ދަރަނިވެރިންގެ ތަރައްގީ

130

މިދާކަށްދުވަހު އިންޑިއާގެ ސަތިޔާމޫރްތީ ކިޔާ މީހަކު ލިއެފާއޮތް ލިއުމެއް ކިޔާލަން ލިބުނެވެ. އެލިއުމުގައި ހުރި ވާހަކަތަކުގެ ތެދު ދޮގު ކަމާދޭތެރޭ އެއްޗެއް ބުނާކަށްނެތީމެވެ. އަދި ހަމަ އެފަދައިން އޭނާގެ މަގްސަދާދޭތެރޭވެސް އެއްޗެއް ބުނާކަންނެތީމެވެ. ސަބަބަކީ ލިއުންތެރިންނަކީ ކިތަންމެ އިންސާފުން ހަމަހަމަކަމާއެކު ލިޔަން ބޭނުންވާބަޔަކު ކަމުގައިވިޔަސް އެކަން އެގޮތަށް ނުކުރެވޭތީއެވެ. ކޮންމެމީހަކުވެސް ބޭނުންވާނީ އެމީހަކުގެ ވިސްނުމާ ފިކުރު އަނެކުންލައްވާ ގަބޫލުކުރުމެވެ. އަދި ހަމައެފަދައިން ކޮންމެމީހަކުވެސް ރުހޭ ކަންތަކާ ނުރުހޭ ކަންތަކާ އަދި ބޭނުންވާކަންތައްތައްވެސް ތަފާތުގޮތަކަށް ހުންނާނެތީއެވެ. އެހެންނަމަވެސް އެ ލިއުމުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށް ފާހަގަކޮށްފައިވާ ކަންތައްތަކަކީ ވިސްނާފިކުރުކުރަންޖެހޭ ކަންތައްތަކެއްކަަން ގަބޫލުކުރެވެއެވެ.

މިޒަމާނުގައި ދަރަންޏަށް ފައިސާހޯދައިގެން ކަންތައްކުރުމަކީ ވަރަށް ޢާންމުކަމެކެވެ. ގިނަބަޔަކު ގަބޫލުކުރާގޮތުގައި އެއީ އެންމެރަނގަޅުގޮތްވެސް މެއެވެ. އެހެންނަަމަވެސް ދަރަންޏަށް ފައިސާނަގައިގެން ކަންތައްތައް ކުރުމުން ދިމާވެފައިވާ ނިކަމެތިކަން ހޯދިފައިވާ ކާމިޔާބީއަށްވުރެން ގިނަވާނެކަން ޔަގީނެވެ. މި މައިޟޫޢުވެސް ބާއްވާފައި ދަރަންޏަށް ފައިސާ ހޯދައިގެން ކަންކަން ކުރަން އުޅުމުން ދިވެހިގައުމަށް ދިމާވެފައިވާ މުސީބާތުން އަރާގަނެވޭނެގޮތްތައް ހޯދުމަކީ މިހާރުންމިހާރަށް ކުރަންޖެހިފައިވާކަމަކަށްވާތީ އެކަމާގުޅޭގޮތުން އަޅުގަނޑުގެ ހިތުގައި އުފެދޭ އުދާސްތަކުން ބައެއްނަމަވެސް ބޭރުކޮށްލެވޭތޯ ބަލާނަމެވެ. ދިވެހިގައުމަށް ދިމާވެފައިވާ މިކަންތައް ނޭންގޭ  އަދި މިކަން ގަބޫލުނުކުރާ ދިވެހިރައްޔިތަކު ނުހުންނާނެއެވެ. އެހެނީ ދިވެހި ގައުމުގެ ކޮންމެ ދަރަންޏަކީ ދިވެހިކޮންމެ ރައްޔިތަކު ޒިންމާވާންޖެހޭ ދަރަންޏެއް ކަމަކަށްވާތީއެެވެ.

ސިންގަޕޯރަކީ ދިވެހިރާއްޖެއާއި އެއްދުވަސްވަރެއްގައި މިނިވަންކަންލިބުނު ގައުމެކެވެ. ހަމައެކަނި ދިހަވަރަކަށް ދުވަހުގެ ތަފާތެކެވެ. ސިންގަޕޯރަކީ ދިވެހިރާއްޖެއަށްވުރެންވެސް ގުދުރަތީ ވަސީލަތްތައް މަދުގައުމެކެވެ. އެ ގައުމަށް ލިބިފައިވާ ގުދުރަތީ ވަސީލަތަކީ ހަމައެކަނި ހުޅަނގާއި އިރުމަތި ކަނޑުމަގުން ގުޅާލަދޭ ކަނޑުއޮޅިއެކެވެ. އިތުރަށް ލިބުނު ރައުސުލްމާލަކީ ގައުމެ ދެކެ ލޯބިވާ ވެރިންތަކެކެވެ. ސިންގަޕޯރަށް ލިބިފައިވާ ކަނޑުއޮޅިއާއެއްފަދަ އެހެން ކަނޑުއޮޅިއެއް މެލޭޝިއާއަށްވެސް ލިބިފައިއެބައޮތެވެ.އެއީ ސްރޭޓްސް އޮފް މަލާކާ އެވެ. މެލޭޝިއާއިން އެ ކަނޑުއޮޅީގެ ބޭނުން ސިންގަޕޯރާއެއްގޮތަށް ބޭނުންކުރިނަމަ ސިންގަޕޯރަށް ލިބޭނެ އާމްދަނީ ބައިބައިވީހެވެ. އެހެންކަމުން ސިންގަޕޯރުން ފުރުސަތުގެ ބޭނުން ހިފީ ވަރަށް ފުރިހަމަކޮށެވެ. ނަތީޖާއަކަށްވީ ސިންގަޕޯރަކީ މިސަރަޙައްދުން އެންމެ ކުރިއަރާފައިވާ އިގްތިސާދުކަމަށް ވެގެން ދިއުމެވެ. އެތަށް ގައުމެއްގެ ބޯޓުފަހަރު ސިންގަޕޯރުގައި ރަޖިސްޓަރީ ކޮށްފައިއެބަހުއްޓެވެ. ނަތީޖާއެއްގެގޮތުން އެއިންކޮންމެބޯޓެއްގައި ވަކިއަދަދަކަށް ސިންގަޕޯރުގެ ރައްވެހިންނަށް ވަޒީފާދިނުން ލާޒިމްކުރެއެވެ. ބޯޓުފަހަރުގައި މަސައްކަތްކުރާ ހުރިހާގިންތީއެއްގެ މީހުން ތަމްރީނުކުރުމުގައި ސިންގަޕޯރަކީ ނަމޫނާއެކެވެ. އެކަމަށްޓަކައި ހަދާފައިވާގާނޫނުތައް ހުންނަނީ ބައިނަލް އަގްވާމީ މިންގަނޑުތަކަށް ވަރަށް ރަނގަޅަށް ފައްތާފައެވެ. ސިންގަޕޯރުން ދީފާހުންނަ ސެޓްފިކެޓްތައް މުޅި ބައިނަލް އަގްވާމީ ދުނިޔެ ގަބޫލުކުރެވެ. ސިންގަޕޯރުން މިސާލުނަގާފައި ބޯޓުދަތުރުކުރުމުގެ ވާހަކަ މިލިޔުނީ ސިންގަޕޯރގެ މުޅި އިގްތިސާދު ބިނާކުރެވުނީ ބޯޓުދަތުރުކުރުމުގެ މައްޗަށް ބިނާކޮށްގެން ކަމުގައިބެލެވޭތީއެވެ.

1965 ގައި މިނިވަންކަން ލިބުމާއެކު ދިވެހިރާއްޖޭގެ ފަރާތުންވެސް ސިންގަޕޯރު ނަމޫނާއަކަށް ބަލައިގެން އިގްތިސާދެއް ބިނާކުރުމުގެ މަސައްކަތް ފެށިކަހަލަ ނިޝާންތަކެއް ފެނުނެވެ.. ރަނގަޅު ޝިޕިންގލައިނެއް ފެށިތަން ފެނުނެވެ.  މަސްދޯނިފަހަރުގައި އިންޖީނު އެޅުނެވެ. ޓްއަރިޒަަމް ފަށައިގަނެވުނެވެ. ވަރަށް ރަނގަޅުފަށައިގަތުމެކޭ ބުނެވިދާނެއެވެ. ކުރިއަށް ދެފިޔަވަޅު ފަހަތަށް އެއްފިޔަވަޅު ކަހަލަގޮތަކަށް އިގްތިސާދުގެ ދުވެލި ކުރިއަށް ދިޔައެވެ. މިގޮތުގައި ކުރިއަށް ދަނިކޮށް ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ފެށި އެކަމުގައި އެގައުމު ތަޖްރިބާކުރި ތިރީހަކަށް އަހަރަކީ ދިވެހިރާއްޖޭގައި ސަރަޙައްދީ ފެންވަރުގައި ކުޑަ ސިންގަޕޯރެއް އުފައްދައި ބޯޓުފަހަރަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ދޭން ފަށައިގަނެ ހަމަޖެހިލާންލިބުނު ރަނުގެ ފުުރުސަތެކެވެ. ނަމަވެސް ރަން ތިރީސް އަހަރުގެގޮތުގައި އެދުވަސްތައް ފާއިތުވެގެން ދިޔައީއެވެ. މިލިއުމުގެ ބޭނުމަކީ އެއްވެސް ބޭފުޅަކަށް ބަދު ބަހެއް ބުނުމެއްނޫނެވެ. އަޅުގަނޑުމެން އެންމެ އިޙްތިރާމްކުރާ މައިންބަފައިންވެސް ޢާއިލާގެ ޚަރަދުތަކާ ނުބައްދަލުމިންވަރަކަށް ދަރަންޏަށް ނަގައިގެން ކަންތައް ކުރައްވާނަމަ އެކަންފާހަގަކޮށް އެއަށްވުރެން ހަރުދަނާގޮތަކަށް ކަންތައް ކުރެއްވުމަށް  މައިންބަފައިން ގާތުގައިވެސް އެދެންޖެހޭނެއެވެ. އަޅުގަނޑުގެ މިިލިއުމުގެ އަމާޒަކީވެސް އެއީއެވެ. ނުރަނގަޅުކޮށް ހުރި ކަންތައް ރަނގަޅު ކުރުމަށް ބާރުއެޅުމެވެ.

ރާއްޖޭގައި ވެރިކަމުގެ ފަރާތުން ކަންތައްތައް ކުރައްވަމުން ގެންދެވިގޮތާ ހިތްހަމަނުޖެހިގެން އިސްލާޙުކުރުމަށް ޑިމޮކްރަސީގެ ނަމުގައި ވަރަށް ފޯރިއާއެކު ރަންތިރީސް އަހަރުގެ ފަހުކޮޅުގައި ޙަރަކާތްތަކެއްކުރިއަށް ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގައިތިބި ފުންނާބު އުސް ގާނޫނީ މާހިރުންގެ ޢިލްމާއި ތަޖްރިބާގެ އަލީގައި މޮޅު ގާނޫނުއަސާސީއެއް އެކުލަވައިލެވި ޑިމޮކްރަސީީގެ ހަމަތަކުގެމަތިން ސަރުކާރެއް ފުރަތަމަފަހަރަށް 2008 ގައި ގާއިމް ކުރެވުނެވެ. ވަރަށް ފޮނި އުންމީދުތަކަކާއެކުގައެވެ. ނަމަވެސް  އުފަންކުރެވުނު މޮޅު ނިޒާމުން ދިވެހިރައްޔިތުންނަށް ލިބުނުލުއިފަސޭހައެއް އަމުދުންނެތޭވެސް ބުނެވިދާނެއެވެ. މުސްކުޅިންނަށް ރަމްޒީ ޕެންޝަނަކާއި ވަކި ހުދޫދެއްގެ ތެރޭގައި ހިލޭބޭސްފަރުވާކުރުންފަދަ ބައެއް ކަންތައް ޙާސިލުކުރެވިދާނެކަހަލަ މަންޒަރެއް އުދަރެހުން ފެނުނެވެ. ހަަމައެއާއެކު ދައުލަތަށް ލިބޭފައިސާ އިސްރާފްވެގެން ދާންފެށިގޮތް ނޫސްތަކުގެ ފަލަސުރުޚީ ތަކުން ފެންނާން ފެށިއެވެ. ތަރައްގީއަށްޓަކައި ބޭރުގައުމުތަކުން ދަރަންޏަށް ފައިސާހޯދުމާއި ރާއްޖޭގެ ހަރުމުދަލާއި ރަށްތަކާއި ފަޅުތައް ގިނަފައިސާދިން މީހަކަށް ކުއްޔަށްދިނުންފަދަ ދިވެހިން އަޑުވެސް ނާހާކަހަލަ ކަންތަކުގެ ވާހަކަ އިވެންފެށިއެވެ. އެއްވެސް ގޮތަކުން ޚަރަދުތައް ފޫބެއްދޭނެގޮތެއް ނެތިގެން ތަފާތު ނަންނަމުގައި ރައްޔިތުންއަތުން ޓެކްސް ނަގަންފެށިއެވެ. އެންމެފަހުން މިއަދު މިއޮތީ ބޭރުގައުމުތަކުން ދަރަންޏަށް ނަގާފައިސާނުދެއްކިގެން ބޭރުގެ މީޑިއާތަކަށް ދިވެހިރާއްޖެ އަރާފައެވެ.

ރަސްމީ އިދާރާތަކުން ހާމަކުރާ ހާމަކުރުންތަކަށް ބަލާއިރުވެސް ދަރަނީގެ މިންވަރު އުޅެނީ ހުވަފެނީ ޢާލަމެއްގައެވެ.

https://www.thehindu.com/news/international/maldives-negotiating-china-debt-says-foreign-minister/article30300007.ece

އެކަމަކުވެސް ޑިމޮކްރެސީގެނަމުގައި ގެނައި މޮޅުނިޒާމް ފޭލިވެއްޖެކަމާއި އެއީ ދިވެހިންނަށް ކަމުނުދާ ނިޒާމެއްކަމެއް، ވެރިކަންކުރަން ޙަވާލުކޮށްފައިތިބި މީހުންނަކަށް ނުވިސްނެއެވެ. ވިސްނުންހުންނަނީ އެއްދަރަނި އަދާކުރުމަށްޓަކައި ދެ ދަރަނި ނަގާކަހަލަ ގޮތަކަށެވެ. ސަރުކާރުގެ މަތިބަރުވާހަކަ ވަރަށް ބާރަށް ދައްކައެވެ. މަތި ލުއިކޮށް ތިރިބަރުކުރާނީ ފަހެ، ޢާންމުރައްޔިތުން މަގުމައްޗަށް ނިކުމެގެން ހެއްޔެވެ ؟ ދިވެހިރާއްޖޭގައި ސިޔާސީ ޕާރޓީތަކެއް އުފައްދަން ރުހުންދިނީ ކޮން ރައްޔިތުންނެއް ހެއްޔެވެ ؟ ރައްޔިތުންނަށްޓަކައި ޢަދުލުވެރި ވެރިކަމެއް ކުރަން ޙަވާލުކުރެވޭ މީހާ ރައްޔިތުންގެ ނަމުގައި ބޭނުންހާކަމެއް ކުރައްވާއިރު އޭނާގެ ވެރިކަމަށް ނޫނެކޭ ބުނި ދިވެހިރައްޔިތުންގެ ޙައްގުތަކާމެދުވެސް ވިސްނާލަންޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން ތަމްސީލުކުރަން ހޮވާފައި ތިބިބައެއްކަން އެނގޭ އިރު އޭނާހޮވުނީ އެ ދާއިރާގެ ކިތައް ރައްޔިތުންގެ އާނބަސް ލިބިގެންކަމާއި ނޫނެކޭ ބުނިރައްޔިތުންގެ އަދަދު މާގިނަކަންވެސް ހަނދާނުން ފޮހެވިގެންގޮސްގެންނުވާނެއެވެ. ރައްޔިތުންގެ ވެރިމީހާއާއި ރައްޔިތުންގެ މެމްބަރުންގެ އިސްތަށިފުޅުގައި އެޅިފައިވާ ރައްޔިތުންގެ ޙައްގުތައް އެންމެފުރިހަމަގޮތުގައި އަދާކުރުމަށްވުރެން ވަކިން މުގައްދަސް ޒިންމާއެއް ނޯންނާނެއެވެ. ރައްޔިތުންނަށް އަދުލު އިންސާފު ހޯދާދޭން ޖެހޭނެއެވެ. އެކަމަށް ހުރަސްއެޅޭ އެންމެހާކަންތައް މުލުން ލުހެލަންޖެހޭނެއެވެ. ރައްޔިތުން ދަރަނިވެރިވުން ހުއްޓުވަންޖެހޭނެއެވެ. ގައުމަށް ލިބޭއެއްޗަކުން ގައުމުތަރައްގީކުރެވޭނެގޮތަކީ ކޮބައިތޯ ބަލައި ހޯދަންޖެހޭނެއެވެ.

ލެޕްޓޮޕަކާއި އެންމެ މޭޒެއްހުރުމުން ދިވެހި ސަރުކާރު ހިންގަން ފުދޭނެކަމަށް ގޮވި ގޮވުންތަކުގެ މަތިން ހަނދާން އާކުރަން އެބަޖެހެއެވެ. ގާނޫނު އަސާސީ އިސްލާޙު ކޮށްގެންނާއި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށްގެން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރަންޖެހިއްޖެނަމަ އެކަންވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެެވެ. ޕާރޓީން ބުނެފާނެ އެއްޗަކަށް ވުރެންބޮޑަށް ރައްޔިތުންގެ ޙައްގުތައް އަދާކުރުމަށް އިސްކަންދޭންޖެހޭނެއެވެ. މިއަދު ޕާރޓީގެ މެމްބަރުން ރުއްސަންވެގެން ރައްޔިތުންގެ ޙައްގުތަކާ ކުޅެފާ މާދަމާ ކަށްވަޅަށްދާ ދުވަހު ސަލާމަތްކަމެއް ނުހޯދޭނެކަން އެނގެންޖެހޭނެއެވެ. ރައްޔިތުން ރަހުނުކޮށްފާ ބޭރު ގައުމުތަކުން ދިވެހިންގެ ދައުލަތުން ގެރެންޓީގެން އަމިއްލަ ފަރުދުންނަށް ބޮޑެތި ލޯންތައް ދިނުމަކީ ރައްޔިތުންނަށް ޙަރާންކޯރުވުމެވެ.

https://edition.mv/news/17487

https://tradingeconomics.com/maldives/external-debt#:~:text=External%20Debt%20in%20Maldives%20averaged,696.50%20USD%20Million%20in%202015.&text=Maldives%20External%20Debt%20%2D%20values%2C%20historical,updated%20on%20August%20of%202020.

4 ހިޔާލުތައް

  1. އާއެކެވެ. އަނެއް ދިވެހިރާއްޖެއަށް ގޮސް ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކުރާނެކަމަށް ބުނެ ކުރެވުނުމަސައްކަތް އަތަށްގޮވައި ކުރިއަށްވުރެ ރައްޔިތުން ނިކަމެތިވެއްޖެއެވެ. މިހާރު ދެން ޕާޓީތަކުން އެއް ލީޑަރަކު އަނެއް ލީޑަރަކަށް ބައިޢަތުހިފަނީވެސް މަހަށްގޮސް ހައްސަބޭނޭކަން ޔަގީނާ ގާތަށް އެނގޭތީ އެ މަސްބައިން ބައިއަޅާ އެބައެއްގެ ދިރިއުޅުމާއި ނަފުސުގެ ފުއްދުންތެރިކަމަށްޓަކައެވެ. ވީމާ ސަރުކާރެއް ބަދަލުކޮށްފާ އެންމެނަށް ބައި އަޅަނީއެވެ. އަދި ވެރިކަން ލިބުމަށްފަހު މައި ޕާޓީން އެއްބަސްވި ގޮތަށް ބައިނޭޅިޔަސް ދެން އެ ކުދިކުދި ޕާޓީތަކަށް ކުރެވޭނެކަމެއްވެސް ނޯވެއެވެ. ދެން ލިނުއެތިކޮޅެއްގައި އާހ ބަސް ބުނެގެން އުޅެތެވެ. އަދި ސަރުކާރުން މި އެންމެން ހިތްހަމަޖެއްސޭތޯއާއި މައި ޕާޓީއަށް ގިނަ ސަޕޯޓްހޯދުމަށް އެކިނަންނަމުގައި ވަޒީފާތަށް ބަހަނީއެވެ. އަހަރަކަށް ދައުލަަތުން ސަރުކާރު ހިންގުމަށްދޭ ބަޖެޓް 4 މަސްދުވަހުން ހުސްކޮށްލައެވެ. އަދި އެއީ ރައްޔަތުންނަށް އެހެނިހެން ފަރާތްތަކުން ދޭ އެހީގެވެސް އިތުރުންނެވެ. ދެން ހަމަނުޖެހިގެން ލިބުނުދިމާލަކުން ލިބުނު ރޭޓެއްގައި ލޯނުނަގައި ރައްޔަތުން ދަރުވާލަނީއެވެ. އަރަނި ދަރަނި ނުބަލާ ސަރުކާރު ހިންގާލަނިއެވެ. ގޮތެއް ފޮތެއް ބެލުމެއްނެތި އުޅެނީއެވެ. ދެން އުފެދޭދެބަސްވުން ގިނަވެ ދަރަނިބޮލަކަށް ގައުމުވަނީއެވެ. ގައުމު ދަރުވާލިޔަސް ޖަވާބުދާރީ ވާކަށް ނުޖެހެއެވެ. ވީމާ އަތުޖެހުނު މީހަކު އަތުޖެހުނު ގޮތަކަށް ގައުމު ފެލާލަނީއެވެ. ރައްޔިތުންވެސް ތިބީ އެ ފެލާފެލައިލލުމުން 500 ރުފިޔާއަށްވެސް ވޯޓްވިއްކާލާ ގޮތުގައެވެ. ސަންޓްރަވަލް ސިޔާމާއި ދެން ތިބި ފުރެންޑުން ތަކަށް ދައުލަތުގެ ގެރެންޓި ދީގެން އެވަރު ބޮދު ލޯނެއް ނަގައިދެވިދާނެތޯއެވެ؟ ކިބާ ބޮޑެތި ޚިޔާނާތްތޯއެވެ. ނަމަވެސް ރައްޔަތުންނަށް ކުރެވޭނެ މާބޮޑު ކަމެއްނެތްކަހަލައެވެ. ހަމަ ކޮންމެ ސަރުކާރެއްގައިވެސް އެބައެއްގެ ބައިވެރިންނަށް ދައުލަތުގެ ޚަޒާނާއިން އެ އިރަކު އޮންނަ ސަރުކާރަކުން ބަހަނީއެވެ. ވީމާ ގައުމާއި ގައުމުގެ ރައްޔަތުން ތިބުނިހެން ވާނީ ދަރަނިބޯ ތަކަކަށްނޫންތޯއެވެ. މިނޫންގޮތެއް ދިވެހިރާއްޖެއަށް ދައްކަވާށިއެވެ. އާމިން!

  2. މަރުޙަބާ ބިން ޙައިދަރ.. ޑިމޮކްރެސީގައި މިވޭތުވެދިޔަ ބާރަވަަކަށް އަހަރުދުވަހުގެ ތެރޭގައި މިހާރުގެ ބަހުރުވައިންނަމަ ގައުމު ފުޑިއްޖެއެވެ. ކޮންމެ އެއްބަޔަކު މިކަންތައް ރަނގަޅުކުރަން އެބަޖެހެއެވެ. ވެރިކަން ކުރަން ޙަވާލުކޮށްފާތިބިމީހުންނަށް ގިނަގިނައިން ހަނދާންކޮށްދީގެންނަމަވެސް މިގައުމު ދަރަނިވެރި ނުވާނެގޮތަކަށް ތަރައްގީ އާއި އިގްތިސާދު ބައްޓަންކުރަން އެބަޖެހެއެވެ. މިހާރުތިބި މީހުންނަށް ނޭގޭނަމަ އެހެން ބަޔަކާ ޙަވާލުކޮށްގެން ވިޔަސް ލަސްކުރެވޭކަށްނެތެވެ. ދިވެހި ގައުމަކީ ދިވެހިންގެ މިލްކެއްކަން އެންމެންނަށްވެސް އަންގަން އެބަޖެހެއެވެ. ވަކި މީހަކު ނުވަތަ ވަކި ދެތިން މީހަކު ހިތް އެދޭ ގޮތަކަށް ދިވެހިންގެ ކަންތައް ތަދުބީރު ނުކުރެވޭނެކަން ހަނދާންކޮށްދޭން މަޒީގެ ފަތްފުށްތައް އެމީހުންނަށް ދައްކަން އެބަޖެހެއެވެ.

  3. ވަރަށް ރަނގަޅު ލިއުމެކެވެ. އެހެންނާފަހެ، ވެރިކަން ކުރެވޭނީ މަޖިލީހުގެ އަޣްލަބިއްތު ލިބިގެންވެ. ސިޔާސީ މަގާމުތަކުގެ އަދަދެއް ނެތެވެ. މަޖިލީހަކީވެސް އެހާ ޚުދުމުޚްތާރުގޮތަކަށް ރާވާފައިއޮތް ތަނެކެވެ. އެމީހުންނާބެހޭ ހުރިހާކަމެއް ކަނޑައަޅައި ނިންމަނީ އެމީހުންނެވެ. އެތަނުން ބޭރުކުރެވޭނެގޮތެއްވެސް ނެތެވެ. ޑިމޮކްރެސީއަކަސް މީދެން ތަންކޮޅެއް ބޮޑުވަރު ނޫންހެއްޔެވެ.

  4. ދޭންވީ ހުރިހާ ޚިޔާލެއް އެއޮތީ ލިއެފައެވެ. ސަރުކާރާއި ޕާރޓީގެ ގުޅުން ކަނޑާލަންވީއެވެ. ތަހްޒީބު މުޖުތަމާއެއްގެ ގޮތަށް ސިޔާސީ މަގާމުތަކުގެ އަދަދު ދިވެހިންނިސްބަތުން ގާނޫނު އަސާސީގައި ކަނޑައަޅަންވީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ދިވެހިންގެ ސައިޒަށް މަދުކުރަންވީއެވެ. އެންމެފުރަތަމަ މިކަންތައްތައް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމާހިނގާށެވެ. ސަބަބަކީ އެކަންތައް ކުރަންތިބީ އެކަމުގައި ތިބިމީހުންނެވެ. ކަނާތުން ވާއަތް ބުރިނުކުރާނެއެވެ. ވިސްނިވަރަކަށް ބޯހަލާކުވަނީއެވެ. ނުވިސްނާހުރީމާ ބޯގޮވަނީއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ