އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް، ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ނ.ލަންދޫ ޗިޗަންޑާގެ، އިބްރާހިމް ނިހާން، 22، އަށެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ވަގުތެއްގައި އުމުރުން 17 އަހަރުގެ އަންހެންކުއްޖަކަށް ބިރުދައްކައި ބުލެކްމެއިލް ކޮށް އެކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ކޯޓްއަމުރެއްގެ ދަށުން މި މަހު 15 ގައެވެ.
ނިހާނުގެ ބަންދާމެދުގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރެވޭ މައްސަލައަކަށް ވެފައި، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ ނިހާނުގެ މަށްޗަށް ކުރެވޭ ތުހުމަތުގެ މައްސަަލަ ތަހުގީގުނިންމައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފުނުވުމުގެ މަސައްކަތް ކުރަމުންދާަކަމަށެވެ.
ކުޑަކުދިންނަށް ބިރުދައްކައި ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިން ބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ޕޮލިހުން އިލްތިމާސް ކުރައްވައެވެ.
މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ އިދާރާގެ 3000600 އަށް ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް ވެސް ފުލުހުން އެދެއެވެ.