް ނަންގަވާފައިވާ އެރަށު ދެކުނު ފަރާތު އަތިރިމަތީގެ ބިމަށް ދައްކަންޖެހޭ 4.7 މިލިއަން ރުފިޔާ ދައްކާފައި ނުވާކަމަށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ