ޓެކްސްތައް ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

 

 

ޓެކްސް ނުދެއްކިފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ޓެކްސް ދެއްކޭނެގޮތް ލުއި ގޮތްތަކެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.

މީރާއިން ބުނީ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދީފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުންކަމަށެވެ.

މީރާ އިން ދިން ލުއިތަކުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް ދިއުމުގެ ގޮތުން ދައްކަންޖެހޭ ”ކޮމިޓްމަންޓް ޕޭމަންޓަށް“ ވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް ދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ހަމަޖައްސައި ދިނުން ހިމެނެ އެވެ.

 

މީރާއިން ބުނީ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ 50 ޕަސެންޓް ނަގަމުން ދިޔަ ނަމަވެސް އެ ޕަސެންޓް މިހާރު ވަނީ ފަސް ޕަސެންޓާއި 10 ޕަސެންޓާ އާ ދެމެދަށް ކުޑަ ކޮށްދީފަ އެވެ. އަދި ދެ މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައި ދީފައިވެ އެވެ.

 

އަދި  އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަން އެގްރީމަންޓަކަށް އެދިއްޖެނަމަ އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތް ތަކަށް ދޭނެ ކަމަށް މީރާއިން ބުނެއެވެ. އަދި ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރީޝެޑިއުލްކޮށް ދިނުމަށް ވެސް މީރާއިން ވަނީ ހަމަޖައްސާފައެވެ.

މީރާއިން ބުނީ ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކާ ހުރި ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް ދިއުމުން، ޓެކުހާ ގުޅޭ ގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށް ދޭނެކަމަށެވެ. އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް ދިއުމުން ޓެކްސް ކްލިއަރެންސް ދޫކުރާނެ ކަމަށްވެސް މީރާއިން ބުނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތި އުދަގޫތަކަށް ލުޔެއް ލިބޭހެނެހެން މީރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓެކްސް ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމާއި ޓެކްސް ދެއްކުމުގެ އިންތިޒާމް ފަސޭހަކޮށްދިނުން ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް