ރަހީނުކޮށް ކުޑަކުއްޖާ މަރާލުން: ކުއްޖާ އުފުލި ކާރު ފުލުހުން ބަލައިފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

ރަހީނުކޮށް މަރާލުމަށްފަހު އެއްލާލި އުމުރުން 13 އަހަރުގެ ފިހެންކުއްޖާ އުފުލި ކަމަށް ބެލެވޭ ޓެކްސީއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ.

ފުލުހުން ބުނީ އެ ފިހެންކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ތަހްގީގުނގެ ބޭނުމަށް އެ ކުއްޖާ އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.

ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. މި ކުއްޖާ ފެނިފައިވަނީ ރަހީނުކުރި މައްސަލައިގައި އެ ކުއްޖާ ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މިކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު މަރުގެ ހަގީގަތްހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު، 27، އާއި 17 އަހަރުގެ ކުއްޖެކެވެ. ޒިހާނުގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ.

ބޮޑެތި ކުށް ކަމަށް ކަނޑައަޅާފައިވާ ހަތަރު ކުށެއްގެ ތުހުމަތު ޒިހާނުގެ މައްޗަށް ކުރާއިރު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމަރު ކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެން ވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގައި ދެން ހައްޔަރުކުރި  17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަސް އިތުރު ކޮށްދީފަ އެވެ.

މިމައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިން ކަމަށް މަޢުލޫމާތު ލިބެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަޙުޤީގުކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް