ރާއްޖޭގެ ކަނޑުއުޅަދު ފަހަރުގެ ފަޅުވެރިންގެ ހަޔާތަކީ ރާއްޖޭގެ ތަބީއަތާއި ރާއްޖޭގެ މާހައުލާ ގުޅި ލާމެހިފައިވާ ހަޔާތެއްކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ކަނޑުއުޅަދުފަހަރުގެ ފަޅުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމުން ދަތުރު ފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކަނޑު މަގުންކަމަށްވުމާއެކު، ފަޅުވެރިންގެ ދައުރު ވަރަށް ބޮޑު ގައުމެއްކަމަށެވެ.
”މައިގަނޑު ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމް ބިނާވެފައިވަނީ ކަނޑުމަގުން ކަމަށްވާއިރު ކޮންމެ ދުވަހަކު ކޮންމެ ހިދެއްގައިވެސް އެތަށް ސަތޭކަ އުޅަދެއްގައި އެތަށް ސަތޭކަ ސީމަނުން ރާއްޖޭގެކަނޑު ތަކުގައި ދަތުރުކުރަމުން ދާކަން ފާހަގަކޮށްލެވޭ އެހެންކަމުން ސީމަނުންގެ ހަޔާތަކީ ރާއްޖޭގެ ތަބީއަތާއި މާހައުލާއި ގުޅި ލާމެހިފައިވާކަމެއް“ މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވ ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިއާއި އިގްތިސާދީ މުއާމަލާތްތައް ބަރޯސާ ވެފައިވަނީ ކަނޑު ދަތުރުފަތުރުގެ މަށްޗަށް އެއްރަށުން އަނެއްރަށަށް އެއްގައުމުން އަނެއްގައުމަށް މުދާ އުފުލުން ނުހުއްޓި ދެމިއޮތުމަކީ އިންސާނީ ތަރައްގީގައި ޒަރޫރީކަމެއްކަމަށާ މި މުހިންމު މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ ހިތްވަރު ގަދަ ފަހުލަވާނުންނަކީ ކަނޑު އުޅަނދު ފަހަރުގެ ފަޅުވެރިންކަމަށެވެ.
“ ކަނޑުގެ ބިޔަ ރާޅުތަކާއި މޫސުމުގެ ހަލަބޮލި ކަމުގެ ތެރޭގައި އަދި ހަނގުރާމަހިނގާ ސަރަހައްދުތައް ހުރަސްކޮށް ކަނޑުފޭރޭމީހުންގެ ބިރުވެރި ކަމުގައިވެސް ސީމަނުން އެމީހުންގެ ވާޖިބު އަދާކުރުމުގައި ދެމިތިބި ކަމީ ނުހަނު ބޮޑުހަގީގަތެއް.“
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އަނބިދަރިންނާއި އާއިލާއާއި ދުރުގައި ފަޅުވެރިން ކަނޑުމަތީގައި އެތަށް ދުވަހެއް އެތައްމަހެއް އަދި އެތރަށް އަހަރެއް ހޭދަކުރުމުގެ ބުރައާއި ތަކްލީފަކީ އެކަން ތަޖުރިބާ ކުރި މީހަކަށް މެނުވީ އިހުސާސް ނުކުރެވޭ ވަރުގެ ބޮޑު ގުރުބާނީ އެއްކަމަށެވެ.
ސީމަނުންގެ ގުރުބާނީއާއި ހިދުމަތުގެ އަގު ވަޒަންކުރުމަށް ސީމަނުންގެ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަށް ވަކާލާތުކުރުމާއި އެމީހުންގެ ސިއްހީ އަދި މަސައްކަތުގެ މާހައުލު ރައްކާތެރި ކަން ކަށަވަރުކުރުމާއި ބައިނަލް އަގްވާމީ އަދި ގައުމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށް މިނިސްޓަރު ހިތާބުގައި ވިދާޅުވިއެވެ.
އެގޮތުން ނިމިދިޔަ އަހަރު ސީމަނުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ސީފެއަރަރސް ރައިޓްސް އިންޓަރނޭޝަނަލާއި ދެމެދު މުއާހަދާއެއްގައި ސޮއި ކުރެވި މަސައްކަތްތައް ފެށިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރުމުގެ ސިނާޢަތު ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރަށްވައި މިނިސްޓަރ ވިދާޅުވީ، ފަޅުވެރިންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ފަސްނުޖެހި ދެމި ހުންނާނެކަމަށެވެ.