ޓޫރިސްޓް ރިސޯޓާއި، ހޮޓާ އަދި ގެސްޓްހައުސްތަކުން ބިމުގެ ކުލި ނުދައްކައިފިނަމަ އަރާ ޖޫރިމަނާ ކުޑަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްތް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ.
މި އިސްލާހުގައިވާގޮތުން ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސްތަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދައްކައިފިަނަމަ، ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި މިހާރު ދައްކަންޖެހޭނީ ކުލީގެ 0.0493 އިންސައްތަ އެވެ.
ކުރިން މި ގަވާއިދުގައި އޮތްގޮތުން ޓޫރިސްޓް ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދައްކައިފިނަމަ ނުދައްކައި އޮތްކުލި ސަރުކާރަށް ދެއްކުމާއި ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް ކުލީގެ ދައްކަންޖެހެނީ 0.5 އިންސައްތައިގެ ޖޫރިމަނާ އެކެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޓޫރިޒަމް ދާއިރާއަށް އައިސްފައި އޮތް ދަތިތަކުން އަރައިގަތުމަށް ސަރުކާރުންދަނީ މި ދާއިރާއަށް ގިނަ ލުއިތަކެއް ދެމުންނެވެ. އޭގެތެރޭގައި ރިސޯޓްތަކަށް ދައްކަންޖެހޭ ކުއްޔާއި އެހެނިހެން ފީތަށް އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް ފަސްކޮށްދިނުމަށް ނިންމު ނިންމުން ވެސް ހިމެނެއެވެ.