2023 ގައި އޮންނަ ރިއާސީ އިންތިހާބުގައި ކާމިޔާބުކުރާނީ އެމްއެންޕީން: ނާޒިމް

383

ކުރިއަތް އޮތް 2023 ވަނައަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބުކުރާނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން ކަމަށް އެޕާޓީ އުފެއްދުމުގެ އެންމެ އިސްކޮށްއުޅުއްވާ  މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބޭއްވި އިރު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށާ، ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރާނީ އެޕާޓީންކަމާމެދު ޝައްކެތް ނުކުރައްވާ ކަމަށެވެ.

އަޅުގަނޑަކަށް 2023 ވަނަ އަހަރާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. އަޅުގަނޑަށް އެބަފެނޭ ﷲއިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓުން ހުވާކުރައްވާނެ މަންޒަރު،” ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެޕާޓީން ޓިކެޓް ދޭނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި ޕްރައިމަރީގައި އޭނާ ވެސް ވާދަކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީއާއި އެ ޕާޓީގެ އެހެން އިންތިހާބުތައް ބަލައި މޮނިޓާކުރުމަށް ތިންވަނަ ފަރާތެއް ހަރަކާތްތެރިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މި  ޕާޓީގެ ލީޑަޝިޕްގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ގިނަވެގެން ދެ ދައުރަށް ވުރެ އިތުރަށް ލީޑަޝިޕް މަގާމުތަކުގައި މަސައްކަތް ނުކުރެވޭ ގޮތް ހެދުމަށް އަސާސީ ގަވައިދުގައި ހިމަނާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެގޮތަށް ހަމަޖައްސަނީ ޒުވާނުންނަށް ފުރުސަތު ދިނުމަށްކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޕީ އަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީއެއް ނުވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެމްއެންޕީ ވެގެންދާނީ ސިޔާސީ މައިދާނަށް ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް އޮތުން ހޯދައިދޭ ޕާޓީ އަކަށެވެ. އަދި އެ ޕާޓީ އަކީ ދިވެހި ރައްޔިތުންނަށްޓަކައި އުފައްދާ ޕާޓީ އަކަށް ވާތީވެ ދިވެހި ހުރިހާ ރައްޔިތުން އެ ޕާޓީއާ ގުޅުމަށްވެސް ނާޒިމް ވަނީ ދައުވަތު ދެއްވާފަ އެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށެވެ.

އެމްއެންޕީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

1 ހިޔާލު

  1. ފުރަތަމަ ވިސްނަންވާނެ 2012އަހަރު ތިބުނާ ނާޒިމް އިސްވެހުރެގެން ރާއްޖޭގައި ހޮވިފައިވާ ގާނޫނީ ވެރިކަން ހަރާން ބަޢާވާތަކުން ޝަރުތަކާއި ނުލައި ބަދަލުކުރުމީ ގިނަމީހުން ބަލައި ގަންނާނޭކަމެއްނޫން!އެއީ ކޮންމެފަދަ މީހަކުން މިސާލަކަށް މަގޭ ބައްޕަކުރިޔަސް ވވވ ގޯސްނުބާކަމެއް،ވީމާ މަށާއި، މަގޭޢާއިލާކުން އެފަދަ އެއްވެސް މީހަކަށް ދުވަހަކުވެސް ވޯޓުނުދޭނޭވާހަކަ މާތްﷲގަންދީ ހުވާކޮއްފަބުނަން!!!ސޮރީ ބާއީއަކަށް،

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ