ރާއްޖޭގެ ފަސް މީހަކަށް ހައްޖުވުމުގެ ފުރުސަތު މުޅިން ހިލޭ ލިބިއްޖެ

134

ސައުދި އަރަބިޔާގައި ދިރިއުޅޭ ރާއްޖޭގެ ފަސް މީހަކަށް މިއަހަރުގެ ހައްޖުގެ މާތް އަޅުކަން ކުރުމުގެ ފުރުސަތު މުޅިން ހިލޭ އެގައުމުގެ  ސަރުކާރުން ދީފި އެވެ.

ސައޫދީ ސަރުކާރުގެ އެހީގެ ދަށުން ހައްޖުވުމުގެ ފުރުސަތު ލިބުނީ އެގައުމުގައި ވަޒީފާ އަދާކުރާ ރާއްޖޭގެ މުއައްޒަފެއްގެ އިތުރުން ހަތަރު ދަރިވަރަކަށެވެ.

ހައްޖުވުމުގެ ފުރުސަތުލިބުނު މުއައްޒަފަކީ ހާއިލް ޕްރޮވިންސްގައި އެއަރކްރާފްޓް އޮފީހެއްގައި މަސައްކަތްކުރާ އިންޖިނިއަރެކެވެ. މީގެ އިތުރުން ހިމެނެނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގައި ކިޔަވަމުންއަންނަ ދެ ދަރިވަރަކާއި އެގަމުގެ ވެރިރަށް ރިޔާދުގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރެއްގެ އިތުރުން އަލްގަސީމް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.

ކޮވިޑް-19ގެ ބަލިމަޑީކަމާއިގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން އެހެން ގައުމުތަކަށް ކޯޓާ ދޫނުކުރި ނަމަވެސް އެގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 10،000މީހުންނަށް ހައްޖުގެ އަޅުކަން ކުރުމަށް ފުރުސަތު އެގައުމުގެ ސަރުކާރުން ވަނީ ދީފައިވެއެވެ.

ދިވެހި ފަސް މީހުންނަށް ލިބުނު ފުރުސަތަކީ އޭގެ ތެރެއިން ލިބުނު ފުރުސަތެކެވެ. ސައޫދީ ސަރުކާރުން ނިންމައިފައިވާ ގޮތުން ހައްޖުގެ އަޅުކަން ކުރުމަށް ހުއްދަދެވޭ މީހުންގެ 70 ޕަސެންޓް ޚާއްސަ ކޮށްފައިވަނީ އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށެވެ. ބާކީ އޮތް 30 ޕަސެންޓް އަކީ ސައޫދީ ރައްޔިތުންނަށް ޚާއްސަ ކޮށްފައިވާ ހައްޖުވުމުގެ ފުރުސަތެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނު މީހަކާއި ހަވާލާދީ ޕީއެސްއެމް ނިއުސް އިން ބުނި ގޮތުގައި ހައްޖުގެ ދުވަސްތަކުގައި ކެއުމުގެ ހުރިހާކަމެއް ސައޫދީސަރުކާރުން ހަމަޖައްސައި ކެއުމަށް ބޭނުންވާ މެނޫއެއް ނެގުމަށްވެސް އެމީހުންނަށް މިހާރުވަނީ އަންގާފައެވެ. އެ މީހާއާ ހަވާލާދީ ޕީއެސްއެމް ބުނީ  މިފަހަރުގެ ހައްޖުގެ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ސައޫދީ ސަރުކާރުން އެމީހުންނަށް މިހާރު ވަނީ އަންގާފައެވެ.

މި އަހަރުގައި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމށް ސައޫދީ ސަރުކާރުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ގެފުޅުގައި އަތްލުމާއި ބީހުން މަނާކޮށް ތަވާފްކުރުމުގައި ގައިދުރުކަން ބެހެއްޓުން ހިމެއެވެ.

އަދި މީގެ އިތުރުން ޒަމްޒަމް ފެން ދޭނީ ކުޑަފުޅިގައި ދިނުމާއި ޖަމްރާއަށް އުކަންޖެހޭ ހިލަ ހޮވުމުގެ ބަދަލުގައި ކޮންމެ ހައްޖާޖީ އަކަށް ހިލަކޮތަޅެއް ދިނުން ވެސް ހިމެނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ