ފެމިލީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައި މައްސަލަ ބަލަން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ޖޭއެސްސީ އަށް ހުށަހަޅާފައިވާ އަބްދުﷲ ގާޒީގެ މައްސަލަ، އެ ކޮމިޝަނުގެ 53 ވަނަ ބައްދަލުވުމުގައި ނިންމުމަށް ފަހު ބުނެފައި ވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށެވެ.
ޖޭއެސްސީން ބަލަމުންދިޔައީ އަބްދުﷲ ގާޒީގެ އާއި ގުޅޭ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައި ނުވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންވަނިކޮށް އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުއެވެ.
އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރަން ނިންމީ ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެގޮތަށް އެދުނީ އެ ކޯޓުން އެކުލަވާލާފައިވާ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލުގެ ދަށުންނެވެ.