ބ.އަތޮޅުގެ ތިން ރަށެއްގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ނިންމައި މި މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ފެނަކައިން ބުނީ ބ އަތޮޅުގައި ކަރަންޓް އެއް ވިއުގައަކުން ގުޅަން ނިންމާފައިވަނީ އެއަތޮޅު ގޮއިދޫ އާއި ފެހެންދޫ އަދި ފުޅަދޫ ކަމަށެވެ.
މޫދުގައި އަޅާ ކޭބަލް ނެޓްވޯކަކުން ކަރަންޓްގެ ގުޅާލުމަށް ނިންމާފައިވާ މި ތިން ރަށަކީ އެ އަތޮޅުގެ އެހެން ރަށަތަކާ ވަކިން އެއް ފަޅެއްގެ ތެރޭގަ އޮންނަ ތިން ރަށެވެ.
ފެނަކައިން ބުނީ މި ތިން ރަށުގެ ކަރައްޓުގެ ވިއުގަ ގުޅާލުމަށް ނިންމާފަވަނީ، އާބާދީ ކުޑަވުމާއެކު ވަކިވަކި އިންޖީނުގެތަކުން ހިދުމަތް ދިނުމުގެ ބަދަލުގައި މަރުކަޒީ ނިޒާމުން ޚިދުމަތް ދިނުމަށެވެ. އަދި މި ވިއުގައިގެ ސަބަބުން ކަރަންޓަށް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.
މި ތިން ރަށަކީ ވެސް އާބާދީ ވަރަށް މަދު ތިންރަށެވެ. ތިންރަށު އެއްކޮށް އާބާދީގައި އުޅެނީ ގާތްގަޑަކަށް ވަނި 1500 އެއްހާ މީހުންނެވެ.
މި ތިންރަށުގެ ކަރަންޓް އެއްވިއުގައުކުން ގުޅާލުމަށް ނިންމާފައިވާއިރު ކަރަންޓް ފޯރުކޮށްދޭ މައި އިންޖީނުގެ ހަދަން ނިންމާފައިވަނީ ގޮއިދޫގައެވެ. ގޮއިދޫއަކީ ތިން ރަށުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި ބިމުގެ ގޮތުންވެސް އެންމެ ބޮޑު ރަށެވެ. އެރަށުގެ ބިމުގެ ބޮޑުމިނުގަ 113ހެކްޓަރު ހުރެއެވެ.
މި މަޝްރޫއުގެ މަސައްކަތްކުރިއަށް ގެންދަން އިއުލާން ކޮށްފައި ވަނީ ރާއްޖެއާއި ބޭރުގެ ކުންފިނި ތަކަށް ވެސް ބިޑް ހުށަހެޅޭގޮތަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްގައި ރެޖިސްޓްރީވުމަށް މިމަމުގެ 29ގެ ނިޔަލަށްވަނީ ހުޅުވާލާފައިވާއިރު، ބިޑް ހުށައެޅުން އޮންނާނީ މިމަހުގެ 30ވަނަ ދުވަހު ހެނދުނު 10:00ގައެވެ.