ޖަމާއަތްހަދައިގެން އިއްޔެ ބައެއް މިސްކިތްތަކުގައި ހުކުރު ކޮށްފައިވާއިރު އެކަމުގައި އިސްލާމިކް މިނިސްޓްރީގެ އިމާމަކު ބައިވެރި ވެފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށީ ފިޔަޅުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މަނާކޮށްފައި ވަނިކޮށް އިއްޔެ ބައެއް މިސްކިއްތަކުގައި ޖަމާއަތުގައި ނަމާދުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ، އެކަމުގައި މިނިސްޓްރީގެ އިމާމަކު ބައިވެރިވެފައި ވޭތޯ ބަލަމުން އަންނަކަމަށެވެ.
ނަމަވެސް މިހާތަނަށް ބެލިބެލުމުން މިނިސްޓްރީގެ އިމާމެއް ނުހިމެނޭ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިމާމއިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އިއްޔެ ހުކުރު ނަމާދު ކޮށްފައިވަނީ ގާކޮށި ފްލެޓް ކައިރި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގައި ހުންނަ އުމަރު ބިން އަލް ހައްތާބު މިސްކިތުގަ އެވެ.
އޭގެ އިތުރުން ވެސް ބައެއް މިސްކިތްތަކުގައި ހުކުރު ކުރި ކަމަށް ބުނާތީ އެކަން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާ، ޖަމާއަތް ހަދައިގެން ނަމާދު ކުރާ ނަމަ އެކަން ހުއްޓުވުމަށް ފުލުހުންނަށް އަންގާކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ޖަމާއަތް ހަދަގެން ހުކުރުކުރި ކަމުގެ މައުލޫމާތު އެ އިދާރާއަށް ވެސް ލިބިފައިވާ ކަމަށާ، އެކަމާގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ ގިނަ އަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ސަރުކާރުން ވަނީ މީހުންއެއްވެ ކުރާ ހުރިހާ ކަމެއް މަނާކޮށްފައެވެ. އޭގެތެރޭގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވެސް މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ މަނާކޮށްފައެވެ. ނަމަވެސް މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.