ނ. މާފަރުގައި ގަވާއިދާ ޚިލާފަށް އުޅެމުންނާ ބިދޭސިން އެރަށުން ބޭރުކޮށް ދިނުމަށް އެދި އެރަށު ކައުންސިލުން ހޯމް މިނިސްޓަރ އިމްރާން އަބްﷲ އަށާއި އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީ ފޮނުވައިފި އެވެ.
މާފަރު ކައުންސިލުން އިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ރަށުގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ 21 ބިދޭސީއަކު އުޅޭކަމަށާއި، އެމީހުންގެ ސަބަބުން ރަށަށް އެކި ގޮތްގޮތުން ގެއްލުން ލިބެމުންދާތީ ބިދޭސިންގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އެ މީހުންނާމެދު ފިޔަވަޅު އަޅައި ވީ އެންމެ އަވަހަކަށް އެރަށުން ބިދޭސިން ބޭރުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ.
ބިދޭސީންގެ އަމަލުތައް ހުންނަގޮތުން ރަށުގެ އިޖްތިމާއީ ފޭރާން ގެއްލި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އުދަގޫވެފައިވާކަމަށް މާފަރުކައުންސިލް އިން ހޯމް މިނިސްޓަރަށް ފޮނުވި އެސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި މައިގަނޑުމައްސަލަތަކުގެ ގޮތުގައި އެ އިދާރާއިން ފާހަގަކޮށްފައިވަނީ ބިދޭސީން ރަށުގެ ފިހާރަތައް ކުއްޔައި ނަގައި ވިޔަފާރި ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޑޮލަރު ގަނެވިއްކުމުގެ މައްސަލައެވެ.
ބިދޭސީން ދަނީ މާފަރުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންކަމަށް ވެސް މާފަރު ކައުންސިލުން ތުހުމަތުކުރެއެވެ. އެ ކައުންސިލުން ބުނާގޮތުން މި މައްސަލަތައް ހައްލުކުރުމަށް އެތައްފަހަރެއްގެ މަތިން ފުލުހުންނާއި ގުޅިގެން މަސަތްކަތް ކުރި ނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވެއެވެ.
މާފަރު ކައުންސިލުން ބުނީ ބިދޭސިން ރަށުތެރޭގައި ކުރަމުންގެންދާ ކަންތައްތަކާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ގިނަ ޝަކުވާތަށް އެ އިދާރާއަށް އަންނަކަމަށެވެ. އެރަށަކީ 1200 އަށްވުރެ ގިނަ ރައްޔިތުންގެ އާބާދީ އެއް އޮންނަ ރަށެކެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ބިދޭސިން ގަވާއިދާ ޚިލާފަށް ދިރިއުޅެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ބައެއް ރަށްރަށުގެ ކައުންސިލުން އެރަށްރަށުގައި ތިބި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސިން ރަށުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ހދ ކުޅުދުއްފުށިން ވެސް ވަނީ ފުލުހުންނާއި ގުޅިގެން އެރަށުގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސިން ރަށުން ބޭރުކޮށް އަދި އެރަށުގައި ދިރިއުޅޭ ބިދޭސިންގެ ކަންކަން ބެލެހެއްޓުމަށް ދަފްތަރެއް ގާއިމްކޮށްފައެވެ.