ތަފާތު އެކި ދާއިރާތަކުން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑް 14 ފަރާތަކަށް ދީފި އެވެ.
ރެހެންދި އެވޯޑް ދިނުމަށް ރޭ އޮތް ރަސްމިއްޔާތުގައި މިދިޔަ އަހަރާއި މިއަހަރު އެވޯޑް ލިބުނު ފަރާތްތަކަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ.
މި އަހަރު އެވޯޑް ލިބިފައިވަނީ އަހުމީމާ ލުތުފީ އާއި އައިމިނަތު ޝާހާ ހާޝިމް އާއި ޒީނިއާ އަހުމަދު ހަމީދު އާއި ނާދިޔާ އަބްދުލްޣަފޫރު އާއި ހައްވާ ރާމިޒާ އާއި ސާޖަންޓް ފަސްޓް ކްލާސް ނަސްރީނާ ހަސަން އާއި ޝިޔާމާ އަހުމަދު އަދި ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އެވެ.
މިދިޔަ އަހަރުގެ ރެހެންދި އެވޯޑް ލިބިފައިވަނީ ފާތިމަތު އިބްރާހިމް އާއި މަރިޔަމް ޝުނާނާ އާއި އައިޝަތު ހުސައިން މަނިކު އަދި އަމީނާ ނައީމުގެ އިތުރުން ހައްވާ ލަތީފާ އާއި މިންހާ ފާއިޒު އަދި ޝިފްޒާ މުސްތަފާ އަށެވެ.
ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޖެންޑާ މިނިސްޓްރީން ދޭ ހާއްސަ އެވޯޑެކެވެ.
ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުންނަށް ބާރު އަޅާ، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުން ފާހަގަ ކޮށް އެފަދަ އަންހެނުންނަށް ހިތްވަރު ދީ އެމީހުންގެ އަގު ވަޒަންކުރުމެވެ. އަދި ޖަމާއަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުންވެސް މި އެވޯޑް ދިނުމުގެ ބޭނުމުގައި ވެއެވެ.
މި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމުއިއްޔާ ޖަމާއަތްތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް އޮވެއެވެ.