ރައީސް ޔާމިންގެ ބަޔާނެއް ނަގަން އުޅެނީ ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލަން: އިނދިކޮޅު ކޯލިޝަން

Loading

Facebook
Twitter
WhatsApp

 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްގެން ބަޔާން ނަގަން އުޅެނީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާ ހެދި ރައްޔިތުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމް، ޕީއެންސީން ބުނެފި އެވެ.

ރައީސް ޔާމިނާ ސުވާލުކޮށް ބަޔާން ނަގުމަށް އާދީއްތަ ދުވަހާއި އިއްޔެ ވެސް އެމަނިކުފާނު ވަނީ ފުލުހުންގެ އިދާރާއަށް ހާޒުރުކޮށްފައެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަމުން ދަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވ. އާރަށް ކުށްޔަށް ދޫކުރުމުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ސަރުކާރަށް ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލަ އަކީ ކުރިން ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އެ މައްސަލައިގެ ބަޔާން އަލުން ނަގަނީ ޕީޖީ އޮފީހުން އަންގައިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ފުލުހުންނާ ހަވާލާދީ ޖަމީލުވިދާޅުވީ ބަޔާން އަލުން ނަގަންޖެހޭ ސަބަބަކީ ކުރިން ބަޔާން ނެގިއިރު، ގާނޫނީ އިންޒާރުދީފައި ވަނީ ގޯސްކޮށް ކަމަށްވާތީ ކަމަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ވަނީ ތަހުގީގު ނިމިފައިވާ މައްސަލައެއް އިތުރަށް ތަހުގީގުކުރަމުންދާ ދިއުމަކީ ފުލުހުންގެ މަށްޗަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ މިންވަރު އެގިގެން ދާކަމެއްކަމަށެވެ.

”މައްސަލަ ކުރިއަށް ގެންދާ ގޮތާމެދު ރައީސް ޔާމީން ގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަހުގީގު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެކެވެ،“ އެ ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

އެ ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ފުލުހުންގެ މުއައްސަސާއަށް ވަނީ ސިޔާސީ ނުފޫޒު ފޯރާފަ އެވެ. ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެހެންވެ ކަމަށް އިނދިކޮޅުން ދެކެ އެވެ.

”އެހެންކަމުން، ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި، ޤާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރެއްވުމަށް އިދިކޮޅުން ގޮވާލި އެވެ،“ އެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީނަށް ސަރުކާރުން އަނިޔާދެމުންދާ ކަމަށް ބުނެ، އެކަން ހުއްޓާލުމަށް ވެސް އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ އެ މައްސަލާގައި އަލުން ބަޔާން ނަގަނީ އެމްޑީޕީގެ މެމްބަރުން ރުއްސަން ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް