މަރާލާފަ އެއްލާލައިފައިއޮއްވާ ފެނުނު ކުއްޖާގެ މަރުގެ މައްސަލަ ސާބިތުވާވަރަށް ހެކި އެބަހުރި: ޕީޖީ ޝަމީމް

Loading

Facebook
Twitter
WhatsApp

 

ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލަ ސާބިތުވާވަރަށް ހެކި ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މި ކުއްޖާގެ މަރުގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ މީހުން މިހާރު ހޯދިފައިވާ ކަމަށާ މި މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހުރިހާ ދައުވާއެއް ސާބިތު ނުކުރެވުނު ނަމަވެސް މުހިއްމު ދައުވާތައް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ ދެ މީހަކަށެވެ. އެއީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27) އަދި 17 އަހަރުގެ ކުއްޖެކެވެ.

ޝަމީމް ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ޒީހާންގެ މައްޗަށް 7 ބާވާތެއް 13 ދައުވާއެއް އުފުލަން ނިންމާފައިވާކަމަށެވެ.

އޭގެތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި، ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާވެސް ހިމެނެއެވެ. ޝަމީމް ވިދާޅުވީ އެ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށެވެ.
އޭނާގެ އިތުރުން މިމައްސަލައިގައި ދެން ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، އިތުރު ދައުވާތަކެއް ކުރަން ވަނީ ނިންމާފައެވެ.

ޝަމީމް ވިދާޅުވީ މި ދެ މީހުންގެ މައްޗަށްވެސް މައްސަލަ ސާބިތުވާވަރުގެ ހެކި އެބަހުރިކަމަށެވެ.

އޭނާ ވިދާޅުވީ މިކަހަލަ  މައްސަލަތައް ސާބިތުކުރަން ބޭނުންކުރާ ހެކިންގެ ގޮތުގައި ވެސް ތިބެނީ ކުށްކުރާމީހުން ކަމަށެވެ.
“ އަޅުގަނޑުމެން ބޭނުންވަނީ ތަގުވާވެރިން ނޫނީ މުދިމުން ހެކިންގެ ގޮތުގަ ގެންނަން. އެކަމަކު އަޅުގަނޑު މިދަންނަވަނީ ކުށްކުރާން އުޅެނީ މީހުންނޭ. ކުށްކުރާ މާހައުލުގައި އުޅޭނީ ކުށްކުރާ މީހުނޭ. އެހެންވީމަ ހެކިން ގޮތުގައި ވެސް ތިބޭނީ ކުށްކުރާ މީހުން ނުވަތަ ކޮންމެވެސް ވަރަކަށް އެކަހަލަ ކަންކަމަކުގައި އުޅެފަ ތިބި މީހުން،“ ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ މީހުންގެ ހެކިބަސް ނެގުމަށް ވަކި ގަވާއިދުތަކެއް ހެދިފައިވާ ކަމަށާއި އެފަދަ މީހުންގެ ހެކިބަސް ނަގާނީ ހެދިފައިވާ ނިޒާމުގެ ތެރެއިން ކަމަށެވެ.

 

ޒިހާން އަކީ ގޭންގަކަށް ނިސްބަތްވާމީހެކެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ކުޑަކުއްޖާ މަރުގެ މައްސަލައިގެ ތަހުގީގީ މަރުހަލާއިން އިތުރު ބަޔަކު ފާހަގަވެފައި ނުވާ ކަމަށާއި އެހެންކަމުން އިތުރު ބަޔަކު އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

 

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލާ އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ.

މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. މި ކުއްޖާ ފެނިފައިވަނީ ރަހީނުކުރި މައްސަލައިގައި އެ ކުއްޖާ ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މިކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު މަރުގެ ހަގީގަތްހޯދުމަށް ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފައެވެ.

އެ ކުއްޖާގެ މަރުގެ ހަގީގަތް ހޯދަން ހެދި ޕޯސްޓްމޯޓަމްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވީނަމަވެސް ނަމަވެސް އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް