މިއީ މީގެ 28 އަހަރު ކުރިން މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ތަރުޖަމާކޮށް ނެރެފައިވާ ވާހަކައެކެވެ. ވާހަކަ އުރުދޫ ބަހުން ލިއުއްވާފައި ވަނީ އިންޑިއާގެ މަޝްހޫރު ލިއުންތެރިއެއްކަމުގައިވާ ސަމީރުއެވެ. މި ވާހަކަ ”ސަންދާނު“ގައި ޝާއިޢު ކުރަނީ ކިއުންތެރީން މުނިފޫހިފިލުވުމަށް ވިދާޅުވާނެކަމުގެ އުއްމީދުގައެވެ.
………………………………………………………………………………………………….
ސަރޫޕް ވިލާތުން ގަނެގެން ގެނެސްފައި އޮތް އަގުބޮޑު ކާރު އެއްވެސް އަޑެއްނެތި މަގުމަތީގައި ދުވެފައިދެއެވެ. ކާރު ދުއްވަން އިނީ ޚުދު ސަރޫޕެވެ. އޭނާ ލައިގެން ހުރީ އެންމެ އަގު ބޮޑު ފޮތީގެ ކޯޓު ފަޓުލޫނެކެވެ. އޭނާއާ ޖެހިގެން ކާރުގެ ކުރީ ގޮނޑީގައި އިށީދެގެން އިނީ ޖިއޯތީއެވެ. ފިޔާތޮށި ކުލައިގެ ސާޅިއެއް އަޅައިގެން އިން ޖިއޯތީގެ ކަރުގައި އަޅާފައި އޮތީ ސާފު ރަނުގެ އަގުބޮޑު ހާރެކެވެ. އޭނާގެ އަތާއި ފައިގައި އަލާފައިވާ ރަނުގެ ވިދުވަރަށްވުރެ އޭނާގެ މޫނުމަތިން ފާއްދާލައިފައިވާ ދަޅައިގެ އަލިކަން މާގަދައެވެ.
ސަރޫޕު ކާރު ދުއްވާފައި ދިޔައިރު، އިރުއިރުކޮޅުން ޖިއޯތީގެ ރީތި އަސަރުގަދަ މޫނަށް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު ހީވަނީ ޖިޔޯތީގެ މޫނުމައްޗަށް ފިނިފެންމަލުގެ ކުލަ ވެރިވެގެންދާހެންނެވެ. އޭނާ ލަދުން އިސްދަށަށް ޖަހާލައެވެ. އެންމެ ފަހުން އޭނާއަށް ހިމޭނުން ނީދެވިގެން ބުނެލިއެވެ.
”އިރުއިރުކޮޅުން އަހަންނާ ދިމާއަށް ތި ބަލަނީ ކީއްވެގެން؟ މަގުމައްޗަށް ބަލައިގެން ދުއްވާ! އެހެންނޫނީ އެކްސިޑެންޓެއް ވެދާނެ.“
ސަރޫޕު ފިނިނޭވާއެއް ލާފައި ހިނިތުން ވެފައި ބުނެލިއެވެ.
”އަހަރުމެން މިދާ ޕާޓީން ކަލޭ ފެނުމުން ހިތް ހަލާކު ވާނޭ މިހުންގެ ނިކަމެތި ހާލާމެދު މި ވިސްނަނީ.“
”ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް؟ މަށަކީ ކަލޭގެ ހަލާލު އަނބިމީހާ.“
”އަހަރެންގެ ހިތަށް ފިނިކަން ލިބިފައި ވަނީ އެހެންވެގެން. މީހުން ކިތަންމެ ވަރަކަށް ބަލަމުން ދިއަޔަސް އަހަރެންގެ އަމިއްލަކަމުގެ ތައްގަނޑު ކަލޭގެ ހަޔާތުން ފޮހެއެއް ނުލެވޭނެ. ދެމީހުންގެ ކައިވެންޏަށް ދެ އަހަރު ފުރުނީ މިއަދު. އެކަމުގެ އުފާ ފާޅުކުރަން އަހަރުމެން މިދަނީ ތާޖު ހޮޓަލަށް. ހަމައެކަނި މިރޭ ނިދާލަން. އެ ހޮޓަލުން ކޮޓަރިއެއްވެސް އަހަރެން ވަނީ ކުއްޔަށް ހިފާފައި. ޕާޓީ ނިމުމުނން އަހަރުމެން ދެމީހުން ދާނީ އެ ކޮޓަރިއަށް. އެތާނަގައި އަހަރުމެންނަށް އުދަގޫ ކުރާނެ އެއްވެސް މީހަކު ނުހުންނާނެ.“
”ސުބުޙާނަﷲ. ހޮޓަލުގައި ނިދަނީ ކީއްކުރަން؟ އެއޮއްބޮޑު ގޭގައި ތިބުމުން އަހަރުމެންނަށް އޮތީ ކޮން ދައްޗެއް، ކޮން އުނދަގުލެއް؟“ ޖިއޯތީގެ އަޑުގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ.
”ކުޑަމީހާ އަހަރުމެންނަށް އުނދަގޫ ކުރާނެ.“
”ދަރިފުޅު ރޭގަނޑު ހަތަރުދަމު އޮންނާނީ އޭނާގެ މާމަގެ ގާތު ނިދާފައި. ދެން އަހަރުމެންނަށް އުނދަގޫ ވާންވީ ކޮންކަމަކާ؟“
”ކަމަނާ ވާހައެއް ބުނަންތަ؟ ތުއްތު ކުދީންނަކީ ހަމައެކަނި ރޭގަނޑު ނިދާފައި ތިބޭ ބައެއްނޫން. ރޮއިވެސް ހަދާނެ. ދަރިފުޅު ރޯއަޑު އިވުމުން އަހަންނާމެދު ޚިޔާލުކުރާނެ ވަގުތެއް ކަލެއަކަށް ނުލިބޭނެ. އަހަރެން އޮންނަން ޖެހޭނީ ކެކުޅުންތަކެއްގެ ތެރެއަށް ގެއްލި އިންތިޒާރުގެ ވަގުތުތައް ގުނަން.“
”ކަލެއަކީ އުމުރުން 28 އަހަރު ވެފައިވާ ބޮޑު ފިރިހެނެއް. ދަރިފުޅަށް ވީ އަދި އެންމެ ދޮޅު އަހަރު. ކަލޭގެ ހިތުގެ ކެކުޅުމުގެ އަޑު މީހަކަށް ނީއްވައި ސިއްރުކޮށްގެން އޮވެވިދާނެ. އެކަމަކު ދަރިފުޅު ރޯއަޑު އޭނާގެ ކާފައާއި މާމައަށް އިވުމުން އެ މީހުން އަހަރުމެންނާ މެދު ހީކުރާނީ ކީކޭ؟“
”އެމީހުން ވިސްނާނެ އެއްޗެއް ވިސްނިޔަދީ! އަހަރެންގެ ހާލާމެދު ކޮންމެވެސް ވަރަކަށް ކަލޭ ވިސްނާކަށް ނުޖެހޭނެތަ؟“ ސަރޫޕްގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިފައި ހުއްޓެވެ.
ކުއްލިއަކަށް ސަރޫޕަށް ހީވީ އޭނަގެ ކަންފަތް ދޮށުގައި މީހަކު ފަޓާހެއް ޖެހި ހެންނެވެ.
”އޭއި! މީންދަ މީހާ! ކަލޭ ހަމަހޭގައިތަ ތިއިނީ؟“
ސަރޫޕް ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ. ހީވީ ހުވަފެނެއްގެ ތެރޭގައި އޮވެފައި މީހަކަށް ހޭލެވުނު ހެންނެވެ. އޭނާ އަވަސްއަވަހަށް ވަށައިގެން ނަޒަރު ހިންގައި ބަލާލިއެވެ. މޫނުމައްޗަށް އަނދިރިވެ އަނބުރައިގަނެގެން ނުވެއްޓުނީ ހަމަކިރިޔާއެވެ. އޭނާއަށް އިނދެވުނީ އާންމުން ދަތުރުކުރާ ބަހެއްގައި އިށީދެގެންނެވެ. އޭނާއާ ޖެހިގެން އިށީދެ އިނީ ޒުވާން އަންހެންކުއްޖެކެވެ. އަންހެން ކުއްޖާގެ އުމުރުން ވާނީ ފަންސަވީހަކަށް އަހަރެވެ. އޭނާގެ ލޮލުގައި ބޮޑު އަވިއައިނެއް އޮތެވެ. ލައިގެން އިނީ ހަށިގަނޑަށް ބާރު ހެދުމެކެވެ.
ސަރޫޕް ކަންބޮޑުވެފައި އިނދެ ބުންޏެވެ. ”އަޅުގަނޑަށް މާފުކުރައްވާ! ތިޔަ ބޭފުޅާއަށް ރައްދުވާ ގޮތަކަށް އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަން.“
”ކަލޭ ވާހަކަދެއްކީ ކަލޭގެ އަމަޔާތަ؟“ އަންހެން ކުއްޖާ ރުޅިވެރިކަމާއެކު ވަރަށް ހަރުކަށިއަޑަކުން ވާހަކަ ދެއްކިއެވެ. ”އަނގައިން ނުބުނެ ކަލެއަށް ބަލަހައްޓައިގެން އަހަރެން އިންނަތާ ވަރަށް ގިނައިރު ވެއްޖެ. އަހަރެން ހިމޭނުން އިނުމުން ކަލޭ ހީކުރީ އަހަންނަކީ މޮޔައެއް ކަމަށްތަ؟“
އަންހެންކުއްޖާ ދެއްކި ވާހައިގެ އަޑުއިވުމުން ކައިރީގައި ހުރި ފިރިހެނަކު ކުއްލިއަކަށް އަންހެން ކުއްޖާއާ ސުއާލު ކުރިއެވެ. ”ކިހިނެއްވީތަ؟“
”ކިހިނެއް ވީހެއްޔޭ؟ މީންދަ މީހާގަނޑު މަށާ އަޅައިގަނެގެން ނުނެއްޓިގެން އުޅެނީ. މަށާ ދިމާކޮށްގެން އުޅެނީ.“
”ނޫން! ތިޔައީ …. މުޅިން ….. ކުށް ހީއެއް.“ ސަރޫޕު އާގަންނަމުން ބުނެލިއެވެ.
”ކަލޭގެ ތިޔަ ކުށްހީ އަހަރެން ހަގީގަތަކަށް ހަދައިދޭނަން.“ ބަހުގައި އިން ފިރިހެނަކު މިހެން ބުނެފައި ސަރޫޕުގެ ކަރުގައި ހިފިއެވެ.
”ކީއްވެގެންތަ ލަދު ހަޔާތްކެނޑިގެން މީހުންގެ ގަޔަށް ބޮލަށް އަރައިގަންނަނީ؟“ ސަރޫޕް އޭނާގެ ކުށެއް ނެތްކަން ހާމަކޮށްދެވޭތޯ އުޅުނެވެ. ”ނިކަން މަ މިބުނާ އެއްޗެއްވެސް އަޑުއަހާބަލަ!“
”ކަލޭ ތިޔަ ކިޔާއެއް މިހިރަ އިއްޒަތްތެރި އަންހެން ކުއްޖާ ވަނީ އަޑުއަހާފައި. ދެން އަހަރުމެން ކިޔާ އެއްޗެއް އަޑުއަހަންވީ ކަލޭ!“
ބަހުގެތެރޭގައި ހަމަނުޖެހުމެއް ހިނގާކަން އެނގުމުން ބަހުގެ ކޮންޑަކްޓަރ އައިސް މޫނުގެ ކުލަވަރު ބަދަލުކޮށްލަމުން ސުއާލުކުރިއެވެ. ”ކިހިނެއް ވެގެން ތިއުޅެނީ؟“
”މިހިރަ ފިރިހެންމީހާ އަބުރުވެރި އަންހެންކުއްޖަކާ ބެހުނީ.“
”ކަލޭމެން ބަހުން ފައިބައިގެން ގޮސް މަގުމަތީގައި ތިބެ ތި ޝަރީޢަތް ނިންމަންދޭ. ބަހުގައި ތިބި އެހެން މީހުންނަށް އުނދަގޫކުރަން އުޅޭނޭ ކަމެއްނެތް.“ މިހެން ބުނެފައި އޭނާ ރަނގަބީލުޖަހާ ވާފަށަށް ދަމައި ބަހުގެ ރަނގަބީލު ޖަހަންފެށިއެވެ.
ނުނިމޭ