ރާއްޖެތެރެ މީހުންނަށް ހައްގުވާނީ އަވާމެންދުރު

Loading

Facebook
Twitter
WhatsApp

 

ރާއްޖެތެރެ މީހުންނަކީ ކޮބައި ހެއްޔެވެ. ދިވެހި ބަހުގެ ރަދީފުގައި “ ރާއްޖެތެރެ“ މި ބަހުގެ މާނަ އަކީ ”ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތައް“ މިހެންނެވެ. މި ބަހަކީ ދިވެހި ރަދީފުގައި ކިތަންމެ ރީތިކޮށް ނަލަކޮށް ލިޔެވިފައިވާ ބަހެއް ނަމަވެސް ކުރީ ޒަމާނުގައި މި ބަސް ބޭނުންކުރަމުން އައީ މާލެ ނޫން ރަށްރަށުން މާލެ އަންނަ މީހުން ނިކަމެތި ކޮށްލުމުގެ ގޮތުންނެވެ. އެ ދެބައި މީހުންގެ މެދުގައި ފަރަގެއް އެކުލަވައިލުމުގެ ގޮތުންނެވެ. ރާއްޖެ ތެރެއިން މާލެ އަންނަ މީހާގެ ނަން އެގުނަސް އޭރު އެމީހާގެ ނަމުގެ ބަދަލުގައި ރާއްޖެތެރޭ މީހާ ކިޔުމަކީ އާންމު ކަމެކެވެ.

މީހަކު ނުވަތަ ބަޔަކު ނިކަމެތި ކޮށްލެވޭނީ ހަމައެކަނި އެ ބުނާ ލަފްޒަކުންނޫނެވެ. އެ ލަފްޒު ބޭނުންކުރާ އިރު، އެ ލަފްޒު ބޭނުންކުރާ މީހާގެ އަޑާއި، ރާގާއި ، މީހާގެ މޫނުމަށްޗަށް ގެންނަ ކުލަވަރާއި ހަށިގަނޑުގެ ބަހުރުވައިންވެސް މާނަ ނެގޭނެއެވެ. އަދި އެހެންމެ ބަސް ބޭނުންކުރާ ހާލަތަށްވެސް މާނަ ތަފާތުގެން އަންނާނެއެވެ. ކޮންމެ ގޮތަކަށް މުހާތަބް ކުރި ނަމަވެސް މާލެ ނައިހެއްވެސް ފަރުޖެއްސޭކަށް ނެތެއެވެ. މާލެ އަންނަ ރާއްޖެތެރޭ މީހުން މާލެ އަންނަނީ މާލެ އަކީ “ މާލެ“ އަށް ވީތީއެއް ނޫނެވެ. މާލެ އަކީވެރިކަން ކުރާ ރަށަށްވެފަ، ބަޔަކުމީހުން ރާވައިގެން މާލެއަށް ރާއްޖެތެރޭ މީހުން ހިޖުރަކޮށް ތޮއްޖެހޭނެހެން ގާއިމްކޮށްފައިވާތީއެވެ. ތައުލީމަށް ފެންބޮވުމާއި ސިއްހީ މަޖޫބޫރާއި ވަޒީފާ ލިބެންއޮތީ އިގްތިސާދީގޮތުން ހަމައެކަނި ކުރި އެރުވި މާލެ ކަމަށް ވާތީ އެވެ. މިއީ ބަޔަކު އުފެއްދި ނިޒާމެކެވެ. ރާއްޖެތެރެ މީހުން ”ރާއްޖެތެރެ މީހުން“ގެ ގޮތުގައި ލޭބަލް ކުރެވޭނީވެސް އޭރުންތާއެވެ.

ކޮންމެ އަކަސް ރާއްޖެތެރެ މީހުން މި ލަފްޒު ހަޑިވެގެން މި ލަފްޒުގެ ބަދަލުގައި އެހެން ބައެއް ލަފްޒުވެސް ބޭނުން ކުރަންފަށައިފިއެވެ. އަދި ހަމަ އެއާއެކު މީ ތިމަންނަ މެންނަށް ލިބެންޖެހޭ ހައްގު މިންވަރު ނޫންކަމަށް ބުނެ، ރާއްޖެތެރޭ މީހުންގެ އަޑުވެސް އުފުލެންފެށިއެވެ. ގުގުމަންފެށިއެވެ. މި ގުގުމަން ފެށި އަޑުފަށްގަޑު 2000ހުގެ އަހަރުތައް ފާއިތުވާވަރަކަށް އަޑު ހަރުވާން ފެށިއެވެ.

ދެން ފެނުނީ ވަރުގަދަ ލަޝްކަރެކެވެ. ރީދޫ ކުލައިގެ ބޮޑު ލަޝްކަރެކެވެ. ރާއްޖެތެރޭ މީހުންނާ އެކީގައި އަތްގުޅާލަން އައި ބޮޑު ލަޝްކަރެއްކެވެ. މިއީ އެމްޑީޕީގެ ލަޝްކަރެވެ. މިލަޝްކަރުން ކުރިއަށް ނުކުންނެވީ ރައީސް މުހައްމަދު ނަޝީދުއެވެ. އެމަނިކުފާނުގެ އޮޑިއަށް އެރުމަށް އެންމެންނަށް ދައުވަތު ދެއްވިއެވެ. އެ އޮޑީއަކީ ފެތޭނެ އޮޑިއެއް ނޫންކަމަށް ވިދާޅުވެ އެ އޮޑިން އެންމެންނަށް ޖާގަ ދެއްވި އެވެ. ރާއްޖެތެރެ މީހުންނަށް އެމަނިކުފާނު ފެނިވަޑައިގަތީ ހިތްތިރި އޯގާތެރި އިންސާފްވެރިއެއްގެ ގޮތުގައެވެ. އެއްކަލަ ރާއްޖެތެރެ މީހުންގެ ގޭގެ ބަދިގޭތެރެއިން ރާއްޖެތެރެ މީހުންނާ އެއް ސުފުރާއަކުން ފަރިއްކުޅުވައި ހެއްދެވި ގާތް މީހެއްގެ ގޮތުގައެވެ. ހަމަ އެއާއެކު ރާއްޖެ ތެރޭ މީހުން ބާރުވެރި ކުރުވައި ގިނަ ހައްގުތަކެއް ދިނުމަށް ކަމަށް ބުނެ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް މިސްރާބްޖެހިއެވެ. ވަރުގަދަ މެނިފެސްޓޯއަކާ އެކުއެވެ.

މިއާއެކު ރާއްޖެތެރޭމީހުން ހިނިތުން ކޮށްލައިފިއެވެ. ދެ މީހަކު އެއްތަން ވެލިއަސް އޭރު ދެއްކީ އެވާހަކައެވެ. ޒަމާނުއްސުރެ މާލެ އަށް އެކި އެކި ބޭނުމުގައި ހިޖުރަ ކުރި ރާއްޖެތެރޭ ބިކަ ހިޖުރަވެރިންގެ ބޮޑު ތަސްވީރެއް ކުރަހައިލި އެވެ. ވާނީވެސް އެހެންތާއެވެ. ޒަމާނުއްސުރެ މަރުކަޒީ ސަރުކާރަށް ބާރުތައް ޖަމާކޮށް އެއްކަލަ ރާއްޖެތެރެ މީހުން ގެ ވަސީލަތްތައް ނިގުޅައިގަނެ އޭގެ މިލްކުވެރިންނަށް ވަކި ބަޔަކު ވެފައި ތިއްބާ އެކަން ބަދަލުވާތަން މިހިރަ ފެންނަނީއެވެ.

އެންމެން އެއްހިތްވަރެއްލައި ވެރިކަމަށް ރައީސް ނަޝީދު ގެނައެވެ. ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ހިންގުމަށް ލާމަރކަޒީ ގާނޫނު ވުޖޫދަށް އައީ އެމަނިކުފާނުގެ ވެރިކަމުގައެވެ. އެއީ 2010 އެކެވެ.  އެ ގާނޫނުގައި ވާ ގޮތުން ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިގްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ސަގާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމްކުރުމެވެ. ވަރަށް ވެސް ފުރިހަމަ ނޫންތޯއެވެ.

ދެރައީ މި ގާނޫނުން ބާރުތަށް ލިބެމުން ލިބެމުންގޮސް ނިމޭއިރު ރާއްޖެތެރޭ މީހާ އަށް އެއްވެސް ބާރެއް ނުލިބުމެވެ. ރާއްޖެތެރެ މީހުން ބާރުވެރިކުރުވަން ހެދި ގާނޫނުތަކާ އެހެން ގާނޫނުތަކާ ފުށުއަރާ ވަރުންނެވެ. 30 ހަކާ ގާތްކުރާ ގާނޫނަކާ ފުށުއަރަނީއެވެ. އޭރު މިވާހަކަތައް ދައްކާނެ ގިނަ ދޫތަކެއް ނުވިއެވެ. ހުދު ކައުންސިލް ތަކަށް ވެސް އެމީހުންނަށް ލިބުނު ބާރު ބުނެދޭކަށް ނޭގުނެއެވެ. އޭރަކު އެވަގުތަކު ސަރުކާރުގެ ބޮޑެތި އިދާރާތަކުން އަންގަމުން ދިޔަ ގޮތްތަކަށް އަމަލުކުރަމުން ދިޔައީއެވެ.

ދެން ފެނިގެން ދިޔައީ ނުފެތޭނެ ކަމަށް  ވިދާޅުވެ އެންމެން އަރުވައިގެން ދަތުރުކުރި އޮޑިއަށް ރާޅެއް ޖެހުމާއެކު ކައްޕި އިސްތިއުފާ ދެއްވި މަންޒަރެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެވެ. އެމަނިކުފާނު ރައީސްކަމުގައި ހުންނެވި ތިން އަހަރުގެ ތެރޭގައި ކޮށްދެއްވާފައިވާ ހިދުމަތްތަކުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. ތެދެކެވެ. ރާއްޖެތެރޭ މީހުން ބޭނުންވާ ކަންތައްތަކެއްގެ މަލަމަތި ފެނުނެވެ.

އެވާހަކަތައް އަނެއްކާ ގަދަވެގަތީ ވެރިކަން ހޯދަން ބޭނުންވި ހިސާބުންނެވެ. ކޮންމެ ވޯޓަކާ ދިމާކޮށް އަޑުގަދަވެއެވެ. ކޮންމެ އަކަސް ލާމަރުކަޒީ ގާނޫނުން ލިބިދިން ބާރު ލިބޭނީ އަނެއްކާވެސް އެމްޑީޕީއަށް ވެރިކަން ލިބިގެން ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަފުޅުތަކަށް އެއްކަލަ ރާއްޖެތެރެމީހުން އަނެއްކާވެސް އެމަނިކުފާނަށް ފުރުސަތެއް ދިނެއެވެ. މަޖިލީހުގެ ރައީސަކަށް އެމަނިކުފާނު ހޮވި ވަޑައިގަތުމުން ލާމަރުކަޒީ ގާނޫނުގެ އެއްކަލަ ފުށުއަރާ މާއްދާތައް އިސްލާހުކޮށް ރާއްޖެތެރެއަށް ހައްގުވާނެ ވަރު ލިބޭނެ ކަމަށް އެމީހުން ހީކުރިއެވެ. ވާނީވެސް އެހެންތާއެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަތީ ސްޕަމެޖޯރިޓީ އާ އެކު ކަމަށް ވާތީއެވެ. މަޖިލީސް ތަރެއިން ބޭނުންފުޅުވާ ކޮންމެ ކަމެއްވެސް ކުރެވެން އޮތަތީވެއެވެ. ނަމަވެސް އިސްކުރެއްވީ ރާއްޖެތެރޭ މީހުންގެ ކަންތައް ތަކެއް ނޫނެވެ. ވިޔަފާރަވެރިންނާ ބާރާއި އާރުވެރިންގެ މަސައްކަތްތަކަށެވެ.

އެނޫންނަމަ ރަށްރަށުގެ ކައުންސިލްގެ އިހުތިސާސް  ހިމެނޭ ފަޅުރައްތަކުގެ ބާރު އޮންނާނީ ރަށުކައުންސިލަށް ލިބިފައެވެ. މާލީ ބާރުވެރިކަންވެސް އޮންނާނީ ލިބިފައެވެ. އިގްތިސާދީ މިނިވަންކަން އޮންނާނީ ލިބިފައެވެ. ރައްޔިތުންނާއި ކައުންސިލްތައް ހުންނާނީ ގާނޫނީ ގޮތުން ބާރުވެރިކުރެވިފައެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ އިވުނީ ކަންކަން ކުރަންތިބެ ގަސްތުގައި ކަންތައް ނުކޮށް ވަކި ކަމެއް ހާސިލުކުރަން ބޭނުންވީމާ ރާޖެތެރޭ މީހާ ބާރުވެރިކުރަން ޖެހޭ ކަމަށް ވިދާޅުވެ އެއްކަލަ އިއްޒަތްތެރި މެންބަރުން ލެއްވިހާ އަޑުތަކެވެ. މަޖިލިސް އެކަންޏެއްނޫން ކްލަބް ހައުސްގައި ވެސް މިވާހަކަތައް އުތުރި އަރުވަނީ އެވެ. ހީވަނީ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަކީ އަލަށް ފެނުނު އެއްޗެއްހެންނެވެ. މި ހައްގުތަކަކީ ލިބެންޖެހޭ ހައްގުތަކޭ ވިދާޅުވެ ކަރުބުޑުން ހަޅޭކުގެ ބަސްތައް ނެރުއްވާއިރު އެކަން ކުރަން ތިއްބެވީ ކޮންބައެއްތޯއެވެ.

މިކަންކަންކަމަކީ އިސްލާހު ކުރަންޖެހޭ ކަންތައް ކަން އެނގޭއިރު އިސްނުކުރެއްވީ ކީއްވެތޯއެވެ. އެންމެ ސަބަބަކާ ހެދިއެވެ. އެބާރުތައް ދޭން ބޭނުން ނުވަނީ އެވެ. ނޫންނަމަ ދައުރުތައް ނިމެމުންދާއިރު ކުރާނެކަމެއްނެތިފަ އެކަކު އަނެކެއްގެ ޒާތީ ކަންކަމާ ބެހިބެހި ނުތިބޭނެއެވެ. ވަކި އެދުމެއް އައުމުގެ ކުރިން އެކަންކަން ނިންމާނެއެވެ. ނަމަވެސް މިހާރު މިވީ އެހެނެއް ނޫނެވެ. އަމިއްލަ އެދުމާއި ވަކި ކަމަކަށް އެއްކަލަ  ރާއްޖެތެރޭ މީހާގެ ހައްގޭ ކިޔާފަ އަނެއްކާ ބަޔަކު ތެޅިގަތީއެވެ. ރާއްޖެތެރެ މީހުންނޭ، ތީ އެއްކަލަ ނިކަމެތިންނޭ ބުނަމުންނެވެ. އެއްހަމައެއް ނުވާނޭ ބާރެއް ނުލިބޭނޭ ބުނަމުންނެވެ. ތި މީހުންނަށް ހައްގުވަނީ އަވާމެންދުރޭ ބުނަމުންނެވެ. މީ ދުލުން ހާމަނުކުރާ އަމަލުން ދައްކާ މަންޒަރެވެ. އަމަލުން ދައްކާ ބަސްތަކެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް