ކޮވިޑް -19ގެ ބަލިމަޑުކާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ގައިދުރުކޮށް ކަށުނަމާދު ކުރާގޮތަށް ހަމަޖައްސައިފި އެވެ.
މާލޭ ސަރަހައްދުގައި ކަށުކަމާކެމީގެ ކަންކަން ކުރުމާއި އަދި ކަށުނަމާދު ކުރުމާއި ގުޅޭ ގޮތުން މިއަދު މާލޭ ސިޓީ ކައުންސިލުން ނެރު އިއުލާނުގައި ވަނީ މިއަދުން ފެށިގެން ކަށުނަމާދުގެ ޖަމާއަތުގައި މީހުން ތިބެންވާނީ ދެ މީހުންގެ ދޭތެރޭ ހުސްޖާގަ އެއް އޮންނަ ގޮަތަށް ކަމަށެވެ.

ކުރިންވެސް އަމަލުކުރަމުން އައިގޮތަށް ކޮވިޑް-19 ބަލީގައި ނިޔާވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދާނީ ހުޅުމާލޭ ސަހަރާ ގޯތިތެރޭ ކަމަށް ސިޓީކައުންސިލުން ބުނެއެވެ. އަދި އެނޫން ގޮތްގޮތަށް ނިޔާވާ މީހުންގެ ކަށުކަމާ ކެމީގެކަންކަން ކުރިއަށް ގެންދާނީ އާ ސަހަރާ މިސްކިތުގައި ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ނެރުުނު އިއުލާނުގައި ވާގޮތުން މީގެ ފަހުން މައްޔިތާ އާސަހަރާ އަށް ގެންދިއުމަށް ފަހު، ހިނަވާ ގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން ތިން ގަޑިއިރަށެވެ.
އާސަހަރާ މިސްކިތުގައި ކަށުނަމާދުކުރެވޭނީ ފަރުޟުނަމާދުގެ ޖަމާއަތުގައި ދިމާނުވާ ގޮތަށް ނަމާދަށް ބަންގި ގޮވާފަހުން ބައިގަޑިއިރު ފަހުންނެވެ.
ސިޓީ ކައުންސިލުން ބުނީ މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތްކުރައްވާ ފަރާތްތަކުން ހިނަވާގެ އެތެރެ އާއި ސަހަރާގެ ގޯތި ތެރޭގައި އުޅޭއިރު އިރުވެސް އިޖްތިމާއީ ގައި ދުރުކަން ބަހައްޓައި، އެޗްޕީއޭގެ އުސޫލްތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓަން ޖެހޭނެކަމަށެވެ.
މައްޔިތާ އާސަހަރާ އަށް ގެންދިއުމަށްފަހު ވީ އެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު މައްޔިތާ ވަޅުލުމަށް މައްޔިތާގެ އާއިލާގެ ފަރާތުން ވަރަށް ބޮޑަށް އިސްކަންދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކަށުނަމާދު ދުރުކޮށް ކުރަން ހަމަޖެއްސިނަމަވެސް އަދި މިހާތަނަށް އެހެން ނަމާދުތައް ކުރަންވީ ގައިދުރުކޮށް ކަމެއް އަދި އަންގާފައެއް ނުވެއެވެ.