މާލެސިޓީގައި މީޓަރު ޕާކިން ސިސްޓަމް ތައާރަފްކުރަނީ

43

 

މާލެ ސިޓީގައި މީޓަރ ޕާކިންގ ސިސްޓަމް ތައާރަފްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީއަށް ދިމާވެފައިވާ ޕާކްކުރުމުގެ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މީޓަރު ޕާކިން ސިސްޓަމް ތައާރަފްކުރުމުގެ މަސައްކަތްކުރަމުންނެވެ.

މީޓަރު ޕާކިން ސިސްޓަމަކީ ކަނޑައެޅޭ ވަކި އުސޫލަކުން މީޓަރަށް ފައިސާދެއްކުމަށްފަހު އެ ސަރަހައްދުގައި ޕާކް ކުރެވޭނެހެން އިންތިޒާމެއް ގާއިމު ކުރުމެވެ. މި ގޮތަށް ގާއިމް ކޮށްފައިވާ ސަރަހައްދުގައި ފައިސާ ދައްކަން ޖެހޭނީ ޕާކްކުރާ ވަގުތުތަކަށް ވަކިއަދަދެއް ދާއްކާގޮތަށެވެ.

މީޓަރު ޕާކިން ސިސްޓަމް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު ސިޓީކައުންސިލުން ވަނީ  މި ސިސްޓަމް ހޯދާ ބަހައްޓައިދޭން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނެއް ކޮށްފައެވެ.

މި އިއުލާނުގައިވާގޮތުން އަންނަ މަހުގެ 19 ވަނަ ދުވަހު މިކަމުގެ މައުލޫމާތު ސާފުކޮށް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މިކަމަށް އަގު ހުށައަޅަން ޖެހެއެވެ.

މާލޭގައި ދިމާވެފައިވާ ޕާކިންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޕާކުކުރުމަށް ޖާގަ ބޭނުންވާ ފަރާތްތަކުން ޕާކިން ޖާގައަށް އެދުމުގެ ފުރުސަތު ވެސް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ކައުންސިލުން ބުނީ ޕާކިން ޖާގައަށް އެދެން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 14 ވަނަ ދުވަހާހަމައަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

މިފުރުސަތުގައި 10 ސަރައްދަކުން 211 ޖާގަ ދޫކުރުމަށް ސިޓީ ކައުންސިލުންވަނީ ނިންމަވާފައެވެ. މީގެތެރޭގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގައާއި އާޓިފިޝަލް ބީޗް ސަރަހައްދުން 24 ޖާގައާއި އަލިމަސްކާނިވާ ސަރަޙައްދުން 6 ޖާގައާއި ސަލްމާން މިސްކިތް ސަރަޙައްދުން 58 ޖާގަ ދޫކުރުމަށްވަނީ ނިންމާފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ