ރައީސް ޔާމީނަށް އިއްވި ހުކުމަކީ ”ސިޔާސީ ހަރާމް“ ހުކުމެއްކަމަށް އެތައްބަޔަކު އަބަދުވެސް ވާހަކަދައްކަމުން ދަނިކޮށް ރައީސް ޔާމީނަށް ހުކުމް ކުރެއްވި ބެންޗުގައި އިންނެވި ގާޒީއަކު ހުންނެވީ ރަހީނު ކުރެވިފައިކަމަށް ދޭހަވާ ވާހަކަތަކެއް ހިމެނޭ އޯޑިއޯއެއް ބޭޒާރުވެ ގިނަ ބަޔަކު އެ ވާހަކަތައް އަޑުއަހަމުން އެބަގެންދެއެވެ.
ރަހީނު ކުރެވިފައިވާކަމަށް ވާހަކަދައްކަވާފައި ވާކަމަށް ގަބޫލުކުރެވެނީ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީއެއް ކަމުގައިވާ ޙުސައިން ފާއިޒް ރަޝާދުއެވެ.
ގާޒީ ޙުސައިން ފާއިޒު ރަޝާދު ރައްޓެއްސަކާ ދެއްކެވި ވާހަކަތަކުގައި ވިދާޅުވެފައި ވަނީ ”ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް“ ހުންނަ ކަމަށެވެ. އަދި އޭނާ ނޫނަސް ގާތް ގުޅުމެއް އޮންނަ މިސާލަށް އޭނާގެ އަނބިމީހާއާ މެދު އެފަދަ ގޮތަކަށް އަމަލެއް ހިންގިދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ގާޒީ ޙުސެއިން ފާއިޒު އޯޑިއޯގައި ވިދާޅުވެފައި ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ޙުކުމް ކުރީ އެންމެ ސަބަބެއް ކުރިމަތިވެގެން ނޫން ކަމަށެވެ. ގިނަ ސަބަބުތަކެއް އެކަމުގައި އެބަހުރި ކަމަށާއި ނަމަވެސް ތަފުސީލެއް ދެވެން ނެތް ކަމަށް ވިދާޅުވިއެވެ.
”ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ ވަރަށް ފާޑެއްގެ ކަމެއް“ އޭނާ ވިދާޅުވިއެވެ.
ގާޒީ ޙުސެއިން ފާއިޒް ވިދާޅުވީ ނުހައްގުން ޙުކުމެއް ކުރުމުން ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި ޔާމީނަށް ތާއިދު އިތުރުވަމުން ދާނެ ކަމަށެވެ.
އެއީ އަނިޔާއެއް ކަމަށް އަހަރެމެންނަށް ހީވިނަމަވެސް ”އޭނާއަށް (ޔާމީނަށް) ހުރިހާ ކަމެއް އެނގޭނެ.“
ގާޒީ ޙުސެއިން ފާއިޒު ވިދާޅުވި ގޮތުގައި ޔާމީނަށް ޖަލު ޙުކުމް ކުރީ ޔާމީނަށް ރަނގަޅަކަށެވެ. އެއީ އޭނާ ދެކެވަޑައިގަންނަވާ ގޮތެވެ. އަދި އޭނާ ދައްކަނީ ރަނގަޅު ވާހަކަތަކެއްކަން 2023 ވަނަ އަހަރު އެނގޭނެ ކަމަށް ވެސް އޭނާގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.
ޔާމީނަށް ހުކުމް ކުރެއްވީ ވަޒީފާ ހިމާޔަތް ކުރެއްވުމަށް ކަމަށް ދޭހަވާ ގޮތަކަށް ގާޒީ ޙުސެއިން ވާހަކަ ދެއްކެވިނަމަވެސް ފަހުން ވިދާޅުވީ ”މަގޭ ޕޯސްޓާ މެދު މަށެއް ނުވިސްނަން.“ ކަމަށެވެ. އަދި ފަސް ގާޒީންގެ ބެންޗަކުން މައްސަލަ ބައްލަވާއިރު އެންމެ ގާޒީއަކު ވަކި ގޮތަކަށް ރައުޔު ނެރުނަސް ޙުކުމަށް ބަދަލެއް ނާންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ޙުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ ޢަލީ ރަޝީދު ޙުސެއިނާއި، ގާޒީ އަޙުމަދު ޝަކީލާއި ގާޒީ މުޙައްމަދު ސަމީރާއި ގާޒީ ޢަލީ އާދަމާއި ގާޒީ ޙުސެއިން ފާއިޒު ރަޝާދެވެ.
ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަޙްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ތެރޭގައި އިސްކޮށް ހުންނެވި ޢަލީ ރަޝީދު ޙުސޭންއަށް ފަހުންވަނީ ސްޕްރިމް ކޯޓުގެ ފަނޑިޔާރުކަން ދެއްވާފައެވެ. އަދި އަޙުމަދު ޝަކީލަށް ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ދެއްވާފައެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވި ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓުގެ ޙުކުމް ރަނގަޅު ކަމަށެވެ. ނަމަވެސް ސުއާލު އުފެދޭ ފަދަ އެތައް ކަމެއް އެ ޝަރީޢަތް އަޑު އެހި މީހުން ފާހަގަކޮށްފައިވެއެވެ.
ހައިކޯޓުގެ ޙުކުމް ޔާމީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަންނަ މަހު 12 ގައި ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން ފަށަން ވަނީ ތާވަލު ކޮށްފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ޙުކުމް އިއްވީ ރަހީނުކޮށްގެން ކަމަށް ޙުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީއަކު ވިދާޅުވެފައިވާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން އަދުލު އިންސާފުގެ ދާއިރާގެ ހާލަތު އޮތް ގޮތާމެދު ގިނަ ބައެއްގެ ހިތުގައި ވަނީ ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިފައެވެ.
ގާޒީގެ އޯޑިއޯއެއް ބޭޒާރުވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވީ ހާމަވެގެން ދަނީ އަދުގެ ސަރުކާރުން ޖުޑިޝަރީ އަށް އަތް ބާނައިގެން ކޮންޓްރޯލް ކުރަމުންގެންދާ މިންވަރުކަމަށެވެ.
ރައީސް ޔާމީނުގެ ޝަރީޢަތާ ގުޅޭ ގޮތުން ބޭޒާރުވި އޯޑިއޯއާ ގުޅިގެން ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަށް ފާޑު ކިއުމަށް ހުޅުވެގެން ދިޔައީ އައު ދޮރެކެވެ. ހާމަވެގެން ދިޔައީ އަދުލު އިންސާފުގެ ތެރެއަށް ކޮރަޕްޝަން ވަދެފައިވާ މިންވަރެވެ.