މިނިވަން ދިވެހިރާއްޖެ - އަޅުވެތި ދިވެހިރާއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ އުފާ މިއަދު ފާހަގަކުރަން ޖެހިފައި ވަނީ ގައުމީ ބަޠަލުން މިއަދާ ހަމައަށް ދެމެހެއްޓެވި މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރި ކުރުމުގެ މަސްއޫލިއްޔަތު އަތުން ބީވެގެން ހިނގައިދާނެކަމުގެ ބިރާއެކުގައިކަން ލަދުވެތިކަމާއެކު ފާހަގަކުރަންޖެހެއެވެ. ހަމައެޔާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ހިތްވަރުގަދަ ބޭފުޅުންނާއި މިނިވަން ކަމަށްޓަކައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ޒިކުރާ ފަޚުރުވެރިކަމާއެކު ހަދާންކޮށް އެ ބޭފުޅުންނަށް މިއަދު ޝުކުރު ދަންނަވަން ޖެހެއެވެ.

މިނިވަން ދިވެހިރާއްޖެ، އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގޮސް އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުގެ ކަސްތަޅުގައި 78 އަހަރެއްހާ ދުވަހު ދިވެހީން ބަނދެވިފައި ތިބެން ޖެހުނީ ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖޭގެ ސިޔާސީ ބޮޑުންގެ މެދުގައި ކޯޅެމުންދިޔަ ކޯޅުންތަކާއި އިނގިރޭސިން ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް ދަހިވެތިވެފައި ތިބުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ތެދުވެރި އިޚުލާޞްތެރި ހިތަކާއި ސިކުނޑިއަކުން ވިސް ނައިފިނަމަ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ އިނގިރޭސީންގެ ސިޔާސީ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔަ ދުވަސް ވަރުގައިވެސް ހިނގި ފަދަ ކަންތައްތަކެކެވެ. މިއީ ގައުމުދެކެ ލޯބިވާ މީހުން ފުންކޮށް ވިސްނަންޖެހިފައިވާ ދަނޑިވަޅެކެވެ.

އިންޑިއާވެސް މިދުވަސްވަރު ދިވެހިރާއްޖެއަށް ކިހާ އޯގާވެރިވެފައި ހެއު ފޯރުވަމުން އެބަގެންދޭ ނޫންތޯއެވެ؟ އެދުވަސްވަރު އިނގިރޭސީން މަސައްކަތް ކުރަމުން ދިޔައީ، އެއީ ދިވެހީންނަށް ވަރަށް ހެއުލަފާ ބައެއްގެ ގޮތުގައެވެ. ގައުމު ތަރައްގީ ކުރަން އެހީތެރިވާ ބައެއްގެ ގޮތުގައެވެ. އަދި ދުޝްމަނުންގެ ކިބައިން ގައުމު ސަލާމަތްކޮށްދޭން އެހީތެރިވާ ބައެއްގެ ގޮތުގައެވެ. އެކަމަކު އެންމެފަހުން އާޚިރުގައި އެ މީހުން ދިވެހިރާއްޖެ އަޅުވެތިކުރިއެވެ. އަޅުވެތި ކުރުމުގައި ދިވެހި ބޮޑުންނޭ ކިޔާ ސިޔާސީ ޣައްދާރުންގެ އެހީތެރިކަން ހޯދިއެވެ.

އިބްރާހީމް ނާސިރު: ޒުވާން އުމުރުގައި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި

ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނާ ބެހޭގޮތުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެފައިވެއެވެ.

”އެމަނިކުފާނު 1965 ވަނަ އަހަރު އަޅުގަނޑުމެންނަށް މިނިވަންކަން ހޯއްދަވައިދެއްވިއެވެ. އަދި ހަމަ އެމަނިކުފާނު އޭގެ ކުރިން ވޯރާ ވިޔަފާރިވެރިންގެ އަތުން އަޅުގަނޑުމެންނަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވިއެވެ.“

އިންޑިއާގެ ވޯރާ ވިޔަފާރިވެރިންނަށް ދިވެހި ސަރުކާރު ދަރާއޮތް ޒަމާނެއް ވެސް ފާއިތުވެގެންދިޔައެވެ. އޭގެ އެތައް އަހަރެއް ފަހުން ވޯރާ ވިޔަފާރިވެރިންގެ އަތުން އިބްރާހީމް ނާސިރު ރާއްޖެއަށް އިގުތިސާދީ މިނިވަންކަން ހޯއްދަވައިދެއްވާފައި ވަނިކޮށް ރާއްޖޭގެ އިގުތިސާދު، ބޭރުގެ ވިޔަފާރިވެރިން އަނެއްކާވެސް ވަނީ އަޅުވެތިކޮށްފައެވެ. މިއީ ވެސް މިނިވަންދުވަހު އަނެއްކާވެސް ލަދުވެތިކަމާއެކު ފާހަގަކުރަން ޖެހިފައި އޮތް ބޮޑު ހިތާމައެކެވެ. އާދައިގެ ކުދިކުދި ވިޔަފާރިތަކުން ފެށިގެން ގޮސް ބޮޑެތި ވިޔަފާރިތަކުގެ މައްޗަށް ވޯރާއިން އަނެއްކާވެސް އަތްގަދަކޮށްފިއެވެ.

މިނިވަން ގައުމެއްގެ ވިޔަފާރީގެ މައްޗަށް ބޭރު ގައުމެއްގެ ވޯރާއިން ވެރިވެގެންފައިވާ ވާނަމަ ގައުމުގެ ހާލަތު އޮންނާނީ ކިހިނެއްތޯއެވެ؟ ގައުމުގައި އޮންނާނީ ކޮން މިނިވަންކަމެއް ތޯއެވެ؟ މިނިވަން ގައުމެއްގެ ސިޔާސީ ކަންތައްތައް ނިންމުމުގައި ބޭރުގައުމެއްގެ ބަހާއި އެގައުމުގެ އެމްބަސީގެ ލަފާ ހޯދާނަމަ ގައުމުގައި އޮންނާނީ ކޮން މިނިވަންކަމެއް ތޯއެވެ؟ ގައުމެއްގެ އުތުރާއި ދެކުނާއި މެދުތެރޭގައި އެހެންގައުމެއްގެ އަސްކަރީ ބާރުތައް ޖަގަހަ ޖަހައިގެން ތިބޭނެނަމަ އެ ގައުމެއްގައި އޮންނާނީ ކޮން އަމުނުއަމާންކަމެއް ތޯއެވެ؟ މި އަދަކީ، ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔަ ދިއުމުން، އިބުރަތްތެރި ފިލާވަޅެއް ލިބިގަންނަންޖެހޭ ދުވަހެކެވެ.

މިނިވަންކަމުގެ 56 އަހަރު ކަޑައްތުކޮށް 57 ވަނަ އަހަރާ ކުރިމަތިލާއިރު ދިވެހިރާއްޖެ ސިޔާސީ އަދި އިގުތިސާދީ އަޅުވެތިކަމެއްގައި ބަނދެވެމުންދާކަމުގެ ހެކިތައް ދަނީ ފާޅުވެ، ފެންނަމުންނެވެ. މިފަހަރު އިނގިރޭސީންނެއް ނޫނެވެ. އިންޑިއާއެވެ. އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ބަދަހިވަމުންދާ އަޑިނޭނގޭ ގުޅުމުގެ ސަބަބުން ދިވެހިރާއްޖެ، އަޅުވެތިކަމުގެ ދަލެއްގައި ޖެހި ބަނދެވެމުންދާކަމުގެ އިހުސާސް ކުރަމުންދާ ތެދުވެރި ދިވެހިރައްޔިތުން ދަނީ އިންޑިއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ”އިންޑިއާ އައުޓް! އިންޑިއާ އައުޓް!“އޭ ގޮވަމުންނެވެ.

އައްޑޫގައި އިންޑިއާގެ އެހީގައި ހަދަމުންދާ ޕޮލިސް ޓްރޭނިން ސެންޓަރ

”އިންޑިއާ އައުޓް! އިންޑިއާ އައުޓް!“އޭ ގޮވަމުންދަނީ އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް ފޯރުވަމުންދާ ސިޔާސީ، ޢަޞްކަރީ، އަދި އިގުތިސާދީ ބާރުވެރިކަމާ ދެކޮޅު މީސްމީހުންނެވެ. ”އިންޑިއާ އައުޓު! އިންޑިއާ އައުޓު!“އޭ ގޮވަމުންދަނީ އެތެރެއިންނާއި ބޭރުން ދިވެހި ވަޠަނުގެ މިނިވަންކަމާއި ތޮޅެމުންދާ ޢަދުއްވުންގެ ވަކިތަކުން ގައުމު ސަލާމަތްކުރަން އެދޭ މީހުންނެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވެމުންދާ އަޑިނޭނގޭ، ސިއްރުން ފުރިގެންވާ އެއްބަސްވުންތަކާމެދު ކަންބޮޑުވާ މީހުންނެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރަމުންދާ އެއްބަސްވުންތަކަކީ ތާހިރު އެއްބަސްވުންތަކެއް ކަމަށް ސަރުކާރުން ހާސްފަހަރު ބުންޏަސް އެއިން ކޮންމެ އެއްބަސްވުމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އެއްބަސްވުމެއް ކަމަށް ބުނެ އެ އެއްބަސްވުންތައް ފޮރުވައި، ސިއްރުކުރުމުން ރައްޔިތުންގެ ހިތުގައި އުފެދެމުން ދަނީ ޝައްކާއި ވަހުމުގެ އުދާހެވެ. އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައީވެސް ރައްޔިތުންނަށް ނޭނގޭ ސިއްރު އެއްބަސްވުމެއްގެ ދަށުންނެވެ.

އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ 1889ގައި ދިޔައީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ކޯޅުން ބޮޑު ދުވަސްވަރެއްގައެވެ. އިނގިރޭސީންގެ ގަދަބާރުގައި ރާއްޖޭގެ ރަސްކަން ބަދަލުކުރިއެވެ. އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ބޮޑުން ގައުމުގައި ބޮޑު ހުޅުޖަހައި ގައުމު ފަނާކޮށް ސުންނާފަތި ކުރަމުން ދިޔަ ދުވަސްވަރެކެވެ.

މާތް ރަސްކަނލާންގެ ދެން އެފަދަ ދުވަހެއް، އެފަދަ އަޅުވެތި ކަމެއް، މި ދިވެހިރާއްޖެއަށް މިންވަރު ނުކުރައްވާށިއެވެ!

ގައުމުގެ މިނިވަންކަމަކީ އެހެން އެއްވެސް އެއްޗަކާއި އަޅައި ކިރުވައި ވަޒަން ކުރެވޭ ވަރަށްވުރެ ބޮޑު ނިޢުމަތެއް ކަން ކަށަވަރު ޔަގީނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް