އިންޑިއާގެ ޑެލްޓާ ވޭރިއަންޓު ދުނިޔެއަށް ނުރައްކަލެއް: ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެނީ އެ ވައްތަރު

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައި ވަނީ އިންޑިއާގައި ފެތުރުނު ޑެލްޓާ ވޭރިއަންޓު ކަމަށް ސަރުކާރުގެ ސިއްހީ ދާއިރާއިން ޖޫން މަހުގެ 15 ވަނަ ދުވަހު ހާމަކޮށްފައި ވަނިކޮށް އިންޑިއާގެ ކޮރޯނާ ވައްތަރު، ޑެލްޓާ ވޭރިއަންޓު ފެތިރުމަކީ ދުނިޔެއަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ދުނިޔޭގެ ތަފާތު ގައުމުތަކުން ހާމަކުރަން ފަށައިފިއެވެ.

ކޮރޯނާގެ އެންމެ ނުރައްކާތެރި ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ޑެލްޓާ ވޭރިއަންޓް ދުނިޔޭގެ 85 ގައުމަކަށް ވަނީ ފެތުރިފައެވެ. އަދި އެންމެ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 11 ގައުމަކަށް ޑެލްޓާ ވޭރިއަންޓު ފެތުރިގެން ދިއުމާ ގުޅިގެން ދުނިޔޭގެ ސިއްހީ ދާއިރާތަކުގެ އިސްވެރިން ވަނީ ފިކުރު ބޮޑުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަންބޮޑުވުމާއެކު ހާމަކުރިގޮތުގައި ޑެލްޓާ ވޭރިއަންޓް މިހާރު ފެތުރެމުން ދާގޮތަށް ހުއްޓުމެއްނެތި ފެތުރެމުންދާނަމަ ކުރިއަށް އޮތްތަނުގައި އެންމެ ގިނަ ބަޔަކަށް ޖެހޭނީ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓެވެ.

ދާދިފަހުން ޗައިނާއިން ވެސް ވަނީ އިންޑިއާގެ ޑެލްޓާ ވޭރިއަންޓު ފެނިފައެވެ. އަދި އޮސްޓްރޭލިއާގެ ސިޑްނީ އާއި އެހެނިހެން ސަރަހައްދުތަކުގައި ވެސް ދަނީ ކޮރޯނާ ވައިރަހުގެ އިންޑިއަން ވޭރެންޓު ފުޅާދާއިރާއެއްގައި ފެތުރެމުންނެވެ.

އޮސްޓްރޭލިއާގައި ޑެލްޓާ ވައިރަސް އާދަޔާ ޚިލާފަށް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ޕާލަމެންޓުގައި ވެސް ވަނީ މަޝްވަރާކޮށްފައެވެ.

އަނެއްކޮޅުން ފަރަންސޭސިވިލާތުގައި އެންމެ ފަހުން ފެންނަން ފެށި ކޮރޯނާ ވައިރަހުގެ ބާވަތްތަކުގެ ތެރޭން ވެސް ގިނައިން ފެންނަމުން ދަނީ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓެވެ. އަދި ރަޝިއާގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުންގެ ތެރޭން ގިނަ މީހުން ނަކީ ވެސް ޑެލްޓާ ވޭރިއަންޓުގައި މަރުވާ މީހުންކަން ވަނީ ފާހަގަކުރެވެން ފަށާފައެވެ.

ރާއްޖޭގެ ކޮވިޑުގެ ކަންތަކާ ގުޅޭ ތަޖުރިބާކާރެއްކަމުގައިވާ ޑޮކްޓަރ ނަޒުލާ ރަފީޤު ވިދާޅުވި ގޮތުގައި އިންޑިއާގައި އެންމެ ހަލުވިކަމާއެކު ފެތުރުނު ޑެލްޓާ ވޭރިއަންޓު ރާއްޖޭގައި ފެތުރެމުންދާކަން އެނގުނީ ރާއްޖެއިން ސާމްޕަލްތަކެއް ނަގައި ރާއްޖެއިން ބޭރުން ހެދި ޓެސްޓުތަކަށް ފަހުގައެވެ.

ޑެލްޓާ ވޭރިއަންޓުގެ ކުރިން ރާއްޖޭގައި އެންމެ ގިނައިން ފެތުރުނީ ޖީ ވޭރިއަންޓްއެވެ.

ޑެލްޓާ ވޭރިއަންޓް މިހާރު ފެތުރެމުން ދާގޮތަށް ހުއްޓުމެއްނެތި ފެތުރެމުންދާނަމަ ކުރިއަށް އޮތްތަނުގައި އެންމެ ގިނަ ބަޔަކަށް ޖެހޭނީ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓުކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަންބޮޑުވުމާއެކު ހާމަކޮށްފައި ވާތީ ޑެލްޓާ ވޭރިއެންޓުން ސަލާމަތް ވުމަށް ވަގުތު ފާއިތުވުމުގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް