ޢަރަފާތް ދުވަސް، ހެޔޮކަމާއި މާތްކަން ބޮޑުވެގެންވާ ދުވަހެއް

Loading

Facebook
Twitter
WhatsApp
maldives news

މާދަމާ އަކީ އަރަފާތްދުވަހެވެ. ހިޖްރީ ގޮތުން ޒުލްހިއްޖާ މަހުގެ ނުވަ ވަނަ ދުވަހެވެ. އަރަފާތްދުވަހަކީ އެތަށް ގޮތަކުން ހެޔޮކަމާއި ސަވާބައާއި ދަރުމަ ލިބިގެންވާ ދުވަހެކެވެ. މި ދުވަހަކީ ފާފަފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ ދުވަހެވެ.

 

ރޭތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑުރެއަކީ ލައިލަތުލް ގަދުރި ވިލޭރެ އަށް ވީފަދައިން ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ދުވަހަކީ އަރަފާތްދުވަހެވެ.

 

އަރަފާތް ދުވަހަކީ ހައްޖުދުވަހެވެ. ރަސޫލުﷲ ސައްލައްﷲ އަލަހި ވަސައްލަމް ހަދީސް ކުރައްވާފައިވަނީ ހައްޖަކީ އަރަފާތެވެ. އަދި އެދުވަހު އަރަފާތު ބިމުގައި ހުރުމުގެ ނަސީބު ނުލިބުނު މީހާއަކީ އެ އަހަރުގެ ހައްޖުގެ އަޅުކަން ނުލިބުނު މީހާއެވެ.

 

އައިޝާ ރަޟިއައްﷲ އަންހު ކިބައިން ރިވާވެގެނެވެއެވެ. މާތް ނަބިއްޔާ ރަސޫލުއްﷲ ސައްލަﷲ އަލައި ވަސައްލަމް ހަދީސް ކުރެއްވިއެވެ.

“ އަރަފާތްދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ދުވަސް ތަކުގެ ތެރޭގައި ނުވެއެވެ. އެ ދުވަހުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ކުއްތަންވެ ވޮޑިގެންވާ އެކަލާނގެ މަލާއިކަތުންނަށް އަރަފާތުގެ އަހުލުވެރިންނާމެދު އެކަނލާގެ ފަޚުރުވެ ވޮޑިގެންނަވާނެތެވެ. އަދި ވަހީ ކުރައްވާނެތެވެ. އެމީހުން ބޭނުންވަނީ ކޮންކަމެއްހެއްޔެވެ.“

 

އިބުނު އުމަރު އަރިހުން ރިވާވެގެންވެއެވެ. ރަސޫލުއްﷲ ސައްލަﷲ އަލައި ވަސައްލަމް ހަދީސް ކުރެއްވިއެވެ.

”އަރަފާތްދުވަހުގެ ހަވީރުގެ ވަގުތުގައި ﷲ ސުބުހާނަހޫ ވަތައާލާ އެކަލާނގެ މަލާއިކަތުންނަށް އަރަފާތުގެ އަހުލުވެރިންނާމެދު ފަޚްރުވެ ވޮޑިގެންނަވާނެތެވެ. އަދި ވަހީ ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ އަޅުތަކުންނަށް ބައްލަވާށެވެ. އެބައިމީހުން ތިމަންރަސްކަލާނގެ އަޟުރަތަށް އައިސްފައިއެވަނީ ބޯހޭވި ހިރަފުސްވެފައިވާ ހާލުގައެވެ.“

 

 

އަރަފާތްދުވަހުގެ ސަވާބައާއި ދަރުމަ ލިބެން އޮތީ ހަމައެކަނި ހައްޖުގެ އަޅުކަން އަދާކުރާ މީހުންނަކަށް ނޫނެވެ.

މުއުމިނުންގެ މައިކަނބަލެއްކަމަށްވާ ހަފްޒާ ބިންތި އުމަރު ރިވާކުރެއްވިއެވެ.

“ ހަތަރުކަމެއް ރަސޫލުﷲ ސައްލައްﷲ އަލައި ވަސައްލަމް ދޫނުކުރައްވައެވެ. އެއީ އާޝޫރާ ދުވަހު( މުހައްރަމް މަހު 10) ރޯދަ ހިޕެއްވުމާއި އަރަފާތްދުވަހު ރޯދަ ހިއްޕެވުމާއި، ކޮންމެ މަހެއްގެ ތިންދުވަހު ( ހިޖްރީ މަހުން ކޮންމެ މަހެއްގެ 13، 14، 15 ) ގައި ރޯދަ ހިއްޕެވުމާއި އަދި ފަތިސްނަމާދުގެ ކުރީގައި ކުރައްވަވާ ސުންނަތް ދެ ރަކުއަތް މާއިރާކުރެއްވުމެވެ.

 

އަދި އިބުނު އުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުއްﷲ ސައްލަﷲ އަލައި ވަސައްލަމް ހަދީސް ކުރެއްވިއެވެ.

“ އަރަފާތް ދުވަހު ރޯދަ ހިފައިފި މީހެއްގެ ދެ އަހަރުގެ ފާފަ ފުއްސެވޭނެތެވެ. އެއީ ވޭތުވެދިޔަ އަހަރާއި އަދި އަންނަން އޮތް އަހަރުގެ ފާފަ ފުއްސެވޭނެތެވެ.“

 

އަރަފާތް ދުވަހުގެ ރޯދަ އަކީ އެތައްގުނަ ސަވާބާއި ދަރުމަ އެއިން ލިއްބައިދޭ އަޅުކަމަކށް ވީނަމަވެސް އެ ދުވަހު ހައްޖުވެރިންނަށް ރޯދަ ހިފުމެއް ނެތެވެ. ސަބަބަކީ ހައްޖުގެ އަޅުކަމަކީ އަފާތްދުވަހު އެހެންމީހުން ކުރާ އަޅުކަމަށްވުރެ އެތަށް ގުނައެއްގެ ބޮޑު އަޅުކަމަކަށް ވުމެވެ.

ރަސޫލުއްﷲ ސައްލަﷲ އަލައި ވަސައްލަމް ހަދީސް ކުރެއްވިއެވެ. “ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ ހައްޖަކަށް ޖަޒާއަކަށް ސުވަރުގެ މެނުވީ ނުވެއެވެ.“

ހައްޖުވެރިޔާ އަށް ރޯދަ ހިފަން ނުޖެހުމީ ހައްޖުވެރިންނަކީ މިފަދަ މާތްކަންބޮޑު އަޅުކަމެއްކުރަން ޝާމިލްވެގެން ތިބޭ ބަޔަކަށް ވުމާއި އެދުވަހުގެ ބަރަކާތަށްޓަކައި ﷲ ތައާލާ ދެއްވާފައިވާ ބޮޑުވެގެންވާ ލުޔެކެވެ.

 

މިކަމަށް ބާރު ލިބެނީ މާތްﷲ ރުއްސުންލެއްވި ސަހާބީ ބޭކަނބަލެއް ކަމަށްވާ އުއްމު ފަޟުލު ރިވާކުރައްވާފައިވާ ރިވާޔަތުންނެވެ.

 

“ އަރަފާތްދުވަހު ( ހައްޖުދުވަހު އަރަފާތުގައި ތިއްބެވިއިރު) ބައެއް ސަހާބީ ބޭކަލުންނަށް ރަސޫލާ ސައްލައްﷲ އަލައިވަސައްލަމް ހުންނެވީ ރޯދައަށް ކަމާމެދު ޝައްކުވެ ވަޑައިގަތެވެ. ދެން ތިމަންކަމަނާ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ އަރިހަށް ކިރުތައްޓެއް ފޮނުއްވުމުން އެކަލޭގެފާނު އަރަފާތުގައި ޚުތުބާ ދެއްވަން ހުންނަވާފައި އެކިރުތަށި ބެއްލެވިއެވެ. (އެބަހީ ރަސޫލާ ސައްލައްﷲ އަލައިވަސައްލަމް އެ ކިރުތަށި ހިއްޕެވިއެވެ.) “

 

އެހެންކަމުން މިފަދަ މާތް މަތިވެރިކަމުން ފުރިގެންވާ ދުވަހުގެ ހެޔޮކަމާއި ސަވާބައާއި ދަރުހޯދުމަށް އަވަސްވެ ގަންނަންޖެހެއެވެ. މި ދުވަހުގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިބިގަންނަން ޖެހެއެވެ. ރޯދަ ހިފުމާއި ގިނައިން ޒިކުރުކުރުމުގައި ދުވަސް ހޭދަ ކުރާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހެއެވެ. އަދި އެހެންމެ ފާފަފުއްސެވުން އެދި ދުއާ ކުރުމާއި ހެޔޮއަމަލުތައް ގިނަކޮށް ދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް މަސައްކަތް ކުރާ ބަޔަކަށް ވުމަށް މަސައްކަތް ކުރަމާހިނގާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް