ރާއްޖޭގައި ވެރިކަންކުރާ ނިޒާމް ބަރުލަމާނީ ނިޒާމްގެނައުމަށް ވޯޓެއްނަގަން ސަރުކާރު ކޯލިޝަން ޕާޓީތަކުން އެއްބަސްވިކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްގެން މެއި 6 ގައި ދިން ބޮމުގެ ހަމަލާއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކްފާނު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ވެސް ނިޒާމު ބަދަލުކުރުމުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
އަދި އެމްޑީޕީން ނުކުތް ކެނޑިޑޭޓަށް ކޯލިޝަނުގެ އެހެން ޕާޓީތަކުން ތާއީދުކުރީ އެ މެނިފެސްޓޯއަށް ބަދަލުތަކެއް ގެނެސްގެން ކަމަށާއި، ނަމަވެސް، ފެންނަ ނުފެންނަ ވޯޓަކަށް ދާން ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ ފިޔަވައި، އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވެސް އެއްބަސްވި ކަމަށެވެ.
”ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ފިޔަވައި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ އެމްއާރުއެމުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އޭރު އަޅުގަނޑު ހަދާންވާގޮތުގައި އެއްބަސްވެވަޑައިގެންފައި،“ ނަޝީދު ވިދާޅުވި އެވެ.
އަދި ނަޝީދު ވިދާޅުވީ އެޕާޓީތަކުން ވޯޓެއް ނެގުމާމެދު އިންކާރުނުކުރައްވާނެކަމަށެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި އެޕާޓީތަކުގައި ވެސް މިކަމުގައި އިންކާރު ކުރުމެއް ނުވާނެ. އަދި ހަމަކަށަވަރުން ވެސް އެމްޑީޕީގެ އިންކާރުކުރުމެއް، ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތަކުން ނުވާނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގޭނެކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފެންނަ ނުފެންނަ ވޯޓު އަންނަ އަހަރު ނެގޭނެ. އެކަމަށް ރައީސް ސޯލިހު ވެސް އިންކާރު ނުކުރައްވާނެ،“ ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ރައީސް ނަޝީދަށް ތާއީދު ކުރާ ބަޔަކު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.
ކޯލިޝަން ޕާޓީތަކުން ނިޒާމް ބަދަލުކުރުމަށް އެއްބަސް ވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު މިހާރު ވެރިކަން ބަރުލަމާނީ ނިޒާމް ބަދަލުކުރުމާދެކޮޅަށް އެޕަޓީތަކުންދަނީ ފާޅުގައި ވަހަކަދައްކަމުންނެވެ.