އަރަނި ބަޖެޓް، ދެކޮޅު ނުޖެހޭ ބަޖެޓް، ދަރަނި ބަޖެޓް

Loading

Facebook
Twitter
WhatsApp

ސުރުޚީ ފެނުނީމާވެސް ހީވަނީ ބޯހަލާކު ވެދާނެ ހެންނެވެ. އެކަމަކު މިއީ ކޮންމެ އަހަރެއްގެ ފަހުކޮޅުގައި ދިވެހިރައްޔިތުންނަށް ކުރިމަތިލާންޖެހޭ ޙާލަތެކެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭންނެވެ.

ހަމަގައިމުވެސް ވޭތުވެދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ސުރުޚީގައި އެބުނާ ކަންތައްތަކަށް ވާނުވާއެއް އެއްވެސް ރައްޔިތަކަށް ނޭނގެއެވެ. އަދި މަޖިލީހުގެ މެންބަރުން އެމީހުންގެ ދާއިރާގެ ރައްޔިތުންނަށް މިކަން އޮޅުންފިލުވައެއްވެސް ނުދެއެވެ. އޮޅުންފިލުވާދޭން ޖެހޭނަކަމަށް ނުވެސް ދެކޭކަހަލައެވެ. ރައްޔިތުންވެސް ތިބެނީ ”އެޔޯމެން ކަންތައް ކުރާނީ ރަނގަޅަށޭ“ ބުނާކަހަލަ ވިސްނުމެއްގައެވެ.

މަގޭ އިއްޒަތްތެރި މެމްބަރުގާތު އަހާލަންވެސް ބޭނުން ނުވާކަހަލައެވެ. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ މިގޮތަށް ރައްޔިތުންގެ އިއްޒަތްތެރި މެމްބަރު ޖަވާބުދާރީ ނުކުރުވައި ކިހާ ދުވަހަކު ތިބެވޭނެ ހެއްޔެވެ؟ އޭނާއަށް މަހަކު 80 ހާހަށް ވުރެ ގިނަ ރުފިޔާއާއި އަނބިދަރިންވެސް ހިމެނޭގޮތަށް މިސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުން ހިލޭބޭސް ފަރުވާކުރެވޭނެ އިންތިޒާމުތަކާއި އަދި މަޖިލީހުގެ ދައުރު ނިމުމުންވެސް މުސާރައިގެ ބައެއް ލިބޭގޮތަށް ރާވާފައި އެއޮތީ ހަމައެކަނި ހިތަށްއެރި ދުވަހަކު މަޖިލީހަށް ދިއުމަށް ތޯވެސް ސުވާލުކޮށްލާން ބޭނުމެވެ؟ އެ މެމްބަރުންނަކީ ރައްޔިތުންނަށް ހެޔޮގޮތްތަކަށް ވެރިކަން ހިންގާކަން ކަށަވަރު ކޮށްދޭން ތިބޭ ބައެކެވެ. ފަހަރެއްގައިވެސް ޕާޓީ ބޮޑުކުރަން މަޖިލީހަށް ވައްދާފައި ތިބި ބައެއްނޫނެވެ. މިކަން އެ މެމްބަރުންވެސް އަދި ރައްޔިތުން ވެސް ގަބޫލު ކުރަންޖެހޭނެ އެވެ.

ކޮންމެއަހަރެއްގެ ބަޖެޓު މަޖިލީހަށް ހުށައަޅަނީ އަރަނި ބަޖެޓެއްގެ ގޮތައެވެ. ތަފާތު ގޮތްގޮތަށް ސަރުކާރުގެ ފަރާތުން އެކަން މަޖިލީހަށް ކަށަވަރުވެސް ކޮށްދެއެވެ. އެހެނަސް ދުވަސްކޮޅަކުން ފެންނަނީ ބަޖެޓު ހުސްވެގެން ދެކޮޅުނުޖެހޭ ބަޖެޓް މަޖިލީހަށް ވައްދާތަނެވެ. މިކަންތައް މިހާރު އާދައަކަށްވެސް ވެއްޖެއެވެ. ދެކޮޅުނުޖެހޭ ބަޖެޓު ފާސްވެގެންވެސް އަހަރު ނިމޭއިރު އޮންނަނީ މުޅިއެތި ދަރަނި ބަޖެޓަކަށް ވެފައެވެ. މިހެން މިވަނީ ކީއްވެގެންތޯ ސުވާލު ކުރާ މެމްބަރަކު ނުފެނެއެވެ. ހަމައެފަދައިން އެކަމާ ސުވާލުކުރާ ރައްޔިތަކު ވެސް ނުފެނެއެވެ. އަޅުގަނޑު ހިތަށްއަރަނީ މާލީ ވަޒީރަކަށް ހުންނަވާ ބޭފުޅަކަށް ދައުލަތުގެ ޚަރަދުތައް އަންދާޒާ ކުރަންވެސް ހަމަނޭނގެނީ ބާވައެވެ!

މިތާގައި އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ކަމެއް ފާހަގަ ކޮށްލާނަމެވެ. ކޮމެޑީއަކަށްވެސް ވެދާނެއެވެ. ރައްޓެއްސަކު އަޅުގަނޑާ ސުވާލުކުރިއެވެ. ދިރާގުގެ އާ ލޯގޯއާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ލޯގޯ ކުރެން އެންމެ ރީތީ ކޮން ލޯގޯއެއް ހެއްޔެވެ؟ އެ ސުވާލަށް ޖަވާބު ދިނުމު ގެކުރިން އަޅުގަނޑު އެސުވާލު ރަނގަޅު ކޮށްލީމެވެ. އެންމެ ރީތި ލޯގޯއެއް ނޫނެވެ. އެންމެ ރަނގަޅު ލޯގޯ ހެއްޔެވެ؟ އަޅުގަނޑުދެކޭގޮތުގައި ދިރާގުގެ އާ ލޯގޯއިން ފެންނަނީ އުރީދޫ އައުމާ ގުޅިގެން ބޯގޮވައިފިއޭ ބުނާކަހަލައެވެ. އަދި ސްޓޭޓް ބޭންކުގެ ލޯގޯއިން ބުނެދެނީ ލަނބާލައިގެންވެސް ދެކޮޅު ނުޖެއްސުނޭ ބުނާ ކަހަލައެވެ. އަނެއްކާވެސް އެނބުރި މައުޟޫޢަށް ޖެހިލާނަމެވެ.

އަރަނި ބަޖެޓަކަށް ހެދުމަށްޓަކައި އަބަދުވެސް ސަރުކާރުގެ ތަސައްވުރުތަކެއް މަޖިލީހަށް ހިއްސާ ކުރެއެވެ. އެކަމަކު އެހިސާބުން އެތަސައްވުރުތައް ހަގީގަތަކަށް ބަދަލުކުރަމުން ގެންދާގޮތަކާ މެދު އެކަށީގެންވާ ގޮތެއްގައި މަޖިލީހުން ސުވާލު ކުރާތަނެއް ނުފެނެއެވެ. ގިނަފަހަރު ފެންނަނީ އެ ތަސައްވުރު ތަކުން އާންމު ރައްޔިތު މީހާއަށް ލިބެންއޮންނަ އާމުދަނީއަށް ވެސް ހުރަސް އެޅޭތަނޭ ބުނުމަކީވެސް މުޅިން ދޮގަކަށް ނުވާނެއެވެ.

މިފަހަކަށްއައިސް އެންމެ ބާރަށް ދެކެވޭ ތަރައްގީގެ ވާހަކަތަކުގައި މާލޭ-ހުޅުލޭ ފާލަމުގެ ނަން އިވިގެންދެއެވެ. ހަމަކަށަވަރުންވެސް އެއީ ދަތުރުފަތުރު ކުރުމަށްލިބުނު ވަރަށްބޮޑު ލުއި ފަސޭހައެކެވެ. އެހެންނަމަވެސް އެފާލަން ހުޅުވުމާ ގުޅިގެން އާންމު ރައްޔިތުމީހާގެ ދިރިއުޅުމަށް ލިބުނު ކުރިއެރުމަކީ ކޮބައިތޯ ސުވާލު ކޮށްލާބަލާށެވެ. އަޅުގަނޑު މާނަކުރާ ގޮތުގައި ތަރައްގީއަކީ މުޅި ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަ ކަންލިބުމެވެ. މިހާރުގެ ބަހުން ބުނާނަމަ ރައްޔިތުމީހާގެ ޖީބު ބޮޑުވުމެވެ. ވަކި ފަރުދުންކޮޅެއްގެ ޖީބު ބޮޑުވުމަކީ އަދި ރައްޔިތުންގެ ދިރިއުޅުމަށް ލިބުނު ހެޔޮ ބަދަލެކޭ ނުބުނެވޭނެއެވެ. ރަށަށް އަރުވަންޏާ ކާޅަށްވެސް ލިބޭނެއޭ ބުނާ ހަރުބަހެއް އޮވެއެވެ. ފަހަކަށް އައިސް ސިންގަޕޯރ ނަމޫނާއަކަށް ބަލައިގެން ދިވެހިރާއްޖެވެސް ތަރައްގީ ކުރަން މަސައްކަތް ކުރާ ވާހަކަ ވަރަށް ގަދައަށް ދެކެވެއެވެ. އެއީ ވަރަށް ރަނގަޅު ވިސްނުމެކެވެ. އެހެންނަމަވެސް ދެން ފެންނަނީ ސިންގަޕޯރ ތަރައްގީ ކުރަމުން ގެންދިޔަ ދުވަސްވަރާ ދިމާ އިދިކޮޅަށް އަޅުގަނޑުމެންގެ މަޝްރޫޢު ހިންގަމުންދާތަނެވެ. މިސާލަކަށް މާލޭ-ހުޅުލޭ ފެރީގެ ނިޒާމު ހިނގަމުންދިޔަގޮތް ޚިޔާލަށް ގެންނަވާބައްލަވާށެވެ. އިއްޔެގެ ކަމެކެވެ. އަދި ހަނދާން ނެތޭހާ ގިނަ ދުވަސްތަކެއް ފާއިތުވެގެންނެއް ނުދެއެވެ. މާލޭ-ހުޅުލޭ ފެރީގެ ދަތުރުތައް ކުރެވެމުންދިޔަ މަންޒަރު ފެނުމުން ހަނދާން ވެގެންދަނީ ސިންގަޕޯރުގެ ކްލިފޯރޑް ޕިއަރެވެ. ނުވަތަ ދުބާއިގާ ކަނޑުބޯޓުފަހަރަށް 1970 ގެ އަހަރުތަކުގައި އެއްޗެތި ގެންގޮސްދިނުމުގެ ޚިދުމަތް ދެމުންގެންދިޔަ ފާލަންތަކެވެ. އެތައްބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިފައި އޮތް ކާރޫބާރު ބޮޑު މަންޒަރެކެވެ. ސިންގަޕޯރަށްވެސް ބްރިޖް އެޅޭނެއެވެ. އެކަމަކު މިއަދުވެސް ސިންގަޕޯރުގައި ކްލިފޯރޑް ޕިއަރަކީ ހަމަ 1970 ގެ އަހަރުތަކޭވެސް އެއްފަދައަކުން ކާރޫބާރު ބޮޑު އަބަދުވެސް މީހުން އަވަދިނެތި މަސައްކަތުގައި ހެލިފެލިވާ ތަނެކެވެ. ދުބައިގައި އެސަރަޙައްދު އެހެން ގޮތްގޮތުން ތަރައްގީ ކޮށްފައިވާއިރު އިތުރު ވަޒީފާތަކަށް މަގުއޮތީ ހުޅުވައި ދީފައެވެ. ދެން އަޅުގަނޑުމެންގެ ކްލިޕޯރޑް ޕިއަރަށް ބަލާލަމާ ހިނގާށެވެ. ލޮލުން ކަރުނަ އަންނާނެއެވެ. މުޅިތަން އެއޮތީ ފަޅުވެފައެވެ. ދަތުރުކުރި ދޯނިތަކުން ދަތުރެއް ލިބޭތޯ ސަލާން ޖަހަނީއެވެ. އެހެންގޮތެއް ފެންނާން ނެތުމުން ދޯނިފަހަރު ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަނީއެވެ. މިއީ މާލޭ-ހުޅުލޭ ފާލަމުގެ ސަބަބުން އަޅުގަނޑުމެންގެ އާންމުރައްޔިތުންގެ ދިރިއުޅުމަށް ލިބުނު ކުރިއެރުމެވެ. މިއީ އަޅުގަނޑުމެން ދިވެހިރައްޔިތުންނަށް ހަމަ ހައްގު މިންވަރަކީ ހެއްޔެވެ؟ ދެންވެސް މި ތިބެވެނީ ޕާޓީ ކުރިއަރުވަން އަތްޖަހާށެވެ. އަޅުގަނޑުމެންނަށް ހައްގު މިންވަރު ލިބޭނީ އެކަމުގައި އަޅުގަނޑުމެންގެ ހިއްސާވެސް ފުރިހަމަ ކޮށްގެންނެވެ. މި ކަންތައްތަކާ ރައްޔިތުން ވިސްނައިގެންނެވެ. އަދި ރައްޔިތުންވިސްނާކަން ސަރުކާރަށް ވިސްނައި ދީގެންނެވެ. ގައުމަށް ލިބޭ އާމްދަނީއާއި ނަގާ ދަރަންޏާއި އެ ފައިސާއިން ޚަރަދު ކުރަނީ ދިވެހިރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ގޮތުގައިތޯ ބަލައި ކަށަވަރު ކުރަންޖެހޭނެއެވެ. ސިޔާސީ މަގާމުތައް އުފައްދައި ޚަރަދުކުރަނީ ހަމަ މިގައުމަށް ބޭނުންވާމިންވަރަށް ތޯ ކަށަވަރު ކުރަން ޖެހޭނެއެވެ. ސުލްހަވެރި ރީތި ނަމޫނާ ދައްކަމުން ރައްޔިތުންނަށް މިކަންކުރެވޭނެއެވެ. ކޮންމެ ގޮތެއް ވަރިހަމައޭ ކިޔާފައި ތިބެން ވެއްޖެނަމަ އަންނަން އޮތް ދަރިފަސްކޮޅަށް ދޭނެ ޖަވާބެއް ނޯންނާނެއެވެ. ފުދުންތެރިކަން ނެތުމާއި ދަރަނިވެރިވުމުގެ އަޅުވެތިކަމަކީ އެއިން މިނިވަންވުން އެންމެ އުނދަގޫ އަޅުވެތިކެމެވެ. މިއީ އަބަދާއަބަދު ދުނިޔެ ދައްކަމުންގެންދާ ހަގީގަތެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް