އިންޑިއަން ހައިކޮމިޝަން ގޮއްވާލަަން ދިން އިންޒާރާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގެ މުއްދަތަށް އިތުރު ތިން ދުވަސް އިއްޔެ ދީފި އެވެ.

ފޭކް އެކައުންޓެއްގެ ގޮތުގައި ހިންގާ، ”ރޯޔަލް ހުސެއިން ތަކުރު“ ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އާރްޑީއެކްސްއެއް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.

މި ޓްވީޓާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ މުހައްމަދު އިނާދު ނަމަކަށް ކިޔާ އުމުރުން 42 އަހަރުގެ މީހެކެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ގޮވާތަކެތި ބޭނުންކޮށްގެން ތަނެއް ގޮއްވާލަން މަސައްކަތް ކުރަމުންދާ ކަމާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމުގެ އިންޒާރުދިން ކަމުގެ ތުހުމަތެވެ.

އިނާދުގެ މަށްޗަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދިނީ އޭނާގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވެ، އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

އިނާދަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި މީހެކެވެ.

މި މައްސަލައާ ގުޅިގެން އިނާދު ހައްޔަރުކޮށް ފުލުހުން ކުރަމުންދާ ތަހުގީގާއި ގުޅިގެން އޭނާ އެމްޑީޕީން ވަކިކުރަން ވެސް އެ ޕާޓީއިން މިހާރު ވަނީ ނިންމައިފަ އެވެ.

 

ކޯޓު އަމުރުގައި ވަނީ އިނާދަށް ކޮންމެވެސް ވަރަކަށް ތުހުމަތު ކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައި ހުރި ކަމަށެވެ. މައްސަލަ ޖެހުނު ޓްވީޓު ކުރީ ސީދާ އޭނާކަން ތުހުމަތު ކުރެވޭ ވަރަށް ފުލުހުން އަދި ހެކި ހުށަހަޅާފައި ނުވި ނަމަވެސް އެއީ އޭނާ ކަމަށް ބާރުދޭ ގަރީނާތަކެއް އެބަހުރި ކަމަށް ކޯޓު އަމުރުގައި ވެ އެވެ.

އިނާދުގެ ފަރާތުން ބުނެފައި ވަނީ، ބަހުސްގެ ބޭނުމަށް އޭނާ އެ ޓްވީޓު ކުރި ކަމަށް ބެލިޔަސް، އެކަން ޖިނާއީ މިންގަނޑަށް ފެތޭނީ ވަކި އެއްޗެއް ބުނީ އެކަމެއް ކުރުމުގެ ނިޔަތުގައި ކަމަށް ވާ ނަމަ ކަމަށެވެ. އިނާދާ ދެކޮޅަށް އެއްވެސް ހެއްކެއް ހޯދިފައި ނުވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން އޭނާގެ ފަރާތުން އެދުނެވެ.

ނަމަވެސް، ދޫކޮށްލައިފި ނަމަ ހެކި ނައްތާލަފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެން ބަންދު އިތުރު ކުރަން ގާޒީ ސަފްއަތު ހަބީބު ނިންމެވި އެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންގެ މައްސަލަަތައް ބަލަައި ފިޔަވަޅު އަޅާނެ ކަމަށެވެ.

Loading

One Response

  1. އެމްޑީޕީ އިނާދު. މިކަހަލަ ހުރިހާ ނުލަފާ ކަމެއްގެ ކުރީގައި ތިބޭނީ އެމްޑީޕީ. މާލޭ ބޮޑުހުޅުޖެހިމީހުން. އޭގެ ވެރިޔާ އެ ދަޢުވާ ކުރަނީ މަށޯ މިގައުމުގެ ވެރިޔަކީ. ރައްޔަތުން މަ ރައީސަކަށްވަން ވޯޓު ނުދެންޏާ މަޖިލީސްގައި ތިބި މެމްބަރު ގަނެގެންވެސް މަށޯ ވެރިޔަކީ. އެހެޔޮ ބޮދުވަޒީރަކަށް ނުވަތަ ރަސްކަލަކަށް ވެގެންވެސްނަމަވެސް. ދެން މީ ވެރިކަމާހެދި ދަންޖެހިވެސްދާނެ ނޫންތޯއެވެ. ވީމާ ރައީސް ސޯލިޙުގެ މި އަޚު އަށް ސަލާމަތް ބުއްދި ލިބިދެވޭތޯ ނަފުސާނީ ޑޮކުޓަރަކަށް ދައްކުވައިގެން އިލާޖުކުރައްވައިގެން އެބުރި ގައުމަށް ގެންނަވުން އެދެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް