ހިޔާ ފްލެޓް ލިބުނުފަރާތްތަކުގެ ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް  ހުށަހަޅައިފިއެވެ.

ހިޔާ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ ހިޔާ ޔޫނިއަންގެ ފަރާތުން މިއަދު ވަނީ މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމަށް ހަވާލުކޮށްފައެވެ.

ހިޔާ ޔޫނިއަނުން ބުނީ ފްލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަން މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް އެރުވީ، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވޭތުވެދިޔަ ދެ މަސްދުވަހު ކުރި މަސައްކަތްތަކުން ސަރުކާރުގެ ވުޒާރާތަކުން އެދެވޭ ހައްލެއް ހޯދިފައިނުވާތީ ކަމަށެވެ.

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހިޔާ ފްލެޓް ތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދިނުމަށާއި، ފްލެޓްތަކުގެ އެތެރޭގެ މަސައްކަތަށް ހޭދަވާ ފައިސާ ދެއްކުމަށް އޮތް މުއްދަތު 12 މަހަށް ބަދަލުކޮށްދިނުމާއި ފްލެޓްގެ ޖުމަލަ އަގުން ފްލެޓްގެ އެތެރޭގެ މަސައްކަތްތައް ނިންމަން ހޭދަވާ އެއްލައްކަ ރުފިޔާ މައާފްކޮށްދިނުމަށެވެ.

މި ޕެޓިޝަން މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެންމެ ފުރަތަމަ ހުށަހެޅީ ރައީސް އޮފީހަށެވެ.

ހިޔާ ޔޫނިއަނުން ބުނީ ރައީސް އޮފީހަށާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީއާ ވާހަކަ ދައްކައިގެން ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެއްވެސް ހައްލެއް ލިބިފައި ނުވާތީ މަޖިލީހަށް ހުށަހެޅުމަށްޓަކައި މެންބަރު އާޒިމަށް ޕެޓިޝަން ހަވާލުކުރީ ކަމަށެވެ.

ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތް ތަކުން ހާސިލް ނުކުރެވޭނޭ އެއްވެސް ކަމަކަށް ޔޫނިއަނުން އެދިފައި ނުވާނެ ކަމަށްވެސް ހިޔާ ޔޫނިއަނުން ބުނެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ 7،000 ހައުސިން ޔުނިޓުގެ ކުއްޔަކީ 8،500 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
އެއީ އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކަންޖެހޭ  7500 ރުފިޔާ އާއި ފްލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާއެވެ.
އެހެން ނަމަވެސް ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތަނުގެ ފިނިޝިން މަސައްކަތް ކުރުމަށް ތިން މަސް ދުވަހު ފައިސާ ދައްކަން ނުޖެހޭނެކަމަށް އެޗްޑީސީން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް