ބ. ފެހެންދޫ ބަނދަރު ހެދުމާއި ބަނދަރާއި ގުޅޭ އެނޫންވެސް ބައެއް މަސައްކަތް ހިމެނޭ މަޝްރޫއުގެ 45 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީން) މިއަދު ބުނެފިއެވެ.
ނޭޝަނަލް ޕްލޭނިންގ މިނިސްޓްރީން 49.6 މިލިއަން ރުފިޔާ އަށް ހަވާލު ކުރި މި މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 10 އެއްގައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ނެރުފުންކުރުމުގެ 75 ޕަސެންޓް މަސައްކަތް ނިންމައި ހާބާރ ބޭސިންގެ މަސައްކަތުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެކުންފުނިން ބުނިގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން ފެހެންދޫ ބަދަނރު ފުންކުރުމާއި ބްރޭކްވޯޓާލުމާއި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މީގެ އިތުރުން ކީ ވޯލް އެޅުމާއި ނެރުބައްތި ހަރުކުރުމަށް ހަމަޖެހިފައިކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އެމްޓީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރުހެދުމާއި އެކި ސަރަހައްދުތަކުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.
އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން މަޑުޖެހިފަ އޮތުމަށްފަހު މިހާރު މީގެެތެރެއިން ގިނަ މަޝްރޫއުތަކުގެ މަސައްކަތް އެކުންފުނިން ވަނީ ފަށައިފައެވެ.
އަހަރުގެ ފުރަތަމަ ކުއާޓަގައި 62 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ އެމްޓީސީސީން ރާއްޖޭގެ އެކިހިސާބުތަކުގައި ގާތްގަނޑަކަށް 50 ވަރަކަށް ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.