ނަފްރަތުގެ ބިލު ބޭރުކުރަން ކޮމިޓީން ފާސްނުވި

Loading

Facebook
Twitter
WhatsApp

އާއްމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅުމީހެއްކަމަށް ބުނެ ތުހުމަތުކުރުން ފަދަ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލަން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށަހެޅުއްވި ހުށަހެޅުން ފާސް ނުކުރަން ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި  ބައްދަލުވުމުގައި ރިޒާގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، އެޗްއާރުސީއެމުން ދިން ލަފާގައި އެ ބިލުގެ 126 ވަނަ މާއްދާގައި ހުރި ހުރިހާ އަކުރެއް އުނިކުރަންޖެހޭ ކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މުޅި ބިލު ބިނާ ކޮށްފައިވާ މައިގަނޑު އަސާސް ގޯސް ކަމަށް ފާހަގަކުރެވޭ ކަމަށާއި އެ ބިލު އަނބުރާ ފޮނުވާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރިޒާގެ ހުށަހެޅުއްވުމަށް ރައްދު ދެއްވައި ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ބިލާ ގުޅޭ ގޮތުން އެކި މުއައްސަސާ ތަކުން ހިޔާލު ހޯދިއިރު ވެސް ބިލު ބޭރު ކޮށްލަން އެއްވެސް މުއައްސަސާއަކުން ލަފައެއް ދީފައި ނުވާކަމަށެވެ.

އިމްތިޔާޒު ވިދާޅުވީ ތިން މުއައްސަސާއަކުންނާއި  އާއްމު އެކި ފަރާތްތަކުގެ ލަފާ އެ ބިލާ ގުޅޭގޮތުން ލިބިފައިވާ ކަމަށާ، އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ތަފްސީލީ ހިޔާލުތަކެއް ލިބިފައިވާކަމަށެވެ.

ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ އެ ބިލުގައި ހިމެނޭ ބައެއް މާއްދާތަކުގެ ބަސްމަގު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު ލިބިފައިވާ ހިޔާލުތައް ދިރާސާ ކުރަން ކޮމިޓީން އެއްވެސް މަސައްކަތެއް ނުކޮށް އެ ބިލު ބޭރު ކޮށްލުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވީ ބިލްގެ ސުންގަނޑި އަކަށް އަންނަ މަހުގެ އެއްވަނަ ދުވަސް ކަނޑައަޅަން ހުށަހެޅި ހުށަހެޅުމަށެވެ.

ކޮމެޓީގެ ރިޔާސަތުން އިމްތިޔާޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށާއި ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ ހުށަހެޅުއްވި ހުށަހެޅުމަށް ވެސް ވަކިވަކިން ވޯޓަށް އެހި އެވެ. އެގޮތުން އިމްތިޔާޒު ހުށަހެޅުއްވި ގޮތަށް ބިލްގެ ސުންގަނޑި އަކަށް އަންނަ މަހުގެ އެއްވަނަ ދުވަސް ހަދަން ހަތް މެމްބަރުން ވޯޓު ދެއްވާފައިވާއިރު ރިޒާގެ ހުށަހެޅުއްވުމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

ގާނޫނު އުގުބާތު އިސްލާހުކުރަން ލާފައިވާ މި ބިލު މަޖިލީހުން ބޭރުކޮށްލަން ކޮމިޓީ އަށް ނުފެނުނު ނަމަވެސް އެ ބިލާ ދެކޮޅަށް އެތައް ބަޔަކު ގެންދަނީ އަޑުއުފުލަމުންނެވެ.

މީގެތެރޭގައި 100 އަށް ވުރެ ގިނަ އިލްމުވެރިންނާއި ގިނައަދަދެއްގެ ކައުންސިލްތަކުންނާއި ބައެއް ޖަމިއްޔާ ޖަމާއަތަކުގެ އިތުރުން އާއްމުގެ ގިނައަދަދެއްގެ ބަޔަކު އަންނަނީ މި ބިލާދެކޮޅަށް އަޑުއުފުލަމުންނެވެ.

 

 

ގާނޫނުލްއުގޫބާތު އިސްލާހުކުރަން މި ބިލުގައި ހުށަހަޅަފައިވާ ކަންތައް:

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

އަދި މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން މި ބިލުގައި ހުށަހަޅާފަ ވެއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. މި ފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެނެއެވެ.

 

Loading

2 Responses

  1. ހަޔާތް ގޮވުމާއި މީހުންނާ ފޮށުމާއި އެހެން މީހުންގެ އަބުރާ ޢިއްޒަތަށް އަރައިގަނެގެން އިއްޒަތްތެރިކަން އެމީހުން އަމިއްލައަށް އެމީހުންގެ ބާރުއޮތް މަޖީލީހުން ގަވައިދެއް ހަދައިގެން ތިބި ބޭޢިއްޒަތްތެރީން އެމީހުނާދިމާލަށް އެއްޗެއް ނުބުނެވޭގޮތަށް ހަދަން އުޅޭ ގާނޫނު ނުހަދާ ބޭރުކުރާނީ ކިހިނެއްތޯއެވެ. އެ މީހުންގެ ޙާލަތާއި ގޮތް މިހާރު އެގިއްޖެނޫންތޯއެވެ. ތިމާ އެހެން އެއްވެސް މީހަކަށް ގަދަރެއް ނުކޮށް ހެއްދެވިހާ ހަޔާތެއްގޮވާ އުޅެފާ ވެރިކަމުގެ ބާރު ލިބުމުން އެޖަހާ ސަކަރާތް ރައްޔަތުން ދަނީ ގާތުން ބަލަމުންނެވެ.
    ހަމަ އެފާސްކުރާ ހުރިހާ ގާނޫނެއް ވަގުތު ތަންދިނުމުންބަދަލު ކުރެވޭނެއެވެ. ޔާމީނު ހެއްދެވި ކިތަންމެ ގާނޫނެއް މިވެރީންވެސް އަވަސް އަވަހަށް އެބަދަލުކުރީތާއެވެ. މިކުރާ ރުންކުރު ކަންތަކަށް ދެން 2023 ގައި ޖަވާބުދިނުމުން ހަމަޔަކަށް އެޅޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް