ފަޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު، ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މި ހިނގާ ޖޫން މަހުގެ 21 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ.

އަދި، އުއްތަމަފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ.

މިގޮތުން އުއްތަމަފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނަކަށްވާންޖެހޭނެ ކަމަށާ، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންކަމުގައި މިބިލުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އަދި މިއަދުން ފެށިގެން މިގާނޫނަށް އަމަލުކުރަން ފަށާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް