ޝާހިދު ރާއްޖެއަށް ރަސްމީދަތުރުފުޅެއް ކުރެއްވުމަށް ރައީސް ސާލިހު ދައުވަތު ދެއްވައިފި

Loading

Facebook
Twitter
WhatsApp

 

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އ.ދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވައިފިއެވެ.

 

ރައީސް ސާލިހު ޝާހިދަށް މި ދައުވަތު ދެއްވާފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި އެ ދެބޭފުޅުން ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ ”ފައިވް ރޭސް އޮފް ހޯޕް“ ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ  2022 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒުހިފާފައިވާކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި، އެމަނިކުފާނު އެ މަގާމަށް ކުރިމަތިލުމާ ހަމައިން ފެށިގެންވެސް އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝާހިދުވ ވަނީ ރައީސް ސާލިހަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި، ދިވެހި ދަރިޔަކަށްވެ އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފުރުސަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ޝަރަފެއްކަމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ގައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ގާއިމު ކުރުމަށްކަމުގައި ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު އެމަނިކުފާނަށް ކާމިޔާބުކުރެއްވުމުން ރަމްޒުކޮށްދެނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގަނެފައިވާކަމެއްކަމަށް ވެސް ޝާހިދު އާ ހަވާލާދީ ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުންވެސް ޝާހިދު ވަނީ މިންތީގެ ހަމަހަމަކަމަކީ އެމަނިކުފާނުގެ ރިޔާސަތުގައި އިސްކަންދެއްވާނެ ދާއިރާއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނަންގަވާފައިވާ މުހިންމު ފިޔަވަޅުތަކާގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފަކަމަށްރައީސްއޮފީހުންމައުލޫމާތުދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް