މެލޭޝިޔާގެ ބޮޑުވަޒީރު މާދަމާ (ހޯމަ ދުވަހު) މަގާމުން އިސްތިއުފާ ދެއްވާނެ

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގެ ބޮޑުވަޒީރު، މުޙިއްދީން ޔާސިން އޭނާގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ގޮތުން މާދަމާގެ ވަގުތެއްގައި އިސްތިއުފާގެ ސިޓީ ރަސްގެފާނަށް އަރުވަން ވަނީ ނިންމަވާފައެވެ.

މުޙިއްދީން މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތީ މީގެ 17 މަސްދުވަސް ކުރީންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ގެއްލި ސަރުކާރުގެ އެކިއެކި އިސް ބޭފުޅުން އޭނާ މަގާމުން ވަކި ވެވަޑައިގަތުމަށް ގޮވާލައްވައި މުޒާހަރާ ކުރެއްވުމާ ގުޅިގެންނެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އޭނާގެ ސަރުކާރުން ވަނީ ނުކުޅެދިފައި ކަމަށް ވިދާޅުވެ މެލޭޝިޔާގެ ރައީސް ވެސް ވަނީ އޭނާ އެ މަގާމުގައި ދެމިހުންނެވުން ހައްގުނުވާކަމަށް ވިދާޅުވެފައެވެ.

ބޮޑުވަޒީރުގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ރެޒްދުއާން ޔޫސުފް ވިދާޅުވި ގޮތުގައި މާދަމާ (ހޯމަ ދުވަހު) ބޮޑު ވަޒީރު ކެބިނެޓުގެ ހުރިހައި މެމްބަރުންނާ ބައްދަލު ކުރައްވާނެއެވެ. އަދި މި ބައްދަލުވުމަށް ފަހު އިސްތިއުފާގެ ސިޓީ ރަސްގެފާނަށް ހުށަހެޅުއްވުމަށް ދަރުބާރަށް އޭނާ ވަޑައިގަންނަވާނެއެވެ. އޭނާގެ އިސްތިއުފާގެ ސިޓީފުޅު ގަބޫލުކުރެއްވުމާ ނުކުރެއްވުން ވަނީ ރަސްގެފާނުގެ އަތްޕުޅުމަތީގައެވެ.

މުޙީއްދީން މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ގައުމުގައި ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިޔުން އެކަށީގެންވާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. ކޮވިޑްގެ ހާލަތު އެ ގައުމުގައި ހުރި ގޮތަށް ބަލާއިރު އައު އިންތިޚާބަކާ ހަމަޔަށް ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންކަމުން މި ހާލަތުގައި މަގާމާ ހަވާލުވެވަޑައިގަންނަވާނީ ރަސްގެފާނު އައްޔަނު ކުރައްވާ ބޭފުޅެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް