ކޯޓަށް ފިލައިގެން އުޅޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިމިވަނީ މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމްކުރި ތަނުންނެވެ. އަލީ ވަހީދު ރާއްޖެއިން ފުރީ ބޭސްފަރުވާ އަށް ކަމަށް ބުނެ ހަތަރުމަސް ދުވަހުގެ ތެރޭ ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހު މިދިޔަ އަހަރުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ކްރިމިނަލް ކޯޓުން ހުއްދަދީފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އޭނާގެ މައްޗަށް ވަނީ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އަލީ ވަހީދު ހައްޔަރުކޮށްފައިމިވަނީ އަދި މިފަދަ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނެތް މީހެއްގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ފުލުހުންގެކަރެކްޝަނުންއެދިފައިވަނިކޮށެވެ.
އަލީ ވަހީދު ޖަލަށްލާން ހުކުމް ކުރިއިރު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވެސް ބާއްވަން ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.
އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ނަމަވެސް ހައިކޯޓުން މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.