އެއިޑްސް ޖެހުމާ ގުޅިގެން ވަޒީފާ ގެއްލުނު ޕައިލެޓް އެޓެންޑެންޓް އެދުނު މިންވަރަށް ބަދަލު ނުދޭން ހުކުމް ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އެއިޑްސް ޖެހުމުން ފްލައިޓް އެޓެންޑެންޓެއްގެ ވަޒީފާ ގެއްލުނު ކަމަށް ބުނެ ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އޭނާ އެދުނު މިންވަރަށް ބަދަލު ނަގައިދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

 

މެގަ މޯލްޑިވްސްގައި ވަޒީފާ އަދާކުރި މި ފްލައިޓް އެޓެންޑެންޓް މި މަސައްލައިގައި ބުނެފައިވަނީ މެގަ މޯލްޑިވްސް އާ އެކު 28 ސެޕްޓެމްބަރު 2010 އަކުން ފެށިގެ ދެ އަހަރުގެ މުއްދަތަކަށް  ވަޒީފާގެ އެއްބަސްވުމެއް ވެފައިވާކަމަށެވެ. އަދި ޖޫން 2012ގައި އެޗްއައިވީ ޕޮޒިޓިވް ފަރާތެއްކަން މެގަ ގްލޯބަލް އަށް އެންގި ކަމަށާ އޭގެ ފަހުން އޭނާ ފްލައިޓަށް އަރުވާފައި ނުވާކަމަށެވެ.

ޕައިލެޓުންނަށް ހާއްސަ މިންގަނޑުން މެޑިކަލް ހެދުމުން އެ މެޑިކަލް އިން ފާސްވެފައިވާ ކަމަށް ބާޔާންކުރާ ސެޓްފިކެޓެއް 18 އޮގަސްޓް 2012 ގައި ލިބުނު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ވަޒީފާ އަދާ ކުރި މުއްދަތު 28 ސެޕްޓެމްބަރު 2012 އަށް ހަމަވުމާއި ގުޅިގެން ވަޒީފާ ދިން ފަރާތާ ދެމެދު އެއްބަސްވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އެއް މަސް ދުވަހަށް އިތުރު ކުރިއެވެ.

އަދި އޭގެ ފަހުން ވަޒީފާގެ މުއްދަތު  އިތުރުކުރުމަށް އެދުމުންވެސް މެގަ ގްލޯބަލް އިން އޭނާގެ ވޒީފާގެ މުއްދަތު އިތުރުކޮށް ދީފައި ނުވެއެވެ. ނަމަވެސް އޭނާ އާއެކީ އުޅުނު އެހެން މުއައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ތިން އަހަރު ދުވަހަށް އިތުރުކޮށްދީފައިވެއެވެ.

ވަޒީފާ އާ ކޮށް ނުދީ އޭނާ ވަޒީފާއިން ކަނޑާފައިވަނީ އޭނާގެ ގައިގައި ހުރި ބައްޔެއްގެ ސަބަބުން ކަމަށް ދެކޭތީ އާއި ވަޒީފާގެ އެއްބަސްވުން އައުކޮށް ނުދިނުމުގައި ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް ބުނެ ވޒީފާ ރުޖޫއަ ކޮށްދިނުމަށް އަމުރެއް ނެރެ ދިނުމަށް އެދި މެގަ ގްލޯބަލްގެ މަށްޗަށް ރައްދުވާގޮތަށް ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް އެމީހާ މައްސަލަ ހުށަހެޅިއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމީ ވަޒިފާ ގެއްލުނު ފަރާތަށް ތިން އަހަރުގެ މުސާރައާއި އިނާޔަތްތައް ބަދަލުގެ ގޮތުގައި ދީ ނުވަތަ އޭނާގެ ވަޒީފާ ރުޖޫއަ ކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުރެވޭނޭ އިމްތިޒާމް ހަމަޖައްސައި ދިނުމަށެވެ.

 

މި މައްސަލަ ޓްރައިބިއުނަލުން ބަލައި ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނާ ހިލާފަށް ކަމަށް ބުނެ މެގަ ގްލޯބަލް އިން މައްސަލަ ކޯޓަށް ވެއްދިއެވެ.  މައިގަނޑު ތިން ނުކުތާއެއްގެ އެކުންފުނިން ހުށަހެޅިއިރު ބުނެފައިވަނީ ވައިގެ ދަތރުތަކާއި ސިވިލް އޭވިއޭޝަން އެތޯރިޓީން ބައިވެއެރިވެފައިވާ މުއާހަދާތަކަށް މި މައްސަލަ ޓްރައިބިއުނަލުން ނިންމި އިރު ރިއާޔަތްކޮށްފައި ނުވާކަމަށެވެ.

ކުރިން ނިންމި ހުކުމް ދަމހައްޓައި ހައިކޯޓުންވެސް ނިންމީ އެ މައްސަލައިގައި ތަފާތުކރުން ގެންގުޅެފައިވާ ކަމަށް ބަލައި ވަޒީފާ އަދާކުރި ފަރާތުން ވަޒީފާއަށް ދާން އިތުރަށް ބޭނުންނުވާތީ އާއެކު އެހެން މުއައްޒަފުންނަށް ވެސް އިތުރުކުރި ތިން އަހަރުގެ މުއްދަތަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ބަދަލުގެ ގޮތުގައި ވަޒީފާ އަދާކުރި ފަރާތަށް ދިނުމަށެވެ.

އެހެންވެ އެ މަސައްލަ މެގަ ގްލޯބަލް ސާވިސް އިން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

މި މައްސަލައިގައި ކުރީން ކުރި ހުކުމްތަކާ ހިލާފަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ގައި ބުނީ ތިން އަހަރުގެ މުސާރައާއި އިނާޔަތް ދިނުމަކީ އެންމެ އަދުލުވެރި ބަދަލުކަމަށް ނުފެންނަ ކަމަށެވެ. އެހެން ކަމުން ވަޒީފާ ގެއްލުނު ފަރާތަށް އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ދިނުމަށް ހުކުމް ކުރިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް