މަޖިލިސް އަކީ ގޮއްވާލަން ޖެހޭ ތަނެއްކަމަށް ބުނެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

 

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓެއް ކޮށްގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ފޭސްބްކްން ލައިވް ކުރަމުން ދަނިކޮށް އެ އަށް ކޮމެންޓް ކުރި އުމުރުން 28 އަހަރުގެ ޒުވާން ފިރިހެނެކެވެ.

މެއި 17 ވަަނަ ދުވަހު ލައިވްކުރި މި ޖަލްސާގައި އޭރު ކުރިއަށްދިޔައީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައިގެ ބަހުސް އެވެ.

މި މީހާ ވަނީ މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް ބަހައްޓާނެ ކަމެއް ނެތް ކަމަށް ބުނެ ކޮމެންޓެއް ކޮށްފައިވެއެވެ.

މި ޒުވާނާ ދޫކޮށްލާފައިވަނީ މިދިޔަ މަހު24 ވަނަދުވަހުއެވެ. ފުލުހުން ބުނީ އޭނާ ދޫކޮށްލާފައިވަނީ ތަހުގީގު ނިމިފައިވާތީކަމަށެވެ.

އެ މައްސަލައާ ގުޅިހެން މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަ ކޮށްފައެވެ.

ލައިވް ސްޓްރީމް ކުރިއަށް ދަނިކޮށް ފޭސްބުކްގެ ކޮމަންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މަޖިލީހުގެ އިދާރާ އިންނެވެ.

ފުލުހުން ބުނީ ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް، ތަންތަނަށާއި، މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދިވެސް އެހެނިގެން ގޮތްގޮތުންދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއްކަމަށެވެ.

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވާގޮތުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ.

ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް