އިންޑިއާގެ މާބަނޑޭރި ބިރު!

1610

ބުނެވޭ ގޮތުން “މާބަނޑޭރި ބިރަކީ” ބިރެއްފެނިދާނެތީ ގަންނަ ބިރެވެ. އިނގިރޭސީންގެ އިސްތިޢުމާރީ ވަކިދަށުން ދިވެހިރާއްޖެ ސަލާމަތްވެ، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާ ގުޅިގެން ދިވެހިރާއްޖެއަށް މަރުޙަބާކީ ގައުމުތަކަށް ބަލާއިރު އިންޑިއާއަކީ އެލިސްޓުގެ ކުރީކޮޅުން ޖާގަހޯދި ގައުމެއް ނޫނެވެ. އަދި ހިތުން ރުހުމުން ރާއްޖެއަށް މަރުޙަބާކީ ގައުމެއްވެސް ނުމެނޫންމެއެވެ.

ކަން މިހެން އޮތްނަމަވެސް ހިތާމަޔަކީ 17 ޑިސެމްބަރު 2018ގައި އިންޑިއާއަށް ފުރައިވަޑައި ގަންނަވަމު ރައީސް ޞާލިޙު މިކަމުގައިވެސް ހައްދަވާފައި ވަނީ ކަނޑައެޅިގެން އިތުރުފުޅެކެވެ. އެއީ ކަނޑައެޅިގެން ރައްޔިތުންނަށް ތާރީޚީ ޙަގީގަތެއް އޮޅުވާލެއްވުމަށް ހެއްދެވި ބިޔަ ބޮޑު އިތުރުފުޅެކެވެ.

މިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލެއްވީ ކަމުގެ ޙަޤީޤަތް އެނގިވަޑައިނުގެން ހުންނަވައެވެ. ނޫނީ، ވޯޓު އޮޅުވާލައިގެން ވެރިކަން ހޯދަ ދިންކަމަށްޓަކައި އެކަމުގެ އިނާމެއްގެ ގޮތުން، މޯދީގެ ސަރުކާރު ރުއްސެވުމަށެވެ. މިކަމުން އެކަނިވެސް، އިންޑިއާގެ މުށުތެރޭ ރައީސް ސާލިޙު ތާށިވެފައި ހުންނެވި މިންވަރު ސާފުވެގެންދެއެވެ. މިވާހަކަ، 17 ޑިސެމްބަރު 2018މ. ގައި އަހުރެންކުރި ފޭސްބުކް ޕޯސްޓެއްގައިވެސް ގެނެސްދީފައިވާނެއެވެ. ހިތާމައަކީ މިއަދުވެސް، އިންޑިއާއިން ޖަހާހައި ބެރަކަށް ރައީސް ސާލިޙުގެ ސަރުކާރުން ނައްޓަވަމުން ގެންދަވާކަމެވެ. މާޒީން އެއްވެސް އިބުރަތެއް ޙާސިލު ކުރައްވަން ބޭނުންފުޅު ނުވާކަހަލައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެހެންކަމުން، ތާރީޚަށްޓަކައި، އަހުރެންނަށްވެސް އެނގިހުރި އެއްޗެއް ކިއުންތެރިންނާ ހިއްސާކޮށްލުމަކީ މިދަނޑިވަޅުގައި އަޅުގަނޑުގެވެސް ވާޖިބެއްކަމުގައި ދެކެމެވެ.

އިންޑިއާ އާއި ޚިލާފަށް، ޗައިނާއަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމާއެކު، ރާއްޖެއަށް އެންމެ ފުރަތަމަ މަރުޙަބާކީ ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެކެވެ. މިކަން ކަށަވަރުވަނީ، 24 އޯގަސްޓް 1965މ. ގައި (މިނިވަންކަން ލިބުނުތާ 30 ދުވަސް ފަހުން)، އޭރުގެ ނޫހެއްކަމުގައިވާ “ވިޔަފާރި މިއަދު” ގެ 7 ވަނަ ސަފުހާގައި “އިންޑިއާގެ ބޮލުގައި ރިހެނީބާ؟” މި ސުރުޚީގެ ދަށުން “މީމު” ގެ ނަމުގައި ލިޔުއްވާފައިވާ ލިޔުމުންނެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި މިލިޔުމަކީ އޭރުގެ ބޮޑުވަޒީރު ނިޝާނުލް ޣާޒީގެ އިއްޒަތްތެރި ވެރިޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ ފުރިހަމަ އިޒުނަފުޅާއެކު ލިޔެފައި އޮތް ލިޔުމެކެވެ. އޭރުގެ ކަންކަން ހުރި ގޮތުން، ބޮޑުވަޒީރުގެ ރުހުމެއް، ހުއްދަނެތި އެފަދަ ލިޔުމެއް ނުލިޔެވޭނެއެވެ.

މިލިޔުމުން އެނގޭ ގޮތުގައި، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމާއެކު ޗައިނާއިން މަރުޙަބާ ކިޔައި، ރާއްޖެއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރުމުގެ ޝައުޤުވެރިކަން ފައުޅުކުރުމުން، އިންޑިއާއަށް މާބަނޑޭރި ބިރެއް ފެނި، އެކަމާ ބިރުން އުޅެގަތެވެ. އަދި ދިވެހިރާއްޖެއަށް ލިބުނު މިނިވަންކަމަށާއި، ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވެގެން ހިގައިދާނެތީ، މިހާރުގެ ބަހުރުވައިންނަމަ، އެންމެ “ޖޭވި” ގައުމަކީވެސް އިންޑިއާއެވެ.

މިދެންނެވި ލިޔުމާއި ބެހޭގޮތުން، މަރުޙޫމް އިބްރާހީމް ނާޞިރު (މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! (އާމީން) ގެ ވަރަށް އަރިސް ވަޒީރަކާ އަހުރެން ސުވާލު ދެންނެވީމެވެ. އެ މަނިކުފާނުވެސް ވަނީ ދާދި ފަހުން ދުނިޔެ ދޫކުރައްވާފައެވެ. އެ މަރުޙޫމްގެ ފުރާނަފުޅަށްވެސް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! (އާމީން).

އެ މަނިކުފާނު އަހުރެންނަށް ކިޔައިދެއްވި ގޮތުގައި، ބޮޑުވަޒީރު އިބްރާހީމް ނާޞިރު އުއްމީދު ކުރައްވައިގެން ހުންނެވީ ރާއްޖެއަށް ލިބުނު މިނިވަންކަން އަވަށްޓެރި އިންޑިއާއިން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގެ މިނިވަންކަން ބަލައިގަތުމަށް އިންޑިއާއިން ފަސްޖެހެމުން ދިއުމުން، އެކަމާ ނާޞިރު ވަރަށް ކަނބޮޑުވެ ވަޑައިގެންެ، މިއުޅޭ ގޮތަކާމެދު ފިކުރު ކުރައްވައި، ދިވެހިދިވެހިރާއްޖޭގެ މިނިވަން ކަމާމެދު އިންޑިއާއިން ނުނިޔަތްލަނީ ކަމަށް ދެކިވަޑައިގަތެވެ.

ނާޞިރު ވިސްނާ ވަޑައިގެންނެވި ގޮތުގައި، އިންޑިއާއިން ދިވެހިރާއްޖޭގެ މިނިވަންކަން ބަލައިގަތުން ލަސްވަމުންދަ ދިއުމަށް ނިމުމެއް އަންނާނީ އދ. ގެ މެމްބަރަކަށް ވެވިގެންނެވެ. އެހެން ކަމުން، އެކަމަށް އެދިވަޑައިގެން އދ. އަށް ހުށަހެޅުއްވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން، މެމްބަރުކަމަށް އެދި ހުށަހެޅުއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، 21 ސެޕްޓެމްބަރު 1965މ. ގައި، އދ. ގެ ފުރިހަމަ މެމްބަރެއްގެ މަގާމު ދިވެހިރާއްޖެއަށް ލިބިގެން ދިޔައެވެ. މެމްބަރުކަން ލިބުނީ ޗައިނާ އާއި ރޫސީވިލާތުން ދިން ވޯޓާއި އެކީގައެވެ. މިކަން ހަމަޖެހިގެން ދިޔައީ މިނިވަންކަން ލިބުނުތާ ދެމަސް ވެސް ނުވަނީހެވެ. އޭރުވެސް މިބޭފުޅުން އެވިދާޅުވާ “އަވަށްޓެރި” “ބޮޑުބޭބެ” އޮތީ ދިވެހިރާއްޖޭގެ މިނިވަންކަން ބަލައިނުގަނެ، ރާއްޖެއަށް ލޯ އަޅައަޅައެވެ. އެބުނާ ހެޔޮއެދޭ “ބޮޑުބޭބެ” އަހަރެމެންގެ މިނިވަންކަން ބަލައިގަތީ 01 ނޮވެމްބަރު 1965މ. ގައެވެ. އެއީ އދ. ގެ މެމްބަރުކަން ލިބުނުތާވެސް މަހަކަށްވުރެ ވެސް ގިނަ ދުވަސްވީ ފަހުންނެވެ. މޫނަށް ލަދަށޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

އޭރުއްސުރެވެސް، އިންޑިއާ އިން ދިވެހި ދިވެހިރާއްޖޭގެ މައްޗަށް އޮތް ދަހިވެތިކަމާއި، ނޭއްގާނީ ކަމަކަށް މިއަދުވެސް ކުޑަވެސް ބަދަލެއް ނާދެއެވެ. ދިވެހިރާއްޖެއާ މެދު އިންޑިއާއިން ގެންގުޅޭ ހުރިހާ ސިޔާސަތެއްވެސް ބައްޓަން ކޮށްފައިވަނީ “އެންމެ ފުރަތަމަ އިންޑިއާ” ގެ މައްޗަށާއި އަހުރެމެން “އާނ ބަސް” ބުނާވަރެއްގެ މައްޗަށެވެ. މާނައަކީ ދިވެހިރާއްޖެއިން ކުރާ ހުރިހާ ކަމެއްވެސް ކުރަންވާނީ ދިވެހިރާއްޖޭގެ މަސްލަޙަތުގެ މައްޗަށް އިންޑިއާގެ މަސްލަޙަތު އިސްކޮށްގެންނެވެ.

އިންޑިއާ ނުރުހޭ ބަޔަކާ ދިވެހިރާއްޖެއިން ގުޅުމެއް ބާވައިގެން ނުވާނެއެވެ. އިންޑިއާ ނޫން ޤައުމަކުން ލޯނެއް ނަގައިގެން ނުވާނެއެވެ. އިންޑިއާ ނޫން ބަޔަކާއެކު ޢަސްކަރީ ގުޅުމެއް ބާވައިގެން ނުވާނެއެވެ. އިންޑިއާގެ މަސްލަޙަތާ ފުށުއަރާ މަޝްރޫޢެއް ރާއްޖޭގައި ހިންގައިގެން ނުވާނެއެވެ. އިންޑިއާ ނޫން ޤައުމަކުން އެއްޗެއް އެމީހުންގެ ރުހުމެއްނެތި އެތެރެކޮށްގެން ނުވާނެއެވެ. މިހެން ގޮސް މިފަދަ އެތައްކަމެކެވެ. ދެން މިހާރު އެތެރޭގެ އުދުހުންތަކުގައިވެސް އެވަނީ ބަސްކިޔަން ފައްޓަފައެވެ.

ދިވެހިރާއްޖެއާއި މެދު އިންޑިއާއިން ގެންގުޅޭ “ޒީރޯ ސަމް މައިންޑް ސެޓް” އަކީ، ދިވެހިރާއްޖެ އަބަދުވެސް އޮންނަންވާނީ އިންޑިއާގެ ޚިދުމަތުގައެވެ. މާނައަކީ، އެކަމަކުން ރާއްޖެއަށް ކިތައްމެ ބޮޑު ފައިދާއެއް ލިބެންއޮތްކަމެއް ވިއަސް، އިންޑިއާ ނުރުހޭކަމެއް ނުވަތަ އިންޑިއާއަށް “ގެއްލުމެއް” ލިބިދާނެ ކަމަށް އިންޑިއާ ދެކޭ ނުވަތަ ޤަބޫލުކުރާ އެއްވެސް ކަމެއް ދިވެހިރާއްޖެއިން ކޮށްގެން ނުވާނެއެވެ. މާނައަކީ އިންޑިއާއަށް ބަރޯސާވާން ނުޖެހޭ މިންވަރަކަށް ދިވެހިރާއްޖޭގެ އިގުތިސާދު ތަރައްގީކޮށްގެން ނުވާނެއެވެ. އެފަދަ ގޮތަކަށް ޢަމަލު ކޮށްފިނަމަ، ދިވެހިން އިންޑިއާއަށް ދަތުރުކުރަން ނަގާ ވިސާ ދޫކުރުން ހުއްޓުވައި، ނުވަތަ ތާށިކޮށް، އިންޑިއާއިން ގަންނަ ބިސް ފިޔާ ފަދަތަކެއްޗާއި، ދިވެހިރާއްޖޭގެ ތަރައްގީއަށް އެތެރެކުރެވޭ ހިލަ، ހިލަވެލި، ސިމެންތި ކޮޅާއި ދަގަނޑުކޮޅު އެތެރެކުރަން ދޫކޮށްފައި އޮންނަ އެބުނާ “ކޯޓާ” ވެސް ވަގުތީ ގޮތުންނޭބުނެ ހުއްޓުވާލާނެއެވެ. މިފަދަ ނޭއްގާނީ، އަމިއްލަ އެދުމުން ފޯވެފައިވާ ކިތަންމެ ދަށުޖަރަގައިގެ ޢަމަލުހިންގުމަށް އިންޑިއާ އޮންނަނީ އަބަދުވެސް ދުރުމުއަޅައިގެނެވެ. އަމުދުން އެކްސްޓްރީމިސްޓް މޯދީ ސަރުކާރުގައި މިފަދަ ޢަމަލުތަކާއި ރޭވުންތަށް މިވަނީ ހައްދުން ނައްޓައިފައެވެ.

ދިވެހިދިވެހިރާއްޖޭގެ މުހިންމު ކަނޑުއޮޅިތަކަށް އިންޑިއާގެ ސިފައިން ރުކުރުވާލަމުން އެދަނީ އެމީހުން ރާއްޖެއާ މެދު ގެންގުޅޭ މިދެންނެވި “ޒީރޯ ސަމް މައިންޑް ސެޓް” ގެ ތެރެއިންކަމީ އެންމެނަށް އެނގޭ ބޮޑުސިއްރެކެވެ. ބޭނުމަކީ، އެއިން އެއްވެސް ސްޓްރެޓެޖިކް ލޮކޭޝަނެއްގައި ރާއްޖެއަށް ފައިދާހުރި އެއްވެސް މަޝްރޫޢެއް ހިންގިޔަ ނުދިނުމަށެވެ. ދާއިމަށް ރާއްޖެ ނިކަމެތިކޮށްލާފައި ބޭއްވުމުގެ ޕްލޭންގެ ދަށުންނެވެ. ރައީސް ސޯލިޙުގެ ވެރިކަމުގައި މިއީ އެމީހުނަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަމުގައި ދެކިއެވެ. އެހެނީ ރައީސް ސޯލިޙުގެ ސަރުކާރަކީ މިހާތަނަށް ދިވެހިންނަށް ލިބުނު އެންމެ ބަލިކަށި ސަރުކާރެވެ.

ސަރުކާރު ލިބުމާއި ގުޅީގެން މަޖިލިސްގެ މެޖޯރިޓީ ހޯދުމަށް ރައީސް ސޯލީޙު އާއި އެމަނިކުފާނުގެ ޕާޓީގެ ރައީސް ތެޅިފޮޅޭކަން އިންޑިއާގެ އެމްބަސީގައި އިންޓެލިޖެންސް މަޢުލޫމާތު އެއްކުރަމުންދިޔަ “ރޯ” ގެ އޭޖެންޓުންނަށް ރަނގަޅަށް އެނގެއެވެ. ހަމަ އެހެންމެ، ވެރިކަން އަތުލައިގަތުމަށްޓަކައި ސްލޯގަންތަކެއް ހައްދަވައިގެން އެއްކުރެއްވި “އަންހޯލީ” ކޯލިޝަން އަކީވެސް “ހަކުރުދެންޏާ ބޮޑުބޭބެ” އުޞޫލުން ހެދިފައިވާ ކޯލިޝަނެއްކަން، އެ ކޯލިޝަނަށް ފަންޑުކޮށް، އެ ކޯލިޝަންގެ ޙަރަކާތްތަކަށް އިންވެސްޓް ކުރަމުންދިޔަ އިންޑީއާ އަށް ރަނގަޅަށް އެނގެއެވެ. އެހެނީ، ރޯ އިން ދިޔައީ، ދެ ރައީސުންގެ ކޯޅުންތަކުގެ ރެކޯޑިންވެސް އަޑުއަހަމުންނެވެ.

އަޑުތައް އިވޭގޮތުން، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސްގެ މެމްބަރުންނާއި ބައެއް މީޑިއާ ކުދިންކޮޅުވެސް ދިޔައީ އިންޑިއާ އެދޭގޮތަށް ބިލްތައް ފަރުމާކުރަމުން ޚަބަރުތައް ލިޔެ ޝާއިޢުކުރަމުންނެވެ. އަދި އިންޑިއާގެ އެމްބަސީން ބޭނުންވާ އެތެރޭގެ ޚަބަރުތަށް ކުޑަކުޑަ އުޖާރައަކަށް ވިއްކަމުންނެވެ.

ބަވަނަވަމުންމިދާ ދުނިޔޭގައި، ދިވެހިރާއްޖެއޮތް މަގާމުގެ ގޮތުން، ރާއްޖެއަކީ މާލީ އެތައް ފައިދާތަކެއް ނެގެންއޮތް ޤައުމެކެވެ. އެހެން ކަމުން އިންޑިއާއިން މަސައްކަތްކުރަމުން އެދަނީ “ފުރަތަމަ އިންޑިއާ” ގެ ސިޔާސަތުގެ ދަށުންއެ ހުރިހާ ދޮރުތަކެއް ބަންދުކުރަމުންނެވެ. މިހުރިހާ ކަމަކާއެކުވެސް، އިންޑިއާ ރުއްސުމަށްޓަކައި، ރައީސް ސޯލިޙްގެ ސަރުކާރުން އެގެންދަނީ މިދެންނެވި ތާރީޚީ، އަދި މިއަދުވެސް ކަންކުރަމުން އެދާގޮތް ރައްޔިތުންނަށް އޮޅުވާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ތާރީޚަށް ޣައްދާރުވާ މީހާ، ޙާލަތަށްވެސް މުސްތަޤުބަލަށްވެސް ޣައްދާރުވާނެއެވެ. އޮޅުވާލި ވޯޓަކުން ފޭރިގަނެގެން އުޅޭ ވެރިކަމުގައި ބަގުޑި ބައްދައިގެން ތިބި “ވެރިން” ގެ ފަރާތުން ފެނިގެން މިދަނީ މި ޙަގީގަތެވެ. ކިޔުންތެރިން ހަނދުމަފުޅު ހުންނާނެފަދައިން، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތި ލައި، އެ ގޮނޑި ކާމިޔާބުކުރުމަށް، 2010މ. ވަނައަހަރުން ފެށިގެން ދިވެހި ސަރުކާރުން ގެންދިޔައީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަމަވެސް، 08 ޖޫން 2018މ. ގައި ނެގި ވޯޓުގައި ދިވެހިރާއްޖެ ފެއިލްކޮށްލީ މިއަދު މި އޮތް ސަރުކާރުގެ ބޮޑުންނާއި އިންޑިއާ ގުޅިގެންނެވެ. މިކަން އިންޑިއާގެ ނޫސްތަކުގައިވެސް ވަނީ ގެނެސްދީފައެވެ. މި ގޮނޑިއަކީ ހުރިހާ މާނައެއްގައިވެސް، އދ ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ ގޮނޑިއަށްވުރެ މާ ޝަރަފުވެރި ގޮނޑިއެކެވެ.

ކަން މިހެން އޮއްވައި، 7 ޖޫން 2021މ. ގައި، އދ ގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް އިންޑިއާއިން ވެސް ތާއިދުކޮށްގެން ޢަބްދުﷲ ޝާހިދު ހޮވީ ކޮންމެހެން ރާއްޖެއަށް މާބޮޑު ހެޔޮއެދުމެއް އެދިގެނެއް ނޫނެވެ. އެއީ އިންޑިއާއިން “އެއް ދޮނުގައި ޖަހާލި ދެބުޅި” އެވެ. ފުރަތަމަ ބުޅިއަކީ ޝާހިދު މެދުވެރިކޮށް، ރާއްޖޭގައި އިންޑިއާއިން ހިންގަންބޭނުންވާ ހުރިހާ ޖަރީމާތަކެއް ހިންގުމަށް މަގުފަހިކުރުމެވެ.

މިއަދުވެސް، އިންޑިއާއި ދެކޮޅަށް ދިވެހިން ފައުޅުކުރަމުން އެދާ ޝުޢޫރުތައް ހުއްޓުވުމަށް އިންޑިއާ ބޭނުންކުރަމުން އެދާ ދެމަނާފުކަކީ މުޙައްމަދު ނަޝީދާއި ޢަބްދﷲ ޝާހިދެވެ.

ދެވަނަ ބުޅިއަކީ، އިންޑިއާއިން ޖެނެރަލް އެސެމްބްލީގެ އެޖެންޑާ ކޮންޓްރޯލް ކުރުމެވެ. ޝާހިދަށް ރައީސްކަން ދީފައި އެއިނީ “މޮހޮނަށް އޮޑި ދޭ” އުސޫލުންނެވެ. ހުރިހާ ކަމެއް ކޮންޓްރޯލް ކުރާނީ ޝާހިދުގެ ޤާއިމު މަޤާމަކަށް ހަމަޖެއްސި އިންޑިއާގެ އެޖެންޓެވެ. ރުހިގެންހުރުން ނޫންގޮތެއް ޝާހިދަކަށް ނޯންނާނެއެވެ.

ރައްޔިތުންނޭވެ! ވިސްނުމެއް ފިކުރުކުރެއް ނުކޮށް، “އެޅިހާބަތަކަށް ރިހަވެގެން” ތިޔަހެން ތިޔަ ތިއްބެވީ މިނިވަންކަމާއެކު ވިހުރެމުން އެދާ އަހުރެމެންގެ ފަޚުރުވެރި ދިދަ ދަމާ ވައްޓާލަންދެން ހެއްޔެވެ؟

 

 

10 ހިޔާލުތައް

  1. މިނިވަން ކަން އިހްސާސް ކުރެވޭނީ މިނިވަންކަންގެއްލި ދިއުމުން ގައުމިއްޔަތެއް އިހްސާސް ކުރަން ނޭގޭ ބަޔަކައްް އެއްޗެއް ބުނެދިނުމަކީ ކަނު މީހަކައް އެއްޗެއް ދައްކަން އުޅުން ކަހަލަ ކަމެއް..

  2. މާތްﷲ އަޅަމެންގެ ދީނާއި ގައުމު މުނާފިގު ޣައްދާރުންގެ ވަކިތަކުން ސަލާމަތް ކުރައްވާށި. އާމީން އާމީން.

  3. ވަރަށް ވަރަށް ފުރިހަމަ ވަކިފަރާތަކަށް ބުރަނުވާ ބަޔާނެއް. މިފަދަ ލިޔުން ތައް ވީހާވެސް ގިނައިން ޝާއިޢު ކޮށްދެއްވުމަށް ލިޔުންތެރިޔާގެ އަރިހުން އެދެން.

  4. މިކަހަލަ ލިޔުންތަކާ މިޖެހޭނުބާ އޮއިވަރުތަކުގެ މަޢުލޫމާތުތައް ޢާއްމު ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ފޯރުކޮއްދެވޭނެ ގޮތްތައް ހެދުމަކީ ވަރައް މުހިއްމުކަމެއް.

  5. އިންދިޔާ އަކީ ދިވެހިން ސިޔާސީ ގުލުން. ކަނޑާކަންޖެނޭވައުމެއް
    އައަރެމެނަށް ރިޒުޤު ދެއްވަނީ ﷲ އިންޑިޔާއަކީ ޤައުމުތަކުގެ ނިސްބަތުން
    ހައްޕުޑެއްނު އިންޑިޔާ އައުޓް

  6. މިފަދަ ލިޔުންތައް އިނގިރޭސި ބަހުން ލިޔެ މިމީހުން މި ހިންގާ ޖަރީމާ ތައް ދުނިޔެއަށް ހާމަ ކުރަން ޖެހެނީ

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ