ރައީސް ޔާމީނަށް އެކަނި ދައުވާ ކުރުމަކީ ދައުލަތް މާބޮޑަށް އޮރިޔާން ވާނެކަމެއް: ނަޝީދު

Loading

Facebook
Twitter
WhatsApp

 

 

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި  ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމަށް އެކަނި ދައުވާ ކުރުމަށްވުރެ ބޮޑަށް ”ދައުލަތް އޮރިޔާން“ ވާނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ.

އެ މެސެޖް ނަޝީދު ފޮނުއްވެވީ މަހުލޫފްގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ހައްދަވާފައިވާ ބޮޑެތި ގޯސްތަކެއް މިނިސްޓަރު މަހުލޫފް އާންމު ކުރެއްވުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ލިޔެފައިވާ ހަބަރެއް ވަޓްސްއަޕް ގުރޫޕްގައި ހިއްސާ ކުރުމުންނެވެ.

މަހުލޫފް ވިދާޅުވފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ ”ދައުލަތް އޮރިޔާން“ ވާނެ ކަމަށެވެ.

އެ ކަމާގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާތައް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

އަދި އެ މައްސަލައިގައި ރައީސް ޔާމީނަށް އެކަނި ދައުވާ ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

”އެމްއެމްޕީއާރުސީގެ މައްސަލާގެ ދައުވާތައް ނުކުރެވެެންވީ ސަބަބެއް އޮވެގެން ނުވާނެ. ރައީސް ޔާމީންއަށް އެކަނި ދައުވާކޮށްފައި ނިންމާލުމަކީ ވަރަށް ހުތުރު ކަމެއް. އެޔަށްވުރެ ބޮޑަށް އޮރިޔާންވާނެ ކަމެއް ނެތް“ ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ގިނަ އަދަދެއްގެ ނަންތައް ހިމަނާފައިވީ ނަމަވެސް، އެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުއްލާ ޔާމީނަށް އެކަންޏެވެ.

އެ މައްސަލައިގެ ތުހުމަތުގައި މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމާއެކު އޭނާ އަންނަނީ އެއީ ބަޔަކު ރާވައިގެން އޭނާގެ މަށްޗަށް ކުރަމުން އަންނަ ތުހުމަތުތަކެއްކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ އޭނާގެ މައްޗައް ދައުވާކުރުމަށް ބަޔަކު އަޑީގައި ތިބެގެން ނުފޫޒު ފޯރުވާ ކަމަށާއި މައްސަލައިގެ ހެކި ހޯދުމުގައި މައްސަލަތަކެއް ހުރި ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު އެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވެއެވެ.  އަދި އެމީހުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށްވެސް ޕްރެޝަރު ކޮށްފައިވާ ކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.

އައްސަދާއި ޝިއުނާ އުޅުއްވަނީ ބޭރުފުށުން އިހްލާސްތެރި އަދި ނަޒާހަތްތެރި ބޭފުޅުން ކަމަށް ހެދިގެން ކަމަށާ އަދި އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ ބައިވަރު ހެކި އަތްޕުޅުގައި ހުރި ކަމަށާއި އެ ބޭފުޅުންގެ ”އިންޓެގްރިޓީ“ ގެއްލޭނެފަދަ ޗެޓް ލޮގްތަކެއް ވެސް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް