ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް މީހެއްގެ ބަންދު ދަމަހައްޓައިފި

Loading

Facebook
Twitter
WhatsApp

 

ތ.އަތޮޅު ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.
މި މީހުންނަކީ ފުލުހުން އެރަށުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނެވެ. ފުލުހުން ބުނީމި އޮޕަރޭޝަން ހިންގީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހުރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އަދި މީގެ އިތުރުން އެ ރަށުގައި ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާކަމަށް ބެލެވޭ ”ނަސާޙް-3“ ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުނުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި މިމީހުންގެ ބަންދުގެ މުއްދަތު ދަމައްޓާފައިވަނީ މިމީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ.
މި މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސްއާ ގުޅުން އޮންނަ ބައެއްކަމަށް ފުލުހުން ތުހުމަތުކުރާ މީހުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން

  • ޢަބްދުﷲ ޝަރީފް – ތ. ތިމަރަފުށި، އަސްރަފީވިލާ،
  • ޢަލީ މުނީޒު – ތ. ތިމަރަފުށި، ކެނެރީގެ،
  • މުހައްމަދު އާސިރު – ތ. ތިމަރަފުށި، އަސުރުމާގެ،
  • އަހުސަން މުހައްމަދު – ތ. ތިމަރަފުށި، އަސްރަފީވިލާ،
  • ޝަމާހު ޝަރީފު – ތ. ތިމަރަފުށި، ސައިމާ،
  • އިބްރާހިމް ލޫތު – ނ. ކުޑަފަރި، ރޯޒްމީޑު،
  • ޢަލީ އަރުހަމް މުހައްމަދު – ރ. ކަނދޮޅުދޫ، ފެހިވިލާ،
  • ޢަބްދުއްލާ އިމާދު – ރ. މަޑުއްވަރި، ބީޗްހައުސް،

ފުލުހުން ބުނީ އަހްސަން މުހައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި އަދި މީހަކަށް މަރުގެ އިންޒާރުދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެއްކަމަށެވެ.

އަދި އަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި އަދި މުދަލަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ”ނަސާޙް-3“  ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސަރޗްކުރަމުންދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުންވެސް ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް