ނާކާމިޔާބު ހަނގުރާމައަކަށްފަހު އެމެރިކާއިން އަފުޣާނިސްތާނުގެ ރައްޔިތުން ފޭރެނީ

367

ހަނގުރާމައަކުން ބަލިވެގެން ފިލަން ދުވާއިރު ބައެއް މީހުން ދުވާނީ ފުރާނަ ސަލާމަތްކުރުމުގެ ބޭނުމުގައެވެ. އަނެއްބަޔަކު ދުވާނީ އަތުޖެހުނު އަގުބޮޑު އެއްޗެއް ހިފައިގެންނެވެ.

މިއަދު އަފުޣާނިސްތާނުން ފެންނަނީ އެމެރިކާގެ ސިފައިން 20 އަހަރުގެ ދިގު ނާކާމިޔާބު ހަނގުރާއެއްކޮށް ބަލިވެގެން ފިލަން ދުވަމުން ވެސް އެ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލުކަމަށް ބެލެވޭ ހުނަރުވެރި ރައްޔިތުން ފޭރިގެން އެމެރިކާއާށާއި ހުޅަނގުގެ ގައުމުތަކަށް ގެންދާ މަންޒަރެވެ. ސިޔާސީ މުހާޖިރުންގެ ގޮތުގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވިގޮތުގައި އަފުޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން މި އޮގަސްޓު މަހުގެ 31 ގެ ނިޔަލަށް އަފުޣާނިސްތާނުން ބާލާނެއެވެ. ހަމައެގޮތަށް އަފުޣާނިސްތާނުން ގެންދަން އެމެރިކާއިން ބޭނުންވާ މީސްމީހުން ވެސް އެ މުއްދަތުގެ ތެރޭގައި ބޭލޭނޭކަމަށް ވަނީ ލަފާކޮށްފައެވެ.

ނާކާމިޔާބު ބޮޑު ހަނގުރާމައަކަށްފަހު އެމެރިކާއިން މިހާތަނަށް 80 ހާހަށް ވުރެ ގިނަ މީހުން އަފުޣާނިސްތާނުން ގެންގޮސްފިއެވެ.

އެމެރިކާއިން އަފުޣާނިސްތާނުގައި ތިބި މުއްސަނދި ވިޔަފާރިވެރިންނާއި ތަޖުރިބާކާރުންނާއި ޢިލްމުވެރިން ފޭރިގަތުމަށް އެމީހުންނަށް ވިސްނައިދިނީ ޠާލިބާނުންނަށް ބާރު ލިބުމުން އެމީހުންގެ މުދާތައް ފޭރިގަންނާނެކަމަށާއި ބަދަލު ހިފާނެކަމަށާއި މަރާލާނެ ކަމަށެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ފެތުރި ދޮގު ޚަބަރުތަކަށް ބިރުން އަފުޣާނިސްތާނުގެ އެތައް ހާސް ބަޔަކު ދަނީ ގައުމުން ބޭރުވަމުންނެވެ.

ރައީސް ބައިޑެން ބޭނުންފުޅު ވަނީ ވީއެންމެ އަވަހަކަށް އެމެރިކާގެ ސިފައިންނާއި އަފުޣާނިސްތާނުން ހިޖުރަކުރަން ބޭނުންވާ މީހުން އެ ގައުމުން ބޭލުމަށެވެ. އައިއެސް ޖަމާއަތުގެ ހަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެސް އެމެރިކާއިން ދަނީ އަފުޣާނިސްތާނުގެ ރައްޔިތުންގެ ހިތުގައި އުފައްދަމުންނެވެ.

ޠާލިބާނުންގެ ތަރުޖަމާނު ޛަބީޙުﷲ މުޖާހިދު: ތިކަންތައް ހުއްޓާލާ!

އެމެރިކާއިން އަފުޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވެދީ އެ ގައުމު ބިނާކޮށްދިނުމުގެ ބަދަލުގައި ރައްޔިތުންނަށް ވިސްނައިދެމުން ދަނީ ޠާލިބާނުންނަކީ ނުރައްކަތެރި ބައެއްގެ ގޮތުގައެވެ. އަދި މިއީ ނާޒުކު ހާލަތެއް ކަމަށް ބުނެ ރައްޔިތުން ހާސްކޮށް ބިރުގަންނަވަމުން އެބަދެއެވެ.

“ހޭދަވެގެންދާ ކޮންމެ ދުވަހަކު އަހަރުމެންގެ ސިފައިންނަށް އިތުރަށް ނުރައްކާވަމުންދާނެ. އަހަރުމެންނަށް އެނގޭ އައިއެސްއިން ވައިގެ ބަނދަރަށް ހަމަލާ އަމާޒުކުރަން ބޭނުންވެފައި ތިބިކަން. އަހަރުމެންނަށާއި އަހަރުމެންގެ ބައިވެރިންނާއި ކުށެއް ނެތް ރައްޔިތުންނަށް ހަމަލާ ދޭން ބޭނުންކަން.” ރައީސް ބައިޑެން ގައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެމެރިކާއިން ރާވާފައިވާ ގޮތަށް 31 އޮގަސްޓުގެ ނިޔަލަށް އެމެރިކާއިން ބޭނުންވާ އަފުޣާނިސްތާނުގެ މީހުން އެގައުމުން ބޭރަށް ނުގެންދެވިއްޖެނަމަ އެމެރިކާއާއި ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުން މިހާރު ރާވާފައި ވަނީ ބާކީ ތިބި މީހުން އ.ދ މެދުވެރިކޮށް އަފުޣާނިސްތާނުން ބޭލުމަށެވެ.

ޠާލިބާނުން އެކަމާ ދެކޮޅުހަދައިފިނަމަ ޠާލިބާނުންނާ ދެކޮޅަށް އ.ދ މެދުވެރިކޮށް ފިޔަވަޅު އެޅުމުގެ ނިޔަތުގައެވެ.

އެމެރިކާގެ ރައީސް ތަކުރާރުކޮށް ވިދާޅުވީ އެމެރިކާ އަފްޣާނިސްތާނަށް ދިޔައީ އެ ގައުމުގައި އޮތް ޓެރަރިޒަމް ނައްތާލުމަށްކަމަށެވެ. އަދި އެކަން ކާމިޔާބުވީކަމަށެވެ. އަލްޤާޢިދާގެ ލީޑަރ އުސާމާބިން ލާދިން މަރާލެވުނު ކަމަށެވެ. ނިރުބަވެރި ގުރޫޕްތައް ބަލިކަށިކޮށްލެވުނު ކަމަށެވެ. އެކަންތައްކޮށް ނިމުމުން އެމެރިކާގެ ސިފައިން އަފުޣާނިސްތަނުގައި ތިބުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށެވެ. އެކަމަކު އެމެރިކާ ސިފައިން މީގެ 20 އަހަރު ކުރިން ތަޅައި ވެރިކަމުން ފައްސާލި ޠާލިބާނުން އެތިބީ ވެރިކަމުގައެވެ.

ޠާލިބާނުންނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރަނީ

ޠާލިބާންގެ ތަރުޖަމާނު ޛަބީހުﷲ މުޖާހިދު ވިދާޅުވީ އެއްބަސްވެފައިވާ ގޮތަށް އެމެރިކާގެ ސިފައިން އަފުޣާނިސްތާނުން ފައިބައި ނިމެންޖެހޭނެކަމަށެވެ. އަދި އޭގެ ފަހަށް އަފުޣާނިސްތާނުގެ ރައްޔިތުން ގޮވައިގެން އުދުހޭ ބޯޓުތަކަށް ދަތުރު ނުކުރެވޭނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ 5800 ސިފައިން އަދި މިހާތަނަށް ކާބުލްގެ އެއާރޕޯޓުގައި އެބަތިއްބެވެ.

ކާބުލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފުޣާނިސްތާނުގެ ހުނަރުވެރިންނާއި ތަޖުރިބާކާރުންނާއި ޢިލްމުވެރިން އެމެރިކާއިން ނުގެންދިއުމަށް ވެސް ޛަބީޙުﷲ މުޖާހިދު ގޮވާލެއްވިއެވެ.

އެމެރިކާ ސިފައިން އަފުޣާނިސްތާނުން ފައިބައިގެން ދާއިރު އަފުޣާނިސްތާނުގެ އިންޖިނިއަރުންނާއި ޑޮކްޓަރުންނާއި ތަޖުރިބާކާރުންނާއި ޢިލްމުވެރި ހުނަރުވެރިން ގެންދިއުމަކީ ގައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގެއްލުމެކެވެ.

“ތިކަންތައް ހުއްޓާލާ!” ޛަބީޙުﷲ ވިދާޅުވިއެވެ.

“ވައިގެ ބަނދަރުގައި ތިބި މީސްމީހުން އެނބުރިގެއަށްދޭ! އެންމެންގެ ސަލާމަތީ ކަންތައްތައް އަޅުގަނޑުމެން ބަލަހައްޓައި ދޭނަން.” އޭނާ ވިދާޅުވިއެވެ.

ޠާލިބާނުން ބަދަލުހިފުމުގެ ގޮތުން ދޮރުންދޮރަށް ހިނގައި މީހުން ހޯދައި ހިފައި ހައްޔަރުކުރަމުންދާކަމަށް ފަތުރަމުންދާ އަޑުތައް ޛަބީޙުﷲ ދޮގުކުރެއްވިއެވެ.

“ބަދަލު ހިފަން އެއްވެސް ބައެއްގެ ނަމުގެ ފިހުރިސްތެއް އަޅުގަނޑުމެން ނަހަދަން. މާޒީގެ ހުރިހާ ކަންތަކެއް އަޅުގަނޑުމެން ހަނދާން ނައްތާލައިފިން.” އޭނާ ވިދާޅުވިއެވެ.

ޠާލިބާނުންގެ ތަރުޖަމާނު ވިދާޅުވީ ޠާލިބާނުންގެ ސިޔާސަތު ބިނާވެފައި ވަނީ އެހެން ގައުމުތަކާ ސިޔާސީ ބަދަހި ގުޅުމެއް ބާއްވައިގެން ގައުމު ތަރައްގީ ކުރާށެވެ. އަދި ބޭރު ގައުމުތަކުގެ އެމްބަސީތައް ކުރިއެކޭ އެއްގޮތަށް ހުޅުވައިގެން ހިންގުމަށް ޠާލިބާނުން ބޭނުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަދަ ބާރުން ޠާލިބާނުންގެ ވެރިކަން ފުނޑާލުމަށް ފަހު އެމެރިކާއިން ބޭނުންވީ ގޮތަށް އަފުޣާނިސްތާނުގައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމެއް ނުކުރެވުނެވެ. އެމެރިކާގެ ބާރުގައި ވެރިކަމަށް ގެންނެވި އަޝްރަފް ޣަނީ ޠާލިބާނުންނަށާއި ރައްޔިތުންނަށް ފިއްލަވައިގެން ވަޑައިގެން ހުންނެވީ ޔުނައިޓެޑް އަރަބް އެމެރޭޓްސްގައެވެ.

ވިހި އަހަރުގެ ދިގު ނާކާމިޔަބު ހަނގުރާމައަކަށްފަހު އެމެރިކާއިން އަފުޣާނިސްތާނުން ފިލަން ކުރާ ދަތުރުގައި އެ ގައުމުގެ މުހިއްމު ރައްޔިތުން ފޭރިގެން ދިއުމަކީ ގައުމުގެ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަން ކަށަވަރެވެ.

 

3 ހިޔާލުތައް

 1. އެމެރިކާގެ ސަރުކާރަކީ މުސްލިމުންނަށް އަނިޔާ ވެރިކަން ބޮޑު ބައެއްކަން ގަބޫލު ކުރަމެވެ. ނަމަވެސް ތިޔަ ތާލިބާނުްނަކީ އެމެރިކާއަށް ވުރެ އިންސާނިއްޔަތުގެ ޒައްރެއްވެސް ނެތް ބައެކެވެ.

  • ބަލަގަ ސައީދޫ، ތިބޭފުޅާ ތީ ތާލިބާން އިން ކަނޑައަޅާފަ ހުރި ސަފީރުތަ.؟
   މަނިކުފާން މައުލޫމާތު ތި ހޯދަނީ އަފްޢާނިސްތާން އައް ގޮސްގެންތަ..؟ ހަމަ އަޖައިބުވޭ ތާލިބާން އަކީ ހައިސީޔަތެއް އޮތް ބައެކޭ ބުނެ ކުށެއް ނެތްކަން ދައްކަން ތި ކުރާ ހަގީގަތާ ޙިލާފު ހަމަނުޖެހޭ ވާހަކަތަކައް..
   ތާލިބާން ވާނީ ހަމަ ހަޤީގަތުގަވެސް ހަތިޔާރު އެޅި، ގައުމެއް ހަލާކުކުރާ ޓެރަރިސްޓު، ހަރުކަށި ފިކުރުގެ ބަޔަކައް.. އެމެރިކާ ބަލި ވީޔޯ….!!😂

 2. 2001 ގަ އެމެރިކާ އިސްވެ ގައުމު ސަލާމަތް ކޮއްދިނީ…
  ތާލިބާނުންގެ ވެރިކަން ނިމުމަކަށް އައުމާއެކު އަފްގާނަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިއްޖެ. އެކަމަކު މިހާރު… ހުރިހާ ކަމެއް ސުމަކަށް ދިޔައީ,”
  “ކޮން ކަމެއްތަ ތާލިބާނުން ކުރަން އެ އުޅެނީ. ސްކޫލެއް ނޯންނާނެ.ޔުނިވާސިޓީތަކެއް ނޯންނާނެ. ވާހަކަ ދެއްކުން މަނާ ވާނެ. އެއްވެސް ކަމެއް ނޯންނާނެ,”

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ