ލ.އިސްދޫ ބަނދަރު ބޮޑުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އިސްދޫގެ ބަނދަރުގެ ބޮޑުކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހާވާލުކޮށްފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ.
މި މަޝްރޫއުގެ ދަށުން 27129 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 230 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 208 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ.
އަދި 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 1560 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
34.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދަން ނިންމި މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މި ބަންދަރު މަޝްރޫއު މަސައްކަތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ ލ.އިސްދުއަށް ޒިޔާރަތްކުރައްވާފައެވެ.