އަޟްޙާ ޢީދަކީ މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި އަދި އެތަކެއް ޤުރުބާނީއެއްގެ ޒިކުރާ އާކޮށްދޭ މުނާސަބަތެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައްޔިތުންނާ މުޚާތަބުކޮށް ދެއްވި ޚިޠާބުގައެވެ. މިކަމަކީ މިވަޤުތު ޤައުމަށް ދިމާވެފައިމިވާ ޙާލަތުގައި ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުންވެސް އެމަނިކުފާނުވަނީ، ޙައްޖާއި ޢީދުގެ ޙިކުމަތްތަކަށް ވިސްނާ، އެކަކު އަނެކަކަށް މަޢާފު ކުރުމާއި، އަޚުވަންތަކަމުގެ ގުޅުން ދެމެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
މިއަހަރުގެ އަޟްޙާ ޢީދު މިބައްދަލު ކުރީ މުޅި ދުނިޔެއަށް ކޮވިޑު19 ގެ ސަބަބުން ލިބިފައިވާ ނުތަނަވަސްކަމުގެ ތެރެއިންކަން އެމަނިކުފާނު ފާހަކުރެއްވިއެވެ. ހަމަ އެހެންމެ މި ބޮޑުޢީދަކީ މިކަމުގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް ބަދަހި ކުރުމަށް ރަނގަޅު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އާންމު ދިރިއުޅުމުގެ އާދަކާދަ މުޅިން ބަދަލުވެފައިވާ މިދަނޑިވަޅުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، ފޯނުގެ ޒަރީޢާއިން އީދުގެ ތަހުނިޔާ ކިޔުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
އެމަނިކުފާނުގެ ޚިތާބުގައި ވަނީ އިޚުލާސްތެރިކަމާއެކު އަޟްޙާ ޢީދުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުވާފައެވެ. އަދި ޚިޠާބު ނިންމަވާލއްވމުގެ ގޮތުން، ކޮވިޑު19 ސަބަބުން އިޤްތިސާދީ އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް އެމަނިކުފާނުވަނީ ވަރަށް ބޮޑަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
One Response
ރައީސް ސޯލިޙު އަކީ ރަނގަޅު މީހެއް. މިގައުމުގައި ސޯލިޙުކަހަލަ ރަނގަޅު މީހުން އެބަތިއްބެވި. މިސާލަކަށް ޝެއިޚު އިލްޔާސްވެސް ސޯލިހަށްވުރެ އިންސާނެއްގެ ގޮތުން މާ ރަނގަޅުވާނެއެވެ. އެހެނަސް ވެރިކަން ކުރުމަށް ވެރިޔަކު ހޮވުމުގައި މިގައުމުގެ ރައްޔިތުން ރަނގަޅަށް ވިސްނާލަން އެބެޖެހެއެވެ. އެހެނީ 21 ވަނަ ގަރުނުގައި މިފަދަ ކުޑަ ގައުމެއްގެ ވެރިކަން ކުރުމަށް ބޭނުންވަނީ ތަޢުލީމީ، ދުނިޔެދަންނަ، ނަން އެލައިން މޫވްމަންޓް މަސައްކަތްކުރާގޮތް ދަންނަ، ގަޑުބަޑުތަކުގައި މަސްލަޙަތު ދަމަހަށްޓަން ދަންނަ އަދި އެޅިހާ ބަތަކަށް ރިހަ ނޫން ހަރުދަނާ ސިޔާސަތް ތެރިއެކެވެ. ކުރީގެ ރައީސް ނަޝީދުގެ ދެފަޔާއި އަތާއި ދިވެހި ވެރިކަން ހިންގުމަށް ބާނައިގެން ހަލުވާއިރު ކަމެއްނުކުރެވި ފަރުދާގެ އަނެއްފަރާތުގައި އޭނާގެ ބޭނުންވާގޮތަކަށް ކަންތައްތައް ކުރުމަށް ހުންނަ ޕަޕެޓަކަށް ރައީސް ސޯލިޙު ވުމުން ރައީސްގެ ސޯލިޙުކަމާއިމެދު ސުވާލުއުފެދިއްޖެއެވެ.