މާދަމާއިން ފެށިގެން ކޫއްޑޫއިން އައިސް ވިއްކާނެ

43

ދެކުނުގެ މަސްވެރިން އެރަށަކަށް އެންމެ ބޮޑަށް ބަރޯސާވާ ގއ ކޫއްޑޫއިން އައިސް ވިއްކުން ހުއްޓާލައިފައި އޮތުމަށްފަހު މާދަމައިން ފެށިގެން އައިސް ވިއްކުމަށް ހަމަޖައްސައިފިއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ބުނީ މާދަމާއިން ފެށިގެން ކޫއްޑޫ އަދި ދެކުނު އައިސް ޕްލާންޓް ތަކުން އައިސް ވިއްކާނެކަމަށެވެ. ހުކުރު ދުވަހު ކޫއްޑޫއިން އައިސް ވިއްކާނީ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 ހަމައަށް ކަމަށްވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކުރެއެވެ.

އެ މަސްފެކްޓްރީގެ ޖެޓީއާއި ކޯސްޓްރޭޖް އަދި ކަލެކްޓަރ ބޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން އެ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން މަސް ގަނެ އައިސް ދޫކުރުމަށް ދަތިވެފައިވާތީ އެ މަސްފެކްޓްރީން އައިސް ވިއްކުމާއި މަސްގަތުން ހުއްޓާލީ މި މަހު ހަ ވަނަ ދުވަހުއެވެ.

ކޫއްޑޫއިން މަސްގަތުމާއި އައިސް ވިއްކުން ހުއްޓާލި އިރު އެ ފެކްޓްރީގެ 65 އެކްޓިވް ކޭސް ހިމެނެއެވެ. ނަމަވެސް އިއްޔެ އާންމުކުރި މައުލޫމާތަށް ބަލާއިރު ކޫއްޑޫގައި އެކްޓިވް ކޭސް ގޮތުގައި ވަނީ 35 ކޭސް އެވެ. އެ ފެކްޓްރީން 152 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 117 މީހުންވަނީ ބަލިން ފަސޭހަވެފައެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ކޫއްޑޫ ބަންދުވިއަސް މަސް ކިރުވުމުގެ މަސައްކަތް ކޫއްޑޫ ބޭރު ބަނދަރުން މަހާ ކަލަމިންޖާ ބޯޓު އަދި ހުވަދޫ އަތޮޅުގައި ހަރަކާތްތެރިވާ ކަލެކްޓަރ ބޯޓު ފަހަރުތަކުން ދިޔައީ ކުރަމުންނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ